އީރާނުގެ ނުފޫޒުގަދަ ނޭޝަނަލް ސެކިއުރިޓީ ޗީފް، އިޒްރޭލުގެ ވައިގެ ހަމަލާއެއްގައި އަވަހާރަކޮށްލާފައިވާކަން އީރާނުން އަންގާރަ ދުވަހު ކަށަވަރުކޮށްދީފި އެވެ.
އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ، ލަރީޖާނީ އަކީ އީރާނާއި އިސްލާމީ އިންގިލާބުގެ ކުރިއެރުމަށް މުޅި އުމުރު ހޭދަކުރެއްވި ބޭފުޅެއް ކަމަށާއި، އޭނާ "ޝަހީދުވީ ގައުމީ ހިދުމަތުގެ ސަފުގައި" ހުންނަވަނިކޮށް ކަމަށެވެ.
"އީރާންގެ އިސްލާމީ އިންގިލާބު ކުރިއެރުވުމުގައި މުޅި އުމުރު ހޭދަކުރެއްވުމަށް ފަހު، މަތިވެރި ގޮވައިލެއްވުމާ އެކު އޭނާގެ ޒަމާންވީ އުންމީދު ހާސިލްވެ، ޝަރަފްވެރިކަމާ އެކު ޝަހީދެއްގެ ދަރަޖާގައި އެ ވަޑައިގަތީ ގައުމީ ހިދުމަތުގައި ހުންނަވައިގެން،" ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ބަޔާނުގައިވެ އެވެ.
ލަރިޖާނީ އަވަަހަރާކޮށްލުމަށް ފަހު އިޒްރޭލުން ވަނީ އީރާނުގެ އާ ސުޕްރީމް ލީޑަރު މުޖްތަބާ ޚާމަނާއީ ހޯދައި އަވަހާރަކޮށްލާނެ ކަމުގެ އިންޒާރު ވެސް ދީފަ އެވެ.
އަލީ ލަރީޖާނީގެ މަރަކީ އީރާނަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއްގެ ގޮތުގައި ވަނީ ބެލެވިފަ އެވެ. އީރާނުގެ ދުވަސްވީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަވިތާ ތިން ހަފްތާ ނުވަނީސް ލަރީޖާނީ އަވަހާރަކޮށްލި އިރު މިދިޔަ މަހުގެ 28 ގައި އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދޭން ފެށި ހަމަލާތަކާ އެކު މުޅި މެދުއިރުމަތި ވަނީ ހަނގުރާމައިގެ ތެރޭގަ އެވެ.
ލަރިޖާނީ އަވަހާރަކޮށްލާފައިވަނީ ހޮރްމުޒް ކަނޑުއޮޅީގެ ދަތުރުފަތުރުތައް ހަނގުރާމައިގެ ކުރިން އޮތް ހާލަތަށް އެނބުރި ނުދާނެ ކަމަށް އީރާނުގެ ގާނޫނު މަޖިލީހުގެ ރައީސް ވިދާޅުވެފައިވަނިކޮށެވެ. ހަމައެއާއެކު، ތެޔޮ އުފުލާ ބޯޓުފަހަރަށް ހިމާޔަތް ދިނުމަށް އެކުވެރި ގައުމުތަކުން އެހީތެރިނުވާތީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަރަށް ބޮޑަށް ފާޑު ވިދާޅުވުމަށް ފަހު، ދެން އެއްވެސް ބައެއްގެ އެހީ ބޭނުން ނުވާ ކަމަށް ވިދާޅުވެފައި ވަނިކޮށެވެ.
ލަރިޖާނީގެ އިތުރުން ބަސީޖް ޕެރަމިލިޓަރީ ފޯސްގެ ކޮމާންޑަރު ގުލާމްރޭޒާ ސުލައިމާނީ ވެސް އަވަހާރަކޮށްލާފައިވާކަން އީރާނުން ވަނީ ކަށަވަރުކޮށްދީފަ އެވެ.
އިޒްރޭލުގެ އަސްކަރީ ތަރުޖަމާނު ބްރިގޭޑިއާ ޖެނެރަލް އެފީ ޑެފްރިން ނޫސްވެރިންނާ ބައްދަލުކޮށް ބުނީ، އީރާނުގެ އާ ލީޑަރު މުޖްތަބާ ޚާމަނާއީ ވެސް އަވަހާރަކޮށްލާނެ ކަމަށެވެ.
"އަހަރެމެންނަކަށް މުޖްތަބާ ޚާމަނާއީ ވީތަނެއް އަދި ނޭނގެ. އޭނާގެ އަޑެއް ވެސް ނީވޭ، ނުވެސް ފެނޭ. އެކަމަކު އެއް ކަމެއް ބުނެފާނަން. އަހަރެމެން އޭނާ އޭނާ ހޯދައި ނައްތާލާނަން،" އޭނާ ބުންޏެވެ.
އިޒްރޭލުގެ ބޮޑުވަޒީ ބެޖަމިން ނަތަންޔާހޫ ބުނީ ލަރިޖާނީ އަކީ އިންގިލާބީ ލަޝްކަރުގެ "ބޮސް" ކަމަށެވެ.