އީރާނުގެ އިންޓެލިޖެންސް މިނިސްޓަރު އިސްމާއިލް ޚަތީބު އަވަހާރަކޮށްލާފައިވާ ކަމަށް އިޒްރޭލުން މިއަދު ބުނެފި އެވެ.

އިޒްރޭލުން ބުނީ އީރާނުގެ ސަރުކާރުގެ އެއްވެސް އިސްވެރިއަކު ފެނިއްޖެ ނަމަ އިތުރު ހުއްދައެއް ހޯދުމަކާ ނުލައި އަވަހާރަކޮށްލުމުގެ ފުރިހަމަ ބާރު އަސްކަރިއްޔާއަށް މިހާރު ދީފައިވާ ކަމަށެވެ.

އިންޓެލިޖެންސް މިނިސްޓަރު އަވަހާރަކޮށްލާފައި މި ވަނީ އީރާނުގެ ނޭޝަނަލް ސެކިއުރިޓީ ޗީފް އަލީ ލަރީޖާނީ އަވަހާރަކޮށްލިކަން ކަށަވަރުވިތާ އެއްދުވަސް ފަހުންނެވެ.

އިޒްރޭލުގެ ޑިފެންސް މިނިސްޓަރު އިސްރާއިލް ކާޓްޒް ނެރުނު ބަޔާނެއްގައި ބުނީ، "ރޭގެ ވަގުތެއްގައި އީރާނުގެ އިންޓެލިޖެންސް މިނިސްޓަރު ޚަތީބު ވެސް ވަނީ ނައްތާލާފައި" ކަމަށެވެ.

"ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އަހަރެން ވާނީ، އިންޓެލިޖެންސް މައުލޫމާތު ފުރިހަމަވެ، އޮޕަރޭޝަނަލް ގޮތުން ކުރަންޖެހޭ ކަންކަން ފުރިހަމަވާ ހާލަތުގައި އީރާނުގެ އިސް ކޮންމެ އޮފިޝަަލެއް ވެސް، އިތުރު ހުއްދައަކާ ނުލައި، 'ނައްތާލުމުގެ' ބާރު އިޒްރޭލް ޑިފެންސް ފޯސަސްއަށް ދީފައި،" ކާޓްޒެ ބަޔާޏުގައިވެ އެވެ. 

މިކަމާ ގުޅޭގޮތުން އީރާނުން އަދި ރަސްމީކޮށް ވާހަކައެއް ނުދައްކަ އެވެ. ނަމަވެސް ލަރީޖާނީގެ މަރާ ގުޅިގެން އީރާނުން ވަނީ ގަދަފަދަ ބަދަލެއް ހިފާނެ ކަމުގެ އިންޒާރު ދީފަ އެވެ.

ފެބްރުއަރީ 28 ގައި އެމެރިކާ އާއި އިޒްރޭލުން ދިން ހަމަލާތަކުގައި އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލުމާ އެކު ފެށިފައިވާ ހަނގުރާމަ މިހާރު ވަނީ ތިން ވަނަ ހަފްތާއަކަށް ދިގު ދެމިގެން ގޮސްފަ އެވެ. 

އިޒްރޭލުން ވަނީ ފަލަސްތީނުގެ އިސްލާމިކް ޖިހާދުގެ އަސްކަރީ ވެރިޔާ އަކްރަމް އަލް-އަޖޫރީއަށް އަމާޒުކޮށް ވެސް ހަމަލާދީފަ އެވެ. އަދި އީރާނުގެ އާ ލީޑަރު މުޖްތަބާ ޚާމަނާއީ ހޯދައި އަވަހާރަކޮށްލާނެ ކަމަށްވެސް ވަނީ ބުނެފަ އެވެ.

ދިރާސާކުރާ މީހުން ބުނާ ގޮތުގައި އިޒްރޭލުން މިހާރު ކުރިއަށްގެންދަނީ އީރާނުގެ ސަރުކާރު ނައްތާލުމުގެ [ކައުންޓަ-ރެޖީމް ވޯފެއާ] އެކެވެ. މީގެ ބޭނުމަކީ އީރާނުގެ ސިޔާސީ އަދި ސަލާމަތީ އޮނިގަނޑު މުޅިން ރޫޅާލައި، އެ ގައުމުގެ ސަރުކާރު ބަލިކަށިކޮށްލުމެވެ.