ވަކި އުމުރުފުރާތަކަށް ސޯޝަލް މީޑިއާ މަނާކުރެވޭ ގޮތް ހެދުމާ ބެހޭ ގޮތުން ސޯޝަލް މީޑިއާ ކުންފުނިތަކާ އެކު ސަރުކާރުން ވާހަކަ ދައްކަމުން އަންނަ ކަމަށް އިންޑިއާގެ އައިޓީ މިނިސްޓަރު އަޝްވިނީ ވައިޝްނަވް ވިދާޅުވެއްޖެ އެވެ.
ނިއު ދިއްލީގައި ފެށި ގްލޯބަލް އާޓިފިޝަލް އިންޓެލިޖެންސް ކޮންފަރެންސްގައި ވައިޝްނަވް ވިދާޅުވީ ކުރިއަށް އޮތް ދެ އަހަރު ތެރޭގައި އޭއައި އަށް 200 ބިލިއަން ޑޮލަރު އިންވެސްޓްކުރާނެ ކަމަށާއި ހަމަ އެއާ އެކު ޑީޕްފޭކް ކޮންޓެންޓާ ބެހޭ ހަރުދަނާ އުސޫލުތަކެއް ވެސް ބޭނުންވާ ކަމަށެވެ.
މިދިޔަ ޑިސެމްބަރު މަހުން ފެށިގެން އޮސްޓްރޭލިއާގައި ޓިކްޓޮކް، ޔޫޓިއުބް، ސްނެޕްޗެޓް އަދި އެނޫން ވެސް ބޮޑެތި ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް 16 އަހަރުން ދަށުގެ ކުދިންނަށް މަނާކުރުމާ އެކު ސޯޝަލް މީޑިއާ ކުންފުނިތަކަށް ވަނީ އެ އުމުރުގެ ކުދިން ބޭނުންކުރަމުން ދިޔަ އެކައުންޓްތައް ޑިލީޓްކުރަން މަޖުބޫރުކޮށްފަ އެވެ.
އޭގެ ފަހުން މިދިޔަ މަހު ފްރާންސުން ވެސް ވަނީ އުމުރުން 15 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރުމާ ބެހޭ ބިލެއް ފާސްކޮށްފަ އެވެ.
"ވަކިއުމުރުފުރަޔަކަށް ސޯޝަލް މީޑިއާ މަނާކުރުމަކީ ގައުމުތަކުން މިހާރު ބަލައިގެންފައިވާ ކަމެއް،" އޭއައި އިމްޕެކްޓް ސަމިޓްގައި ވައިޝްނަވް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވި އެވެ.
"މިވަގުތު މި ގެންދަނީ ޑީޕްފޭކާއި ވަކިއުމުރުފުރަޔަކަށް މަނާކުރެވޭ ގޮތް ހެދުމާ ބެހޭ ގޮތުން ސޯޝަލް މީޑިއާ އެކި ޕްލެޓްފޯމްތަކާ އެކު މަޝްވަރާކުރަމުން ... އެއީ މިކަން ކުރާނެ ރަނގަޅު ގޮތަކާ ބެހޭ ގޮތުން،" އޭނާ ވިދާޅުވި އެވެ.
އިންޑިއާގެ އަންދްރަ ޕްރަދޭޝްގެ ސްޓޭޓް މިނިސްޓަރަކު މީގެ ކުރިން ވަނީ ކުޑަކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރަން އެ ސްޓޭޓްގެ ސަރުކާރުން ތައްޔާރުވަމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ. އެކަމަކު ވައިޝްނަވްގެ މި ވާހަކަ އަކީ މުޅި އިންޑިއާގައި މި ފިޔަވަޅު އަޅަން ތައްޔާރުވަމުން އަންނަކަން ހާމަކުރި ފުރަތަމަ ފަހަރެވެ.
މިދިޔަ ހަފުތާގައި އިންޑިއާ އިން ވަނީ އާޓިފިޝަލް އިންޓެލިޖެންސް ޓެކްނޮލޮޖީއާ ބެހޭ ގަވާއިދުތައް ހަރުކަށިކޮށް، އޭއައި އިން އުފައްދާފައިވާ އެއްޗެއްކަން އެނގޭނެ ގޮތަށް ލޭބަލްކުރުމަށް އަންގައިފަ އެވެ. އަދި އެފަދަ ކޮންޓެންޓެއް ނަގަން ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން އަންގައިފި ނަމަ ތިން ގަޑިއިރު ތެރޭ ނަގަން ވެސް ލާޒިމުކުރެ އެވެ.
"ޑީޕްފޭކާ ބެހޭ ގަވާއިދު އަދިވެސް އިތުރަށް ހަރުކަށިކުރަންޖެހޭ،" ވައިޝްނަވް ވިދާޅުވި އެވެ.
"މިއީ ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަ މައްސަލައެއް. މި ނުރައްކާތެރިކަމުން އަޅުގަނޑުމެންގެ ދަރިން ރައްކާތެރިކޮށް، އަޅުގަނޑުމެންގެ މުޖްތަމައި ސަލާމަތް ކުރަން އެބަޖެހޭ."
ފަސް ދުވަހުގެ މުއްދަތަށް އިންޑިއާގައި ކުރިއަށްދާ އޭއައި ސަމިޓުގައި އެކި ގައުމުތަކުގެ ވިއްސަކަށް ލީޑަރުންނާއި ވަޒީރުން ބައިވެރިވެ ވަޑައިގަނެ އެވެ. މި ސަމިޓްގައި އޭއައިގެ ސަބަބުން ވަޒީފާތަކަށް ބުރޫ އަރާ މައްސަލަތަކާއި އޭއައިގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކާ ގުޅޭ ގޮތުން މަޝްވަރާކުރާނެ އެވެ. -- އޭއެފްޕީ