އެމެރިކާ އާއި އިޒްރޭކުން އީރާނާ ދެކޮޅަށް ކުރިއަށްދާ ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށްޓަކައި "މާނަހުރި މަޝްވަރާތަކެއް" ބޭއްވުމަށް މެދުވެރިއެއްގެ ދައުރު އަދާކޮށް، އެ ބައްދަލުވުންތައް ޕާކިސްތާނުގައި ބޭއްވުމަށް ތައްޔާރަށް އޮތް ކަމަށް އެ ގައުމުގެ ބޮޑުވަޒީރުގެ ނައިބު އަދި ފޮރިން މިނިސްޓަރު އިސްހާގް ދާރް އިއްޔެ ވިދާޅުވެއްޖެ އެވެ.
ޕާކިސްތާން ވެފައިވަނީ އެމެރިކާ އާއި އީރާނާ ދެމެދުގައި މެސެޖުތައް ބަދަލުކޮށް، ހަނގުރާމަ އިތުރަށް ފުޅާވިޔަނުދީ ހިފެހެއްޓުމަށް މަސައްކަތްކުރާ މުހިންމު މެދުވެރިއަކަށެވެ.
ސައޫދީ އަރަބިއްޔާ، މިސްރު އަދި ތުރުކީގެ ފޮރިން މިނިސްޓަރުންނާ އެކު އިއްޔެ އެތައް ގަޑިއިރަކު މަޝްވަރާކުރައްވާފައި ވާއިރު. ބޮޑު ސަމާލުކަމެއް ދިނީ ހަނގުރާމައިގެ ސަބަބުން ހޮރްމޫޒް ކަނޑުއޮޅީގެ ދަތުރުފަތުރަށް ހުރަސްއެޅިފައިވާ މައްސަލައަށެވެ.
ޓީވީ މެދުވެރިކޮށް ދެއްވި ބަޔާނެއްގައި ދާރު ވިދާޅުވީ، ޒިޔާރަތްކުރެއްވި ވަޒީރުން، ޕާކިސްތާނުން ބާއްވާ މަޝްވަރާތަކަށް ފުރިހަމައަށް ތާއީދު ކުރައްވާފައިވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ވަޒީރުން ބާރުއެޅުއްވީ ހަމަނުޖެހުންތައް ހުއްޓުވައި ސަރަހައްދީ ސުލްހަ ގާއިމުކުރުމަށް އޮތް ހަމައެކަނި މަގަކީ ވާހަކަދެއްކުމާއި ޚާރިޖީ ގުޅުންތައް ކަމަށެވެ.
ޕާކިސްތާނުން މި މަސައްކަތް ކުރަނީ އީރާނާ އެކު އޮތް އެތައް ޒަމާނެއްވީ ގުޅުމާއި، ގަލްފު ގައުމުތަކާ އެކު އޮތް ގާތްކަމުގެ ބޭނުން ހިފައިގެންނެވެ. ހަމައެއާ އެކު ބޮޑުވަޒީރު ޝެހްބާޒް ޝަރީފާއި އަސްކަރީ ވެރިޔާ ފީލްޑް މާޝަލް އާސިމް މުނީރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ އެކު ބާއްވަވާ ގާތް ގުޅުމުގެ ފައިދާ ވެސް މިކަމުގައި ނަގަން ބޭނުންވެ އެވެ.
ދާރު ވިދާޅުވި ގޮތުގައި، އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން އަދި ފޮރިން މިނިސްޓަރު އައްބާސް އަރަޣްޗީއާ އެކު ފޯނުން ކޮންމެ ދުވަހަކުހެން ވާހަކަދައްކަވާއިރު، އެމެރިކާގެ ސަރުކާރާ އެކު ވެސް ޕާކިސްތާނުން އަންނަނީ މަސައްކަތްކުރަމުންނެވެ. އޭނާ ވިދާޅުވީ ދެ ގައުމުން ވެސް ޕާކިސްތާނަށް އިތުބާރު ކުރާ ކަމަށެވެ.
އިއްޔެގެ ބައްދަލުވުމުގައި އެމެރިކާ، އިޒްރޭލު އަދި އީރާނުގެ މަންދޫބުންނެއް ބައިވެރިއެއް ނުވެ އެވެ. މި ބައްދަލުވުމުގެ މައިގަނޑު އަމާޒަކީ ސަރަހައްދުގެ ހާލަތު އިތުރަށް ގޯސްވާނެ ކަންތައް ވިޔަ ނުދިނުމެވެ.
އީރާނުން އެމެރިކާއާ އެކު ރަސްމީ މަޝްވަރާއެއް ކުރާކަމަށް އެއްބަސްނުވި ނަމަވެސް، ހަނގުރާމަ ހުއްޓާލުމަށް ޓްރަމްޕް ހުށަހެޅުއްވި 15 ނުކުތާގެ ޕްލޭނަށް ޕާކިސްތާނު މެދުވެރިކޮށް އީރާނުން ޖަވާބު ދީފައިވާ ކަމަށް އީރާނުގެ ތަސްނީމް ނިއުސް އެޖެންސީން ވަނީ ރިޕޯޓުކޮށްފަ އެވެ. -- އޭއެފްޕީ