ޔަމަނުން ވަކިވެގަންނަން މަސައްކަތްކުރާ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ސަދަން ޓްރާންސިޝަނަލް ކައުންސިލް (އެސްޓީސީ)އަށް އަމާޒުކޮށް ސައުދީ އަރަބިއްޔާ އިސްވެ އޮތް އިއްތިހާދުގެ ފައުޖުން ދިން ހަމަލާތަކެއްގައި 80 ހަނގުރާމަވެރިން މަރާލައިފި އެވެ.

ޔަމަނުގެ ދެކުނުގައި ހަރަކާތްތެރިވާ އެސްޓީސީގެ ހަނގުރާމަވެރިން ވަނީ ޔަމަނުގެ އިތުރު ސަރަހައްދުތައް ހިފުމަށް މަސައްކަތް ފަށައިފަ އެވެ.

ޔޫއޭއީން ވާގިވެރިވާ އެސްޓީސީން މި މަހުގެ ތެރޭގައި ވަނީ ޔަމަނުގެ ދެކުނުގެ ބޮޑު ބައެއް އެ ޖަމާއަތުގެ ބާރުގެ ދަށަށް ގެންގޮސްފަ އެވެ. އޭގެ ތެރޭގައި ހަލްރަމައުތާއި އަލް މަހްރާ ހިމެނެ އެވެ.

އެކަން ހުއްޓުވަން، ޔަމަނުގައި ހަރަކާތްތެރިވާ ހޫތީންގެ ހަނގުރާމަވެރި ޖަމާއަތާ ދެކޮޅަށް ސައުދީން އިސްވެ އުފައްދާފައިވާ އިއްތިހާދުން ދިން ހަމަލާތަކުގައި 150 އަށް ވުރެ ގިނަ އެސްޓީސީގެ ހަނގުރާމަވެރިން ޒަހަމްވެ، 130 ހަނގުރާމަވެރިން ހައްޔަރުކޮށްފައިވާ ކަމަށް އަސްކަރީ އޮފިޝަލަކާ ހަވާލާދީ އޭއެފްޕީ ނޫހުން ބުންޏެވެ. 

އެސްޓީސީގެ ބާރުގެ ދަށަށް ގެނެސްފައިވާ ސަރަހައްދުތައް މިނިވަންކުރުމަށް މިދިޔަ ހުކުރު ދުވަހުން ފެށިގެން ސައުދީގެ އިއްތިހާދުން ހިންގަމުންދާ އޮޕަރޭޝަނުގައި ހަމަލާތައް އަމާޒުކޮށްފައިވަނީ ހަނގުރާމަވެރިންގެ އަސްކަރީ މަރުކަޒުތަކަށް ކަމަށް އެ އޮފިޝަލު ވިދާޅުވިއެވެ. 

ޔަމަނުގެ ސަރުކާރުން ބުނީ، އެސްޓީސީގެ ހަނގުރާމަވެރިން ފަހަތަށް ޖެހުމުން، ހަލްރަމައުތު މިހާރު ކޮންޓްރޯލްގެ ދަށަށް ގެނެވިފައިވާ ކަމަށެވެ. 

ހަލްރަމައުތުގެ އިތުރުން އަލް މަހްރާގެ ބޮޑުބައެއް ވެސް ހަނގުރާމަވެރިންގެ އަތްދަށުން މިނިވަންކުރެވިފައިވާ ކަމަށް ސައުދީގެ އަސްކަރީ އޮފިޝަލަކު ވިދާޅުވެފައި ވެ އެވެ.