އިޒްރޭލާއި އެމެރިކާއިން އީރާނަށް ދިން ހަމަލާތަކުގައި އެ ގައުމުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލާފައި ވާތީ އާ ލީޑަރަކު ކަނޑައެޅުމުގެ މަސައްކަތް މިއަދު ފަށާނެ ކަމަށް ސެކިއުރިޓީ ޗީފް އަލީ ލަރިޖާނީ ވިދާޅުވެއްޖެ އެވެ. 

"ވަރަށް އަވަހަށް އިންތިގާލީ ލީޑާޝިޕް ކައުންސިލެއް އެކުލަވާލާނަން. ރައީސް އާއި ޖުޑިޝަރީގެ ވެރިޔާ އަދި ޝޫރާ ކައުންސިލްގެ ބޭފުޅަކު ޒިންމާތަކާ ހަވާލުވާނެ،" އީރާނުގެ އެންމެ އިސް ސަލާމަތީ އިދާރާ ކަމަށްވާ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ވެރިޔާ ލަރިޖާނީ ވިދާޅުވި އެވެ.

"ވީހާ ވެސް އަވަހަކަށް މި ކައުންސިލް އެކުލަވާލާނަން. އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ މިއަދު މިކަން ހަމަޖެހޭތޯ،" ދައުލަތުގެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވި އެވެ.

ޚާމަނާއީގެ އިތުރުން އީރާންގެ ޖުޑީޝަރީން ވަނީ އީރާންގެ އިންގިލާބީ ލަޝްކަރުގެ ވެރިޔާ ޖެނެރަލް މުހައްމަދު ޕަކްޕޫރް  އާއި އިސް މުޝީރު އަލީ ޝަމްޚާއީ ވެސް އަވަރާވެފައިވާ ކަމަށް ބުނެފަ އެވެ. 

މި ބޭފުޅުންގެ އިތުރުން ޗީފް އޮފް ސްޓާފް އޮފް ދަ އާމްޑް ފޯސަސް އަބްދުއްރަހީމް މޫސާވީ އާއި ޑިފެންސް މިނިސްޓަރު އަޒީޒް ނާސިރު ޒާދާ ވެސް އަވަހާރަ ވެފައިވާކަން އީރާންގެ ރަސްމީ ނިއުސް އެޖެންސީ އިރްނާ އިން ބުންޏެވެ.

އީރާނުން ވަނީ ޚާމަނާއީގެ މަރާ ގުޅިގެން ހިތާމައިގެ 40 ދުވަސް އިއުލާނުކޮށްފަ އެވެ.

އުމުރުން 86 އަހަރުގެ ޚާމަނާއީ އަވަހާރަކޮށްލީ އޭނާ އުޅުއްވާ ކޮމްޕައުންޑަށް އިޒްރޭލާއި އެމެރިކާއިން އިއްޔެ ދިން ހަމަލާތަކުގަ އެވެ. އިޒްރޭލުން ބުނި ގޮތުގައި އިއްޔެ ފުރަތަމަ ދިން ހަމަލާތަކުގައި ޚާމަނާއީ ވަނީ އަވަހާރަވެފަ އެވެ. އެކަމަކު އީރާނުން އެކަން ކަށަަވަރުކޮށްދީނީ ރޭ މެންދަމުން އަލިވި ފަހުންނެވެ. 

އީރާނަށް ފުރަތަމަ ހަމަލާ ދީފައިވަނީ ވެރިރަށް ތެހެރާންގައި ރައީސް އޮފީހާއި ގައުމީ ސަލާމަތީ ކަންކަމާ ބެހޭ އޮފީސްތައް ހުންނަ ޕަސްތޫރު  ސްޓްރީޓާއި ސުޕްރީމް ލީޑަރުގެ ކޮމްޕައުންޑާއި އެސެމްބްލީ އޮފް އެކްސްޕާޓްސް ކައިރި އަށެވެ.  

އިޒްރޭލުގެ ޗެނަލް 12 އިން ބުނެފައިވާ ގޮތުގައި ޚާމަނާއި އުޅުއްވާ ކަމަށް ބެލެވޭ ކޮމްޕައުންޑަށް އިޒްރޭލާއި އެމެރިކާއިން 30 ބޮން އަޅާފައިވެ އެވެ. ސެޓެލައިޓް ފޮޓޯތަކުން ފެންނަ ގޮތުގައި އެ ތަން ވަނީ ހަމަލާއަށް ފަހު އެއްކޮށް ހަލާކުވެފަ އެވެ.