އީރާންގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އިޒްރޭލާއި އެމެރިކާގެ ހަމަލާތަކުގައި އަަވަހާރަކޮށްލާފައިވާ ކަމަށް ބުނާ ވާހަކަ ދޮގުކުރަމުން ދިއުމަށް ފަހު އީރާނުން އެންމެ ފަހުން އެކަމަށް އެއްބަސްވެ ރަސްމީކޮށް އިއުލާނުކޮށްފި އެވެ.
އުމުރުން 86 އަހަރުގެ ޚާމަނާއީ އަވަހާރަޮށްލާފައިވާ ކަމަށް އެމެރިކާ އާއި އިޒްރޭލުން އިއުލާނުކުރި ނަމަވެސް އީރާނުން ބުނަމުން ދިޔައީ އެއީ ދޮގެއް ކަމަށެވެ.
އެކަމަކު މިއަދު ހެނދުނު އީރާންގެ ގައުމީ ޓީވީން ވަނީ ޚާމަނާއީ އަވަހާރަވެފައިވާ ކަމަށާއި އެކަމުގެ ބަދަލު ހިތިކޮށް ހިފާނެ ކަމުގެ އިންޒާރު ދީފަ އެވެ.
ޚާމަނާއީގެ އިތުރުން އީރާންގެ ޖުޑީޝަރީން ވަނީ އީރާންގެ އިންގިލާބީ ލަޝްކަރުގެ ވެރިޔާ ޖެނެރަލް މުހައްމަދު ޕަކްޕޫރް އާއި އިސް މުޝީރު އަލީ ޝަމްޚާއީ ވެސް އަވަރާވެފައިވާ ކަމަށް ބުނެފަ އެވެ.
އީރާންގެ ގައުމީ ޓީވީން ބުނި ގޮތުގައި އީރާން ހިންގުން މިހާރު ވަނީ ރައީސް މަހްމޫދު ޕެޚެޝްކިއަން އާއި އިތުރު ދެ އޮފިޝަލަކު ހިމެނޭ ވަގުތީ ކޮމިޓީއަކާ ހަވާލުކޮށްފަ އެވެ.
ޚާމަނާއީ އަވަހާރަވެފައިވުން ގާތް ކަމަށް ބުނެ އެންމެ ފުރަތަމަ ރިޕޯޓްކުރީ އިޒްރޭލުގެ އޮފިޝަލުންނާ ހަވާލާދީ އިޒްރޭލުގެ ޗެނަލް 12 އިންނެވެ. އެ ޗެނަލުން ބުނި ގޮތުގައި ޚާމަނާއި އާއި އެހެން ވެރިން އުޅުއްވާ ސަރަހައްދުތަކަށް އަމާޒުކުރި ވަރުގަދަ ހަމަލާތަކުގައި ޚާމަނާއީގެ ކޮމްޕައުންޑަށް 30 ބޮން އަޅާފައިވާ ކަމަށެވެ.
އޭގެ ފަހުން އެމެރިކާގެ ރައީސް އާއި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެކަން އިއުލާނުކުރި ނަމަވެސް އީރާންގެ ޗެނަލްތަކުން ވަނީ އެ ވާހަކަ ދޮގުކޮށްފަ އެވެ. އަވަހާރަވިކަން ރަސްމީކޮށް އިއުލާނުކުރީ އެމެރިކާ އާއި އީރާންގެ ވާހަކަ ދޮގުކުރިތާ މާ ގިނައިރުތަކެއް ނުވެ އެވެ.