ކޮވިޑް-19 ގެ އަލާމާތްތައް ހުރި ބަޔަކު ފެނުމުން އަރައި ފޭބުން މަނާކުރި ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓާއި ވިލަމެންދޫ އައިލެންޑް ރިސޯޓުން ޓެސްޓްކުރި މީހުން ނެގެޓިވް ވުމުން އެ ރަށްތަކުގެ ކަރަންޓީނު މިއަދު ދޫކޮށްލައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރި ޓްވީޓެއްގައި ބުނީ ޝައްކު ކުރެވޭ ކޭސްއަކާ ގުޅިގެން ޓެސްޓްކޮށް ނިމި އަދި ކޮންޓެކްޓް ޓްރޭސިން ވެސް ވިލަމެންދޫގައި ނިންމާފައިވާ ކަމަށެވެ. ޓެސްޓުގެ ނަތީޖާ އާއީ ކޮންޓެކްޓް ޓްރޭސިން ނިމިފައި ވާތީ އެ ރަށަށް އަރައި ފޭބުމުގައި މިހާރު ހުރަހެއް ނެތް ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

ރީތިރަށުން ޓެސްޓްކޮށްފައި ވަނީ އިޓަލީގައި މަޑުކޮށްފައި އައި ޓޫރިސްޓު ދެމަފިރިއެއްގެ އަށް މަހުގެ ދަރިފުޅެވެ. އެ ކުއްޖާ ޓެސްޓްކުރަން ނިންމީ، ދަތުރުކޮށްފައިވާ ގައުމުތަކަށް ބަލައި، އެ ކުއްޖާ ހުސް އައިސްފައި ހުރުމުންނެވެ.

ކޮވިޑް-19 ރާއްޖޭން އެންމެ ފުރަތަމަ ފެނުނު ޅ. ކުރެއްދޫ ރިސޯޓާއި އއ. ބަތަލާ ރިސޯޓް އަދިވެސް އޮތީ ކަރަންޓީނުކޮށްފަ އެވެ.

ރާއްޖޭން މިހާތަނަށް ވަނީ ހަ މީހެއްގެ ގައިން ކޮވިޑް-19 ފެނިފަ އެވެ. އެ އެންމެންނަކީ ވެސް ބިދޭސީންނެވެ.

އެޗްޕީއޭ އިން އެންމެ ފަހުން ހާމަކުރި މައުލޫމާތަށް ބަލާއިރު ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންނާއި ޝައްކުވާ މީހުންނާއި ޕޮޒިޓިވްވި މީީހުންނާ ކޮންޓެކްޓްވި މީހުންގެ ތެރެއިން ފަރުކޮޅުފުށީ އައިސޮލޭޝަންގައި 15 މީހަކު އަދި ވިލިވަރު ކަރަންޓީނުގައި 11 މީހަކު އެބަ ތިއްބެވެ.

މުޅި ދުނިޔޭގައި މިހާތަނަށް 119،00 މީހަަކަށް ކޮވިޑް-19 ޖެހި 4،270 މީހަކު ވަނީ މަރުވެފަ އެވެ. ބަލި ޖެހި ރަނގަޅުވި މީހުންގެ އަދަދު 65،150 އަށް އަރަ އެވެ. އެހެންވެ ބަލި ޖެހިފައި ތިބި މީހުންގެ އަދަދަކީ 49،489 އެވެ. މީގެ ތެރެއިން ހާލު ދެރަ މީހުންގެ އަދަދު އުޅެނީ ފަސް ވަރަކަށް ހާހުގަ އެވެ. ގިނަ މީހުންގެ ކިބައިން ބަލީގެ އަލާމާތްތައް ފެންނަނީ ކުޑަކޮށެވެ.