އެމެރިކާ އާއި އިރާނުން ހަމަލާ ބަދަލުކުރުން ދެ ހަފުތާ އަށް މެދުކަނޑާލަން އެއްބަސްވިޔަސް ހޮރްމޫޒް ކަނޑުއޮޅީގެ ދަތުރުތައް އާންމު ހާލަތަކަށް އަވަހަށް އަންނާނެ ކަމަށް ނުބެލެވޭ ކަމަށް މެރިޓައިމް ފާމަކުން ބުނެފި އެވެ.
މެރިޓައިމް ދާއިރާގެ އެނަލިޓިކްސް ފާމުން ކްޕްލާ އިން ބުނީ އުޅަނދުފަހަރު ދުއްވާ ފަރާތްތަކުން އަދިވެސް ތިބީ މަސްރަހު އިތުރަށް ބަދަލުވާ ގޮތް ބަލަން މަޑުކޮށްގެން ކަމަށެވެ.
"މި އެއްބަސްވުމުގެ ސަބަބުން ކުރިމަތިވެދާނެ ބައެއް ހުރަސްތައް ކުޑަވެދާނެ. ނަމަވެސް މިއީ ކަނޑުދަތުރުފަތުރުގެ ކަންކަން ވަރަށް އަވަހަށް އާންމު ހާލަތަކަށް ރުޖޫއަވާނެ ކަމުގެ ނިޝާނެއް ނޫން،" އަލްޖަޒީރާގެ ކަވަރޭޖަށް ދިން އިންޓަވިއުގައި އެ ފާމުން ބުންޏެވެ.
އެ ފާމުން ބުނީ އުޅަނދުފަހަރުތަކަށް އަޅާފައިވާ ދަތިތަކަށް އަދިވެސް ހައްލެއް ނުލިބޭ ކަމަށެވެ. އިންޝުއަރެންސްގެ ދަތިތަކުގެ އިތުރުން ބޭންކިންގް ރިސްޓްރިކްޝަންތަކަށް އެއްވެސް ބަދަލެއް އަދިވެސް އައިސްފައި ނުވުމަކީ މައްސަލަ އަށް އަވަސް ހައްލެއް ނާންނާނެ ކަމަށް އެ ފާމުން ބުނާ ބައެއް ސަބަބުތަކެވެ.
ހަމަލާތައް މެދުކަނޑާލި ނަމަވެސް އަދި ވެސް އެ ސަރަހައްދގެ ސަލާމަތީ ކަންކަން ކަށަވަރު ނުވަނީސް އުޅަނދުފަހަރުތައް އެ ކަނޑުއޮލީން ދަތުރުކުރުމަކީ އުޅަނދު ދުއްވާ ފަރާތްތަކުން ކުރާނެ ކަމެއް ނޫން ކަމަށް އެ ފާމުން ބުންޏެވެ.
"ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުން ދެމިއޮތް ނަމަވެސް، މިހާރުގެ ސަލާމަތީ ހާލަތަށް ބަލާއިރު ދުވާލަކު އެ ސަރަހައްދުން ދަތުރުކުރެވޭނީ ގިނަވެގެން 10 އާއި 15 އާ ދެމެދުގެ އަދަދަކަށް އުޅަނދަށް،" އެ ފާމުން ބުންޏެވެ.