ވެނެޒުއޭލާގައި ސިޔާސީ ހަމަޖެހުން ގާއިމުވެ، ވެރިކަން ބަދަލުކުރުމުގެ މަރުަހަލާ ރައްކާތެރިކަމާ އެކު ފުރިހަމަކުރެވެންދެން އެ ގައުމު ހިންގާނީ އެމެރިކާއިން ކަމަށް، ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވެއްޖެ އެވެ. 

ވެނެޒުއޭލާއަށް ކުއްލި ވަރުގަދަ ހަމަލާތަކެއް ދިނުމަށް ފަހު، އެ ގައުމުގެ ރައީސް ނިކޮލަސް މަދޫރޯގެ ދެކަނބަލުން "ވަގަށް ނަގައިގެން" ގެންދިޔަތާ އިރުކޮޅެއް ފަހުން ވައިޓް ހައުސްގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ޓްރަމްޕު ވިދާޅުވީ އެމެރިކާއިން ބޭނުންވާ ކަންކަމުގެ ޔަގީންކަން ލިބެންދެން ވެނެޒުއޭލާ ހިންގާނީ އެމެރިކާއިން ކަމަށެވެ. 

މަދޫރޯ އާއި އަނބިކަނބަލުން އެމެރިކާއިން ގެންދިޔައީ ވެރިރަށް ކަރަކަސް އަށް ހޮނިހިރު ދުވަހުގެ މެންދަމުން އަލިވިތަނާ ދިން ވަރުގަދަ ހަމަލާތަކަކަށް ފަހުގަ އެވެ. މި ހަމަލާތައް ދިނުމުގެ ކުރިން އެމެރިކާއިން ވަނީ މަދޫރޯ އަކީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ބޭފުޅެއް ކަމަށް ތުހުމަތުކޮށް އޭނާއަށް އަސްކަރީ ގޮތުން އެކި ޕްރެޝަރުތައް ކުރިމަތިކޮށްފަ އެވެ. 

ޕްރެސް ކޮންފަރެންސްގައި ޓްރަމްޕު ވިދާޅުވީ އެމެރިކާގެ ބޮޑެތި ތެޔޮ ކުންފުނިތައް ވެނެޒުއޭލާއަށް ގޮސް، އެ ގައުމުގެ ވީރާނާ ވެފައިވާ ތެލުގެ ސިނާއަތް ރަނގަޅުކުރާނެ ކަމަށެެވެ. އަދި އެ ގައުމުގެ ތެލުން އެމެރިކާގެ ކުންފުނިތަކުން ފައިދާ ހޯދާނެ ކަމަށް ވެސް ވިދާޅުވި އެވެ. 

ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަދޫރޯ އެމެރިކާގެ ހެލިކޮޕްޓަރުގައި ގެންދަނީ
ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަދޫރޯ އެމެރިކާގެ ހެލިކޮޕްޓަރުގައި ގެންދަނީ

ޓްރަމްޕު ވިދާޅުވީ އެމެރިކާގެ މި ނިންމުމުގެ ސަބަބުން ވެނެޒުއޭލާގެ ރައްޔިތުން މުއްސަނދިވެ، މިނިވަންވެ އަދި ރައްކާތެރިވާނެ  ކަމަށެވެ. 

މަދޫރޯ ގެންދިއުން ދިފާއުކޮށް އެމެރިކާއިން ބުނަމުން ދަނީ އޭނާ އަކީ ވެނެއުޒޭލާގައި ކުރާ މަސްތުވާތަކެތީގެ ވިޔަފާރީގެ ލީޑަރެއް ކަމަށާއި އެހެންވެ އޭނާއާ ދެކޮޅަށް އެމެރިކާގައި ދައުވާކުރާނެ ކަމަށެވެ. 

ގާނޫނީ ތަޖުރިބާކާރުންނާއި އެކި ގައުމުތަކުން ދަނީ މަދޫރޯ ގެންދިޔަ މައްސަލަ ކުށްވެރިކޮށް، މިއީ ބައިނަލްއަގުވާމީ ގާނޫނާ ހިލާފް އަމަލުތަކެއް ކަމަށް ބުނަމުންނެވެ. 

ވައިޓް ހައުސް އިން ވަނީ މަދޫރޯ ވަގަށް ނަގައިގެން ހެލިކޮޕްޓަރުގައި ގެންދިޔައިރު ނަގާފައިވާ ފޮޓޯއެއް ވެސް ހާމަކޮށްފަ އެވެ. އޭގައި ފެންނަ ގޮތުން މަދޫރޯ އިންނަވަނީ ބިޑި އަޅުވައި ކަނު ބަނދެފަ އެވެ. 

ޓްރަމްޕު ވިދާޅުވި ގޮތުގައި މަދޫރޯ ގެންދިޔަ އޮޕަރޭޝަނުގައި 150 އެކާކްރާފްޓް ބައިވެރިވި އެވެ. އަދި އިސް ޖެނެރަލުން ވިދާޅުވެފައިވާ ގޮތުގައި މިއީ އެތައް މަސް ދުވަހެއްގެ ތަމްރީނާއި ރިހާސަލަށް ފަހު ހިންގި އޮޕަރޭޝަނެކެވެ.