އެމެރިކާ އިން ވެނެޒުއޭލާ އަށް ހަމަލާދީ، އެ ގައުމުގެ ރައީސް ނިކޮލަސް މަދޫރޯ ކިޑްނެޕް ކޮށްގެން ގެންގޮސްފި އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމިއްލަފުޅު ސޯޝަލް މީޑިއާ ޕްލެޓްފޯމް "ޓްރަތު ސޯޝަލް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަދޫރޯ އާއި އޭނާގެ އަނބިކަނބަލުން އަތުލައިގަނެގެން އެ ގައުމުން ބޭރަށް ގެންގޮސްފައިވާ ކަމަށެވެ.

ނަމަވެސް އެ ދެކަނބަލުން ގެންދިޔައީ ކޮން ތަނަކަށް ކަމެއް ޓްރަމްޕް ވިދާޅެއް ނުވެ އެވެ.

ޓްރަމްޕް ވިދާޅުވީ އެމެރިކާ އިން ވެނެޒުއޭލާ އާއި އެ ގައުމުގެ ލީޑަރާ ދެކޮޅަށް ފުޅާދާއިރާއެއްގައި ކާމިޔާބު ހަމަލާތަކެއް ދީފައިވާ ކަމަށާއި މަދޫރޯ އާއި އަނބިކަނބަލުން ވެނެޒުއޭލާ އިން ބޭރަށް، ވައިގެ މަގުން ގެންގޮސްފައިވާ ކަމަށެވެ.

ވެނެޒުއޭލާ ސަރުކާރުން އަދި އެކަމާ ބެހޭ ގޮތުން ވަކި އެއްޗެއް ނުބުނެ އެވެ.

ޓްރަމްޕްގެ އެ ވާހަކަ އަކީ ތެދެއް ނަމަ މިއީ 1989 ވަނަ އަހަރު އެމެރިކާ ސިފައިން ޕެނަމާ އަށް އަރައިގަތް ފަހުން ލެޓިން އެމެރިކާގައި ހިންގި މިފަދަ ފުރަތަމަ އުދުވާނަށް ވާނެ އެވެ.

ޓްރަމްޕް ތުހުމަތުކުރައްވާ ގޮތުގައި މަދޫރޯ ވަނީ ވެނެޒުއޭލާ އަކީ "ނާކޯ ސްޓޭޓް" އަކަށް (ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވަގު ވިޔަފާރިކުރާ ދައުލަތަކަށް) ބަދަލުކުރައްވައިފަ އެވެ. އެ ގައުމުގައި އެންމެ ފަހުން ބޭއްވި އިންތިހާބު އޮޅުވާލާފައިވާ ކަމަށް ވެސް ޓްރަމްޕް ތުހުމަތު ކުރައްވަ އެވެ.

ވެނެޒުއޭލާގެ ބައެއް ނޫސްތަކުންނާއި ސޯޝަލް މީޑިއާގައި މީހުން ކޮށްފައިވާ ޕޯސްޓްތަކާއި ވީޑިއޯތަކުން އެނގޭ ގޮތުގައި މެންދަމުން އަލިވެ ދޭއް ޖެހި ފަހުން ހެލިކޮޕްޓަރުތަކެއް ވެނެޒުއޭލާ ތެރެއަށް ވަރަށް ތިރިން އުދުހެމުން ވަނީ ވަދެފަ އެވެ. ހެލިކޮޕްޓަރު އުދުހޭ އަޑާއި ބާރުގަދަ ގޮވުންތަކުގެ އަޑު އެކި ހިސާބަތަކުން އިވިފައިވާ ކަމަށް ރިޕޯޓް ކޮށްފައިވެ އެވެ.

މި ހަމަލާތަކާ އެކު ވެނެޒުއޭލާގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު ވެސް އިއުލާނުކޮށްފަ އެވެ.

މި ހަމަލާތައް ދީފައި މި ވަނީ ކެރީބިއަން އަށް އެމެރިކާގެ ރައީސް ޓްރަމްޕު ނޭވީ ޓާސްކްފޯހެއް ކަނޑައެޅުއްވުމާ އެކު، ވެނެޒުއޭލާއާ އަށް އެއްގަމު މަގުން ހަމަލާ ދީފާނެ ކަމަށް ލަފާކުރެވިފައި ވަނިކޮށެވެ. ސޯޝަލް މީޑިއާގައި މީހުން ބުނެފައިވާ ގޮތުގައި ހަމަލާ ދިން ތަންތަނުގެ ތެރޭގައި ކަރަކަސްގެ ފުއެރްޓޭ ޓިއުނާ ފަދަ އަސްކަރީ ތަންތަން ހިމެނެ އެވެ. އަދި އެއާކްފާޓްތައް ވައިގެ ސަރަހައްދަށް ވަނުމާ އެކު ވެނެޒުއޭލާގެ ވައިގެ ދިފާއީ ނިޒާމުން ރައްދު ވެސް ދިން ކަމަށް ބުނެފައިވެ އެވެ.

ޓްރަމްޕުގެ އަމުރަށް ވެނެޒުއޭލާއާ ދެކޮޅަށް އެމެރިކާގެ އަސްކަރިއްޔާ އިން އެކި އޮޕަރޭޝަންތައް ހިންގަމުން ދާއިރު މިދިޔަ ހަފްތާގައި ޑޮކިން އޭރިއާއަކަށް ޑްރޯނުން ހަމަލާ ދީފައިވެ އެވެ. މިއީ އެމެރިކާގެ ހަމަލާއެއް ކަމަށާއި އެއީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުން ބޭނުންކުރާ ތަނަކަށް ދިން ހަމަލާއެއް ކަމަށް މީޑިއާގައި ރިޕޯޓު ކޮށްފައި ވިޔަސް އެއްވެސް ގައުމަކުން މި ހަމަލާއާ ބެހޭ ވާހަކައެއް ރަސްމީކޮށް ދައްކާފައެއް ނުވެ އެވެ.

މި ހަމަލާ އަށް ފަހު މަދޫރޯ ވަނީ މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމާ ބެހޭ ގޮތުން އެމެރިކާއާ މަޝްވަރާކުރަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފަ އެވެ.