އެމެރިކާ އާއި އިޒްރޭލުން އީރާނަށް އިއްޔެ ދިން ފުރަތަމަ ހަމަލާތަކުގައި އީރާންގެ ކުރީގެ ރައީސް މަހްމޫދު އަހްމަދީ ނިޖާދު ވެސް އަވަހާރަކޮށްލާފައިވާ ކަމަށް ބައެއް ނިއުސް އެޖެންސީތަކުން ބުނެފި އެވެ.
އަހްމަދީނިޖާދު އަވަހާރަވީ އީރާންގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އާއި އެހެން އިސް ބޭފުޅުންނަަށް އަމާޒުކޮށް ޕާޝްތޫރު ސަރަހައްދަށް ދިން ހަމަލާތަކުގައި ކަމަށް އިޒްރޭލުގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ. އެ ސަރަހައްދަކީ ސަރުކާރުގެ އިސް ވެރިން އުޅުއްވާ ސަރަހައްދެކެވެ.
އީރާންގެ ރައީސްކަން 2005 އިން 2013 އަށް ކުރެއްވި އަހްމަދީނިޖާދު އަވަހާރަވީ ތިން ބޮޑީ ގާޑުންނާ އެކު ހުންނަވަނިކޮށް ގެކޮޅަށް ދިން ހަމަލާއެއްގައި ކަމަށް ވެސް ބުނެފައިވެ އެވެ.
ހުޅަނގާއި އެމެރިކާއާ ދެކޮޅަށް ހަރުކަށި އަދި ޖެހިލުން ކުޑަ ސިޔާސަތެއް ގެންގުޅުއްވި އަހަމްދީނިޖާދް ވަނީ 2024 ވަނަ އަަހަރު ވެސް ރިޔާސީ އިންތިހާބަށް ނަން ހުށަހަޅުއްވައިފަ އެވެ. އަދި އޭގެ ކުރިން 2017 އަދި 2011 ވަނަ އަހަރު ވެސް ރިޔާސީ އިންތިހާބަށް ނަން ހުށަހެޅުއްވި އެވެ. އެކަމަކު އެއިން ކޮންމެ ފަހަރަކު ވެސް ޝޫރާ ކައުންސިލުން ވަނީ އަހްމަދީނިޖާދުގެ ނަން ފާސް ނުކުރަން ނިންމައިފަ އެވެ.
އަހްމަދީނިޖާދަކީ އީރާންގެ ނިއުކްލިއާ ޕްރޮގްރާމް ކުރިއެރުވުމުގައި ހުޅަނގުގެ އިންޒާރުތަކަށް ބެއްލެވުމެއް ނެތި މަސައްކަތް ކުރެއްވި، ހުޅަނގުގެ ގައުމުތަކުގެ ނުރުހުން ބޮޑު ލީޑަރެކެވެ. އަދި އޭނާ އަކީ އިޒްރޭލާ ދެކޮޅަށް ވެސް ފާޅުގައި އިންޒާރު ދެއްވުމުގައި މަޝްހޫރު ބޭފުޅެކެވެ.