އިޒްރޭލާއި އެމެރިކާއިން އިސްވެ އިރާނާ ދެކޮޅަށް ފެށި ހަނގުރާމައިގައި ހަނގުރާމަ ދެ ހަފުތާ އަށް ހުއްޓާލުމަށް ވީ އެއްބަސްވުމަށް އިރާނުން ވަރުގަދަ ޝަރތުތަކެއް ހުށަހޅައިފި އެވެ.
އިރާނަށް ހަމާލާ ދިނުން މެދުކަނޑާލަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމުމުން އިރާނުން ވެސް ވަގުތީ ގޮތުން ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެފަ އެވެ.
ދެ ހަފުތާ އަށް ހަނގުރާމަ ހުއްޓާލުމަށް ވި މި އެއްބަސްވުމުގެދަށުން ހޮރްމޫޒް ކަނޑުއޮޅި ހުޅުވާލުމަށް އިރާނުން ވަނީ ރުހުން ދީފަ އެވެ.
މައްސަލައިގައި ދެ ގައުމުގެ ދެމެދުގައި ކުރިއަށްދާ ސުލްހައިގެ މަޝްވަރާތައް އަންނަ ހުކުރު ދުވަހު ޕާކިސްތާނުގެ އިސްލާމްއާބާދުގައި ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.
އިރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ވިދާޅުވީ، ކުރިއަށް އޮތް ދެ ހަފުތާގައި އެ ކަނޑުއޮޅިން އުޅަނދުފަހަރަށް އެގައުމުގެ އަސްކަރިއްޔާގެ އެހީތެރިކަން ލިބިގެން ރައްކާތެރިކަމާއެކު ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށެވެ.
މި މަޝްވަރާތައް ބިނާވެފައިވަނީ އިރާނުގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލުން އެކުލަވާލާފައިވާ 10 ނުކުތާގެ މައްޗަށް އެކުލެވޭ ޕްލޭނެއްގެ މައްޗަށެވެ.
އިރާނުން ހުށަހެޅި ޝަރުތުތަކުގެ ތެރެއިން އެންމެ ވަރުގަދަ ނުކުތާތަކަކީ، ހޯރްމޫޒް ކަނޑުއޮޅީގެ ކޮންޓްރޯލް އިރާނަށް އޮތުމަށާއި، ގަލްފުގެ ގައުމުތަކުގައި ތިބި އެމެރިކާ ސިފައިން ބޭލުމަށް ހުށަހެޅި ހުށަހެޅުމެވެ.
އިރާނުގެ ވަށައިގެންވާ ގަލްފުގެ ގައުމުތަކުގައި އެމެރިކާއިން ވަނީ އަސްކަރީ މަރުކަޒުތައް ގާއިމުކޮށް، އެ ގައުމުގެ ގިނަ އަދަދެއްގެ ސިފައިން ބައިތިއްބާފަ އެވެ. ހަނގުރާމަ ހުއްޓާލުމަށް އިރާނުން ހުށަހެޅި ޝަރުތުތަކުގެ ތެރޭގައި، އެ ސަރަހައްދުގައި ތިބި އެމެރިކާގެ އަސްކަރީ ބާރުތައް އެއްކޮށް ބޭލުން ހިމެނެ އެވެ.
"މި ސަރަހައްދު [ގަ؛ްފްގެ ގައުމުތަކު] ގައިވާ ހުރިހާ އަސްކަރީ މަރުކަޒުތަކާއި ސިފައިން ބައިތިއްބާފައިވާ ތަންތަނުން އެމެރިކާގެ ހަނގުރާމަމަތީ ބާރުތައް ބޭލުން،" އިރާނުން ހުށަހެޅި ޝަރުތުތަކުގައި ވެ އެވެ.
އިރާނުން ހުށަހަޅާފައިވާ 10 ނުކުތާގެ މުހިންމު ބައިތައް ކުރުކޮށް
- ހޯރްމޫޒް ކަނޑުއޮޅި: އިރާނުގެ އަސްކަރިއްޔާގެ ބެލުމުގެ ދަށުން އެ ސަރަހައްދުގެ ދަތުރުފަތުރު ކޮންޓްރޯލްކުރުން
- އިރާނަށް އެހިވާ އެހެން ފަރާތްތަކާ ދެކޮޅަށް ކުރާ ހަނގުރާމަ ހުއްޓާލުން (ހިޒްބުﷲ އާއި ހޫތީން)
- މެދުއިރުމަތީގެ ހުރިހާ ސަރަހައްދަކުން އެމެރިކާގެ ހަނގުރާމަމަތީ ސިފައިން ބޭލުން
- އިރާނުގެ ފުރިހަމަ ބާރު ހިނގާގޮތަށް ކަނޑުއޮޅީގެ ރައްކާތެރިކަމުގެ އުސޫލުތައް ކަނޑައެޅުން
- ހަނގުރާމައިގެ ސަބަބުން އިރާނަށް ލިބުނު ހުރިހާ ގެއްލުމަކަށް ފުރިހަމަ ބަދަލު ދިނުން
- އިރާނާ ދެކޮޅަށް އަޅާފައިވާ ހުރިހާ ދަތިކުރުމުގެ ފިޔަވަޅުތަކާއި ގަރާރުތައް އުވާލުން
- ބޭރު ގައުމުތަކުގައި ފްރީޒްކޮށް ހިފަހައްޓާފައިވާ އިރާނުގެ ހުރިހާ ފައިސާއަކާއި މުދަލެއް ދޫކޮށްލުން
- މި ހުރިހާ ކަމަކީ އދ. ގެ ސަލާމަތީ މަޖިލީހުން ފާސްކުރާ މަޖުބޫރު ގަރާރެއްގެ ދަށުން ހިނގާ ކަންކަމަށް ހެދުން
އިރާނުން ބުނީ ހޮރްމޫޒް ކަނޑުއޮލީގެ ބާރުވެރިކަން އިރާނަށް ލިބިގެންވާ ގޮތަށް، ރައްކާތެރި ދަތުރުފަތުރުގެ އުސޫލުތަކެއް ގާއިމުކުރަންޖެހޭނެ ކަމަށެވެ.
ޓްރަމްޕް ވަނީ އިރާނުގެ ފޮރިން މިނިސްޓަރުގެ މި ބަޔާން އޭނާގެ އަމިއްލަ ސޯޝަލް މީޑީއާ ޕްލެޓްފޯމް "ޓްރުތް ސޯޝަލް" ހިއްސާކުރައްވައިފަ އެވެ.