މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ބެހޭގޮތުން މަޝްވަރާކުރުމަށް ޕާކިސްތާނުގައި ސައޫދީ އަރަބިއްޔާ، ތުރުކީ އަދި މިސްރުގެ ފޮރިން މިނިސްޓަރުން ބައްދަލުކުރައްވާނެ ކަމަށް ޕާކިސްތާނުން މިއަދު ދުވަހު ބުނެފި އެވެ.
ސަރުކާރުން ބުނީ ޕާކިސްތާނުގެ ފޮރިން މިނިސްޓަރު އިޝްހާގް ދާރު އެ ބޭފުޅުންނަށް ދައުވަތު ދެއްވާފައިވާ ކަމަށާއި، މާދަމާ އެ ބޭފުޅުން ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ތިއްބަވާނެ ކަމަށެވެ.
"މި ދަތުރުގައި ފޮރިން މިނިސްޓަރުން ތަފާތު އެކި ދާއިރާތަކުން ފުންކޮށް މަޝްވަރާކުރައްވާނެއެވެ. މީގެ ތެރޭގައި ސަރަހައްދުގެ ނުތަނަވަސްކަން ކުޑަކުރުމަށް ކުރެވޭ މަސައްކަތްތައް ހިމެނެ އެވެ،" ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.
ފޮރިން މިނިސްޓަރުން ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފާ ވެސް ބައްދަލުކުރައްވާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.
މި ހަތަރު ގައުމުގެ ބައްދަލުވުން އޮންނާނީ ހޯމަ ދުވަހު ކަމަށާއި، ވަފުދުތައް މާދަމާ އިރުއޮއްސޭ ހާއިރު ޕާކިސްތާނަށް އަންނާނެ ކަމަށް ބެލެވޭ ކަމަށް ފޮރިން މިނިސްޓްރީގެ އޮފިޝަލަކު އޭއެފްޕީއަށް ވިދާޅުވި އެވެ.
މި ހަނގުރާމަ ދިގުލައިގެންދާއިރު މައްސަލަ ހައްލުކުރެވޭތޯ އީރާނާއި އެމެރިކާއާ ދެމެދު މެސެޖުތައް ބަދަލުކުރާ މެދުވެރިއެއްގެ ގޮތުގައި ޕާކިސްތާނުން އަންނަނީ މަސައްކަތްކުރަމުންނެވެ.
ޕާކިސްތާނަކީ އީރާނުގެ ޒަމާންވީ އެކުވެރި ގައުމަކަށް ވާއިރު އެއީ ގަލްފުގެ ގައުމުތަކާ ގާތް ގުޅުމެއް ބާއްވާ ގައުމެކެވެ. ހަމައެއާ އެކު، ބޮޑުވަޒީރު ޝަރީފާއި އަސްކަރިއްޔާގެ ވެރިޔާ ފީލްޑް މާޝަލް އަމީން މުނީރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ގާތް ގުޅުމެއް ބާއްވަ އެވެ.
ތުރުކީގެ ފޮރިން މިނިސްޓަރު ހަކާން ފިދާން، އަމިއްލަ މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި ގޮތުގައި މި ބައްދަލުވުން ފުރަތަމަ ބާއްވަން ރޭވީ ތުރުކީގަ އެވެ.
"ނަމަވެސް، ޕާކިސްތާނުގެ މިނިސްޓަރުން އެ ގައުމުގައި މަޑުކުރަން ޖެހިވަޑައިގަތުމުން، އަޅުގަނޑުމެން ބައްދަލުވުން ޕާކިސްތާނަށް ބަދަލުކުރީ،" ހުކުރު ދުވަހުގެ ރޭ އޭނާ ވިދާޅުވި އެވެ.
ޖަރުމަނުގެ ފޮރިން މިނިސްޓަރު ޔޯހަން ވަޑެފުލް ހުކުރު ދުވަހު ވަނީ، މާ ލަސްތަކެއް ނުވެ އެމެރިކާ އާއި އީރާނުގެ ސީދާ ބައްދަލުވުމެއް ޕާކިސްތާނުގައި އޮންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އޭނާ އެ މައުލޫމާތު ލިބުނު ގޮތެއް ހާމައެއް ނުކުރައްވަ އެވެ.
އެމެރިކާއާ އެކު ރަސްމީ މަޝްވަރާތަކެއް ބާއްވާކަމަށް އީރާނުން އިންކާރު ކުރި ނަމަވެސް، ހަނގުރާމަ ހުއްޓާލުމަށް ޓްރަމްޕް ހުށަހެޅުއްވި 15 ނުކުތާގެ ޕްލޭނަށް އީރާނުން ދިން ޖަވާބު ޕާކިސްތާން މެދުވެރިކޮށް ވަނީ ފޮނުވާފައި ކަމަށް އީރާނުގެ ތަސްނީމް ނިއުސް އެޖެންސީން ވަނީ ބުނެފަ އެވެ. -- އޭއެފްޕީ