އީރާން ސަރުކާރާ ދެކޮޅަށް މުޒާހަރާކުރާ މީހުންނަށް އެހީވެ އަސްކަރީ ބާރުގެ ބޭނުންކުރާނެ ކަމުގެ އިންޒާރު ދިނުމާ އެކު އީރާންގެ ލީޑަރުން ގުޅުއްވައި މަޝްވަރާއަށް ތައްޔާރަށް ތިބިކަން އަންގަވާފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވެއްޖެ އެވެ.
"އީރާންގެ ލީޑަރުން ވަނީ އިއްޔެ ގުޅުއްވާފައި،" އެއާ ފޯސް ވަންގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ޓްރަމްޕު ވިދާޅުވި އެވެ.
ޓްރަމްޕު ވިދާޅުވީ މަޝްވަރާ ބައްދަލުވުން ހަމަޖައްސަމުން އަންނަ ކަމަށާއި އީރާނުން މިހާރު އެދެނީ މަޝްވަރާއަށް ކަމަށެވެ.
ނަމަވެސް އީރާނާ ދެކޮޅަށް ބާރުގެ ބޭނުންކުރަން ޖެހިދާނެ ކަމަށް ދެއްވި އިންޒާރު ތަކުރާރު ކުރައްވައި ޓްރަމްޕު ވިދާޅުވީ މަޝްވަރާގެ ކުރިން ވެސް ފިޔަވަޅު އަޅަން ޖެހިދާނެ ކަމަށެވެ.
އީރާންގައި ހައްގުތަކަށް ވަކާލާތުކުރާ ޖަމާއަތްތަކުން އެންމެ ފަހުން ބުނެފައިވާ ގޮތުގައި މުޒާހަރާތައް ހުއްޓުވަން ބާރުގެ ބޭނުންކޮށް ގިނަ އަދަދެއްގެ ބަޔަކު ވަނީ މަރާލައިފަ އެވެ. ސަރުކާރުން ގެންދަނީ ސަރުކާރަށް ތާއީދުކުރާ މީހުން މުޒާހަރާއާ ދެކޮޅަށް މަގުތަކަށް ނެރެ ކުރިމަތިލުމަށް މަގު ފަހުކުރަމުން ކަމަށާއި މިހާތަނަށް، މަދުވެގެން 192 މީހަކު މަރާލާފައިވާ ކަމަށް ކަށަވަރުކުރެވިފައިވާ ކަމަށް ބުންޏެވެ.
މިއީ ކަށަވަރުވާ އަދަދު ކަމަށާއި އެކަމަކު އަސްލު އަދަދު މިއަށްވުރެ މާ މަތިވާނެ ކަމަށް ބެލެވޭ ކަމަށް ވެސް ޖަމާއަތްތަކުން ބުންޏެވެ.
ޓްރަމްޕު މީގެ ކުރިން ވަނީ އީރާންގައި މުޒާހަރާކުރާ މީހުން މަރާ ނަމަ އެމެރިކާއިން އެކަމުގެ ތެރެއަށް ވަދެ ބާރުގެ ބޭނުންކޮށްގެން ވިޔަސް، މުޒާހަރާގެ ބައިވެރިންނަށް އެހީވާނެ ކަމަށް ވިދާޅުވެފަ އެވެ.
އީރާނުގައި މުޒާހަރާތައް މީގެ ދެ ހަފްތާ ކުރިން ފެށުނީ އިގްތިސާދީ ދަތިކަން ބޮޑުވެ އެކަމާ އުފެދުނު ނުތަނަވަސްކަމުގަ އެވެ. އެކަމަކު މުޒާހަރާ ފުޅާވެ މިހާރު ވަނީ 1979 ގެ އިސްލާމީ އިންގިލާބަށް ފަހު އެ ގައުމުގައި ކުރާ އެންމެ ބޮޑު މުޒާހަރާއަށް ބަދަލުވެ ސަރުކާރަށް ބިރު ބޮޑުވެފަ އެވެ.
މި މުޒާހަރާތަކަކީ އިޒްރޭލުން މިދިޔަ ޖޫން މަހު އީރާނާ ދެކޮޅަށް ކުރި 12 ދުވަހުގެ ހަނގުރާމައަށްފަހު އީރާންގެ ރޫހީ ލީޑަރު އާޔަތުالله އަލީ ޚާމަނާއީ، 86، ގެ ވެރިކަމަށް ކުރިމަތިވި އެންމެ ބޮޑު އެއް ގޮންޖެހުމެވެ. -- އޭއެފްޕީ