ޔަމަނުން ވަކިވެގަންނަން މަސައްކަތްކުރާ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ސަދަން ޓްރާންސިޝަނަލް ކައުންސިލް (އެސްޓީސީ)ގެ އަތްދަށުން ޔަމަނުގެ ދެކުނުގެ ސަރަހައްދުތައް ސަލާމަތްކޮށްފައިވާ ކަމަށް ޔަމަނުގެ ސަރުކާރުން ބުނެފި އެވެ. 

ޔަމަނުގެ ދެކުނުގައި ހަރަކާތްތެރިވާ އެސްޓީސީގެ ހަނގުރާމަވެރިން ވަނީ އެ ގައުމުގެ އިތުރު ސަރަހައްދުތައް ހިފުމަށް މަސައްކަތް ފަށައިފަ އެވެ. ޔޫއޭއީން ވާގިވެރިވާ އެސްޓީސީން މިދިޔަ މަހު ވަނީ ޔަމަނުގެ ދެކުނުގެ ބޮޑު ބައެއް އެ ޖަމާއަތުގެ ބާރުގެ ދަށަށް ގެންގޮސްފަ އެވެ. 

އޭގެ ތެރޭގައި ސައުދީ އަރަބިއްޔާ އާއި ޔަމަނު ވަކިކުރާ ސަރަހައްދީ ރޮނގު ކައިރީގައި އޮންނަ ހަލްރަމައުތާއި އަލް މަހްރާ ހިމެނެ އެވެ.

އެކަމާ ދެކޮޅަށް ސައުދީ އިސްވެ އޮތް އިއްތިހާދުގެ ފައުޖުން ފެށި ވަރުގަދަ އޮޕަރޭޝަންގެ ދަށުން ދެކުނުގެ ހުރިހާ ސަރަހައްދެއް އެސްޓީސީގެ އަތްދަށުން ސަލާމަތްކޮށް، ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ގެނެވިފައިވާ ކަމަށް ޔަމަނުގެ ސަރުކާރުން ބުންޏެވެ.

ޔަމަނުގެ ޕްރެޒިޑެންޝަލް ލީޑާޝިޕް ކައުންސިލް (ޕީއެލްސީ)އިން ބުނީ، ޔަމަނުގެ އަސްކަރީ ފައުޖުތައް ދެން ހިނގާނީ ސައުދީ އިއްތިހާދުގެ ބެލުމުގެ ދަށުން ކަމަށެވެ.

އަދި ގައުމުގެ ކުރިމަގު ކަނޑައެޅުމުގެ މަޝްވަރާތަކަށް އެސްޓީސީގެ އިސް މީހުންނަށް ސައުދީއަށް ދިޔުމުގެ ދައުވަތު ދީފައިވާ ކަމަށް ވެސް ބުންޏެވެ.

އެސްޓީސީއަކީ ޔޫއޭއީން ވާގިވެރިވާ ޖަމާއަތެއް ކަމަށް ސައުދީން ތުހުމަތުކުރެ އެވެ.

އެސްޓީސީން ޔަމަނުގެ ދެކުނުގެ ސަރަހައްދު ހިފުމަށް މަސައްކަތް ފެށުމުން، ސައުދީ އާއި ޔޫއޭއީ އާދެމެދު ވަނީ ނުތަނަވަސްކަން އިތުރުވެފަ އެވެ.