ނިއުކްލިއާ މަޝްރޫއާ ގުޅޭ ގޮތުން އެމެރިކާއާ އެކު ކުރާ މަޝްވަރާގައި، ޔުރޭނިއަމް ފައްކާކުރުން ހުއްޓާލަން އެއްބަސްވުމަކީ ދުވަހަކު ވެސް ކުރާނެ ކަމެއް ނޫން ކަމަށާއި އެމެރިކާާއާ އެކު ހަނގުރާމައެއް ކުރަން ޖެހުނަސް އެކަމާ ބިރު ނުގަންނަ ކަމަށް އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރަޣްޗީ ވިދާޅުވެއްޖެ އެވެ. 

އެމެރިކާއިން އީރާނަށް ހަމަލާދޭނެ ކަމުގެ އިންޒާރާ އެކު ފެށި މަޝްވަރާތަކުގެ ފުރަތަމަ ބައްދަލުވުން ނިންމާލިތާ އެއް ދުވަސް ފަހުން ތެހެރާންގައި ބޭއްވި ފޯރަމެއްގައި، މަޝްވަރާތަކުގެ ވެރިޔާ އަރަޣްޗީ ވިދާޅުވީ އެމެރިކާއަށް އީރާނުގެ މާބޮޑު އިތުބާރެއް ނެތް ކަމަށެވެ. އަދި އަލުން ފެށި މަޝްވަރާތައް ވެސް އެމެރިކާއިން މާ ސީރިއަސްކޮށް ނަގާ ކަމަށް ނުބެލެވޭ ކަމަށް އޭނާ ވިދާޅުވި އެވެ. 

"ޔުރޭނިއަމް ފައްކާކުރުން ހުއްޓާނުލާނެ ވާހަކަ، އަހަރެމެންނާ ދެކޮޅަށް ހަނގުރާމަކުރާނެ ކަމުގެ އިންޒާރު ދެމުން ދާއިރު ވެސް މިހާ ގިނައިން މި ދައްކަންޖެހެނީ ކީއްވެ؟ ސަބަބަކީ އަހަރެމެން ކުރަންވީ ކަންކަން ބުނެދިނުމުގެ ހައްގު އެހެން ބަޔަކަށް ނޯންނާނެތީ." އަރަޣްޗީ ވިދާޅުވި އެވެ. 

"ސަރަހައްދުގައި އަސްކަރީ ބާރުތައް ރުކުރުވާލާފައި ވިޔަސް އަހަރެމެން ބިރެއް ނުގަނޭ،" އެމެރިކާގެ އެއާކްރާފްޓް ކެރިއާ، ޔޫއެސްއެސް އަބްރަހަމް ލިންކަން އަރަބި ކަނޑަށް ފޮނުވާފައި ވާތީ އެކަމަށް އިޝާރާތްކުރައްވަމުން މިނިސްޓަރު ވިދާޅުވި އެވެ. 

ނިއުކްލިއާ މަޝްރޫއާ ބެހޭ ގޮތުން އެމެރިކާ އާއި އީރާނުން އަލުން މަޝްވަރާތައް ފެށީ މިދިޔަ ހުކުރު ދުވަހު އޮމާންގަ އެވެ. 

ފޯރަމްގައި އަރަޣްޗީ ވިދާޅުވީ ނިއުކްލިއާ މަޝްރޫއާ ގުޅޭ ގޮތުން ހުރި ޝައްކުތައް ފިލުވައި އިތުބާރު އުފެއްދުމަށް މަސައްކަތްތައް ކުރާނެ ކަމަށެވެ. އަދި މިކަމުގެ ތެރެއިން އީރާނުން ބޭނުންވަނީ އެ ގައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުން ކަމަށް ވެސް ވިދާޅުވި އެވެ. 

ޔޫރަޕްގެ ގައުމުތަކާއި، މެދުއިރުމަތީގައި އޮތް ނިއުކްލިއާ ހަމައެކަނި ބާރު ކަމަށް ބެލެވޭ އިޒްރޭލުން ތުހުމަތުކުރާ ގޮތުގައި އީރާންގެ ނިއުކްލިއާ މަޝްރޫއުގެ ބޭނުމަކީ ނިއުކްލިއާ ބޮން އުފެއްދުމެވެ. އެކަމަކު މިއީ އީރާނުން އަބަދުވެސް އިންކާރުކުރާ ތުހުމަތެކެވެ. 

"އަހަރެމެން އެޓޮމިކް ބޮމެއް ހަދަން ނޫޅޭއިރު ވެސް އެ ބޮން ދެކެ އެ މީހުން އެބަ ބިރުގަނޭ. އަހަރެމެންގެ ނިއުކްލިއާ ބޮމަކީ ބޮޑެތި ބާރުތަކުގެ ކުރިމަތީގައި ނޫނެކޭ ބުނަން ކެރުން،" އަރަޣްޗީ ވިދާޅުވި އެވެ. 

އެމެރިކާ އާއި އީރާނުން ވެސް ބުނެފައިވަނީ މަޝްވަރާތައް ކުރިއަށް ދިޔައީ ރަނގަޅަށް ކަމަށާއި އިތުރު ބައްދަލުވުންތައް ބޭއްވޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ. -- އޭއެފްޕީ