ތިލަމާލެ ބްރިޖު މަސައްކަތުގެ "ނުފެންނަ ފަޅި" ފެންނަ ވީޑިއޯތަކަކަށް ފޭސްބުކްގައި ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެ އެވެ.
"ސާޖް އެސް. އެސްޓްރާޑާ" ކިޔާ ފޭސްބުކްގެ ޕަބްލިކް ޕޭޖަކުން ހިއްސާކޮށްފައިވާ މި ވީޑިއޯތަކަށް ވަނީ އެތައް މިލިއަން ވިއުސްއެއް ލިބިފަ އެވެ. އެންމެފަހުން އާންމުކުރި ތިން ވީޑިއޯއަށް ވެސް 2.9 - 3.2 މިލިއަންއާ ދެމެދުގެ އަދަދަކަށް ވިއުސް ލިބިފައިވެ އެވެ. އަދި އެތައް ބަޔަކު މި ވީޑިއޯތައް ޝެއާކޮށް، އަންނަނީ ކޮމެންޓު ވެސް ކުރަމުންނެވެ.
ފިލިޕީންސް މީހެއް ކަމަށްވާ ޖެސާ ޖޭމްސް އެސްޓްރާޑާގެ އެ ވީޑިއޯތަކުން އާންމުކޮށް ފެންނަނީ ތިިލަމާލެ ބްރިޖު މަޝްރޫއުގައި އަމަލީ ގޮތުން އުޅޭ މަސައްކަތު މީހުންގެ އާންމު ދިރިއުޅުމެވެ. އެމީހުންގެ މަސައްކަތު މާހައުލެވެ. ކޮންމެ ދުވަހަކު އެމީހުން ކުރާ ބުރަ މަސައްކަތް، ވަރަށް ގާތުން ފެނެ އެވެ. އެއީ ކިހާ ރިސްކު ބޮޑު މަސައްކަތެއްކަން އެއިން ސާފުވެ އެވެ.
އެ ޕޭޖުން ލިބެންހުރި މައުލޫމާތަށް ބަލާއިރު އެސްޓްރާޑާއަކީ ބްރިޖުގެ މަސައްކަތަށް ބޭނުންކުރާ ކޮޅުވެއްޓިއެއްގެ ކެޕްޓަނެކެވެ. އޭނާ އަންނަނީ މިދިޔަ އަހަރުގެ މެއި މަހުން ފެށިގެން ވީޑިއޯތައް ހިއްސާކުރަމުންނެވެ.
މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވާލާ މި ބްރިޖްގެ މަސައްކަތުގައި ބޭނުންކުރާ ބޮޑެތި މެޝިނަރީތަކާއި ކްރޭނުތަކާއި ކޮޅުވެއްޓިތަކުގެ މަސައްކަތް ފެނެ އެވެ. އަދި ފުން ކަނޑުގައި ބޮޑެތި ތަނބުތައް ޖެހުމަށް އެމީހުން ކުރާ އުނދަގޫ މަސައްކަތް ވަރަށް ރީއްޗަށް ދައްކަ އެވެ.
"އެލީޓް ރިޖާސް"ގެ ގޮތުގައި އޭނާ ސިފަކުރާ ފިލިޕީންސްގެ މަސައްކަތްތެރިން އެ ސައިޓުގައި އުޅޭ ގޮތް ކިޔައިދެ އެވެ. ގަދަ ހޫނާއި ވިއްސާރައިގައި އެމީހުން މަސައްކަތްކުރާ ގޮތް ކިޔައިދެ އެވެ.
އާންމުކޮށް ފެންނަ މި ބްރިޖާ ގުޅޭ ވީޑިއޯތަކާ ހިލާފަށް އޭނާގެ ވީޑިއޯތަކުން ފެންނަނީ މި ބުރަ މަސައްކަތުގެ ނުފެންނަ ފަޅި އެވެ. މި ބިޔަ މަޝްރޫއުގެ ހަގީގީ މޭސްތިރިންގެ ހުނަރެވެ. އަދި އާންމުކޮށް މީހުންނަށް ނުފެންނަ، ބްރިޖު އެޅުމުގެ ފަންނީ މަސައްކަތްތަކެވެ.
