އީރާންގެ ނިއުކްލިއާ މަޝްއޫރުއާ ގުޅޭ ގޮތުން އޮމާންގައި އެމެރިކާ އާއި އީރާނާ ދެމެދު ކުރިއަށް ގެންދިޔަ ނުދީސާ މަޝްވަރާތައް ވަރަށް ރަނގަޅު ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވެއްޖެ އެވެ. 

އެމެރިކާގެ ރައީސް މިހެން ވިދާޅުވެފައި ވާއިރު އީރާނުން ވެސް ބުނީ މަޝްވަރާގެ މާހައުލު ވަރަށް "ޕޮޒިޓިވް" ކަމަށާއި ކުރިއަށް އޮތް ތަނުގައި އިތުރަށް ވާހަކަ ދެއްކޭނެ ކަމަށް އުންމީދުކުރެވޭ ކަމަށެވެ. 

އީރާން ސަރުކާރާ ދެކޮޅު މުޒާހާރާތައް ބާރުގެ ބޭނުންކޮށްގެން ރޫޅާލުމާ އެކު އެމެރިކާއިން އީރާނަށް އަސްކަރީ ގޮތުން ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީ މަނަވަރުތައް ވެސް އެ ސަރަހައްދަށް ފޮނުވުމަށް ފަހު ފެށި މަޝްވަރާތައް ކުރިއަށް ދިޔައީ އާންމުކޮށް ހުުޅުވާލައިގެންނެއް ނޫނެވެ. އަދި މި ވާހަކަތައް ކުރިއަށް ގެންދަނީ އެމެރިކާ އާއި އީރާންގެ ވަފްދު ސީދާ ބައްދަލުނުކޮށް، މެދުވެރިއަކަށް އޮމާންގެ އޮފިޝަލުން ތިއްބަވައިގެންނެވެ. 

މި މަޝްވަރާތައް ނިންމާލިކަން އިއުލާނުކުރިތާ އިރުކޮޅެއް ފަހުން އެމެރިކާއިން ވަނީ އީރާންގެ ތެޔޮ އެކްސްޕޯޓްކުރުމަށް ހުރަސްއެޅުމުގެ ގޮތުން ބައެއް ޝިޕިން ކުންފުނިތަކާ ދެކޮޅަށް ދަތިކުރުމުގެ އާ ފިޔަވަޅުތަކެއް އެޅިކަން އިއުލާނުކޮށްފަ އެވެ. އެކަމަކު މިއީ މަޝްވާރަތަކާ ގުޅުން ހުރި ނިންމުމެއް ކަމެއް ނޭނގެ އެވެ. 

މިއީ އީރާނަށް އިޒްރޭލާއި އެމެރިކާއިން މިދިޔަ އަހަރުގެ ޖޫން މަހު ދިން ވަރުގަދަ ހަމަލާތަކަށް ފަހު އެމެރިކާ އާއި އީރާނުން ބޭއްވި ފުރަތަމަ މަޝްވަރާ އެވެ. 

"އީރާނާ އެކު ވަރަށް ރަނގަޅު މަޝްވަރާތަކެއް ކުރިއަށް ދިޔައީ،" ފްލޮރިޑާގައި ހުންނަ މާ-އަ-ލާގޯ ރިސޯޓަށް ދަތުރު ކުރެއްވުމަށް އެއާ ފޯސް ވަންއަށް އަރައިވަޑައިގަންނަވަމުން ނޫސްވެރިންނަށް ޓްރަމްޕް  ވިދާޅުވި އެވެ.

އެމެރިކާއިން އީރާނަށް އިތުރު އިންޒާރުތައް ދޭ ނަމަ ނަތީޖާ ރަނގަޅު ނުވާނެ ކަމަށް އީރާނުން ބުނަމުން އަންނައިރު ޓްރަމްޕު މިފަހަރު ވެސް ވަނީ އީރާނުން އެއްބަސްވުމަކަށް ނާންނަ ނަމަ ނުކުންނަ ނަތީޖާ ވަރަށް ގޯސްވާނެ ކަމުގެ އިންޒާރު ތަކުރާރު ކުރައްވައިފަ އެވެ. 

މަޝްވަރާތަކުގައި އީރާނުން އިސްކޮށް ހުންނަވާ ފޮރިން މިނިސްޓަރު އައްބާސް އަރަޣްޗީ ވިދާޅުވީ ވާހަކަ ދައްކަން އެއްބަސްވެފައި ވަނީ ހަމައެކަނި ނިއުކްލިއާ މަޝްއޫރާ ބެހޭ ގޮތުން ކަމަށެވެ. އެމެރިކާ އާއި ހުޅަނގުން ތުހުމަތުކުރާ ގޮތުގައި އީރާނުން ނިއުކްލިއާ ޕްރޮގްރާމް ހިންގަނީ ހަތިޔާރު އުފެއްދުމަށެވެ. އެކަމަކު އީރާނުން އަބަދުވެސް ބުނަމުން އަންނަނީ އެއީ މަދަނީ ބޭނުންތަކަށް ހިންގާ މަޝްރޫއުއެއް ކަމަށެވެ. 

މުޒާހަރާތަކުގައި 3،000 މީހުން މަރުވި ކަމަށާއި އޭގެ ތެރޭގައި ގިނައީ ސަލާމަތީ ބާރުތަކުގެ މީހުން ކަމަށް އީރާނުން ބުނެފައިވެ އެވެ. އެކަމަކު އެމެރިކާގެ ޖަމާއަތެއް ކަމަށްވާ ހިއުމަން ރައިޓްސް އެކްޓިވިސްޓްސް ނިއުސް އެޖެންސީން ބުނެފައިވާ ގޮތުގައި 6،872 މީހަކު މަރުވިކަން ކަށަވަރުވެފައިވެ އެވެ. އަދި މީގެ ތެރޭގައި ގިނައީ ސަލާމަތީ ބާރުތަކުން ހަމަލާ ދިނުމުން މަރުވި މުޒާހަރާގެ ބައިވެރިން ކަމަށް ވެސް ބުނެފައިވެ އެވެ. -- އޭއެފްޕީ