ބްރިޖްގެ ބޮޑެތި ކޮންކްރީޓް ބައިތައް ނުވަތަ ކާސްޓުތައް އުފުލައި، ތަނބުތަކުގެ މަތީގައި އަތުރާލާ މަންޒަރު އެއް ވީޑިއޯއަކުން ފެނެ އެވެ. ކަނޑުގެ އަޑިއަށް ބޮޑެތި ދަގަނޑު ހޮޅިތަކެއް ޖަހައި، ބްރިޖްގެ ބިންގާ ވަރުގަދަކުރަން ކުރާ މަސައްކަތް އެހެން ވީޑިއޯއަކުން ފެނެ އެވެ. އަދި، ކަނޑުގެ މެދުގައި ބޭނުންކުރާ ބޮޑެތި ކުރޭނުތަކާއި ކޮންކްރީޓް ނުވަތަ ސިމެންތި ބަރުކޮށްގެން ދާ ބާޖުތަކުގެ މަސައްކަތްތައް ވަރަށް ކައިރިން ފެނެ އެވެ.
"ރާއްޖޭގައި ބްރިޖެއް އެޅުމަކީ އެހާ ފަސޭހަ ކަމެއް ނޫން" ކަމަށް ބުނެ، ކަނޑުގެ މެދުގައި ހުރި ބްރިޖު ޕްލެޓްފޯމްތަކުގައި މަސައްކަތް ކުރުމުގެ ނުރައްކާތެރިކަން އޭނާ ކިޔައިދެ އެވެ.
ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ކުރިން ބުނެފައިވާ ގޮތުގައި، ގުޅިފަޅުގައި ހެދި ތިލަމާލެ ބްރިޖުގެ ސުޕަ ސްޓްރަކްޗާގެ ބައިތަކަކީ ދުނިޔޭގައި މިހާތަނަށް ހެދި (ލޯންގް ލައިން މެތަޑުގެ) އެންމެ އުސް ޕްރީކާސްޓް ސެގްމަންޓްތަކެވެ.
ޕްރީކާސްޓް ކުރުމަކީ ބްރިޖްގެ ކޮންސްޓްރަކްޝަނަށް ބޭނުންވާ ބައިތައް އެހެން ތަނެއްގައި ހަދައިގެން ސައިޓަށް ގެންގޮސްގެން ހުރިހާ ބައިތަކެއް ގުޅުވުމެވެ. ކުރިން ސިނަމާލެ ބްރިޖު ހެދިއިރު މި ބައިތައް ގެނައީ ޗައިނާގައި ހަދައިގެންނެވެ. މިފަހަރު އެ މަސައްކަތް ކުރަނީ ގުޅިފަޅުގަ އެވެ.
އިންޑިއާ ސަރުކާރުގެ އެހީގައި، އެ ގައުމުގެ އެފްކޮންސް ކުންފުނިން ހަދަމުން އަންނަ 6.7 ކިލޯމީޓަރުގެ މި ދިގު ބްރިޖުގެ 60 ޕަސެންޓް މަސައްކަތް މިހާރު ވަނީ ނިމިފަ އެވެ. އެ ބްރިޖު އެޅުމަށް މޫދުގެ އަޑީގައި ކުރަން ޖެހޭ ހުރިހާ މަަސައްކަތެއް މިހާރު ނިމިފަ އެވެ.
މިއީ ރާއްޖޭގެ ފުރަތަމަ ބުރިޖު، ސިނަމާލެ ބްރިޖަކަށް ވުރެ ހަ ގުނަ ބޮޑު ބްރިޖަކަށް ވުމާ އެކު، މަސައްކަތް ކުރިއަށް ގެންދިއުމުގައި ގިނަ ދަތިތަކަކާ ކުރިމަތިވި އެވެ.
މާލެ ސަރަހައްދުގައި މިހާރު ހިންގާ އުމްރާނީ ތަރައްގީގެ އެންމެ ބިޔަ މަޝްރޫއު ކަމަށްވާ ތިލަމާލެ ބްރިޖަކީ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ)ގެ މަޝްރޫއެކެވެ. އެއީ، އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދީފައިވާ 400 މިލިއަން ޑޮލަރާއި އިންޑިއާގެ ސަރުކާރުން ދޭ ހިލޭ އެހީގެ ގޮތުގައި ލިބޭ 100 މިލިއަން ޑޮލަރެވެ.