އދ. ވިލަމެންދޫ ރިސޯޓުގައި މަސައްކަތްކުރާ ދިވެއްސެއްގެ ގައިގައި ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތައް ހުރުމުން އޭނާގެ ޓެސްޓު ހެދުމުގެ ކަންކަން ކުރިއަށް ގެންދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދެންމެ ބުނެފި އެވެ.

އެހެންވެ، މޮނިޓާ ކުރުމަށާއި "ކޮންޓެކްޓް ޓްރޭސިން" ހެދުމަށް އެ ރަށަށް އަރައިފޭބުން ވެސް ވަނީ ވަގުތީ ގޮތުން މިހާރު މަނާ ކަމަށް އެޗްޕީއޭ އިން ކުރި ޓުވީޓުގައި ވެ އެވެ.

މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން މިހާތަނަށް ރާއްޖެ އިން ކޮވިޑް-19 އަށް ހަ މީހަކު ވަނީ ޕޮޒިޓިވް ވެފަ އެވެ. އެ އެންމެނަކީ ކުރެއްދޫ އައިލެންޑް ރިސޯޓާއި ބަތަލާ އައިލެންޑް ރިސޯޓުގެ މީހުންނެވެ. ކުރެއްދޫ ރިސޯޓުން ކޮވިޑް-19 ބަލި ޖެހުނީ ހަތަރު މީހަކަށެވެ. ބަތަލާ އިން އެ ބަލި ޖެހުނީ ދެ މީހަކަށެވެ.

އެކަމަކު، އެ ހަ މީހުންގެ ތެރެއިން ގެސްޓުންގެ އަދަދެއް އަދި ރާއްޖޭގައި މަސައްކަތް ކުރާ މީހުންގެ އަދަދެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވް ވި މީހަކު ފެނިފައިވާކަން އެޗްޕީއޭ އިން އެންމެ ފަހުން އިއުލާންކުރީ ރޭގަ އެވެ. އެއީ ކުރެއްދޫ އައިލެންޑް ރިސޯޓުގެ ދެ ބިދޭސީ އެކެވެ.

މިހާތަނަށް އެއްވެސް ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވްއެއް ނުވެ އެވެ.

އެޗްޕީއޭ އިން ރޭ ދަންވަރު ކުރި އެހެން ޓުވީޓެއްގައި ބުނީ، ކޮވިޑް-19 އަށް ޕޮޒިޓިވް ވި މީހަކާ "ކޮންޓެކްޓް" ވުމުގެ ސަބަބުން އަށް ބިދޭސީއަކު ކަރަންޓީނު ފެސިލިޓީއަކަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެއީ ރައްކާތެރިކަމުގެ ފިޔަވަޅެއް ކަމަށް އެ އިދާރާ އިން ބުނެ އެވެ.

ކޮވިޑް-19 އާ ގުޅިގެން މިހާތަނަށް އަރައިފޭބުން މިހާތަނަށް ވަގުތީ ގޮތުން މަނާކޮށްފައި ވަނީ ކުރެއްދޫ އާއި ބަތަލާ އަދި ވިލަމެންދޫ ރިސޯޓެވެ.

ކުރެއްދޫން ކޮރޯނާވައިރަސްގެ މައްސަލަ ފެންމަތިވީ، އެ ރިސޯޓަށް ޗުއްޓީ އަށް އައި އިޓަލީގެ ޓޫރިސްޓަކު އެނބުރި ގައުމަށް ދިއުމަށް ފަހު، އޭނާ އެ ބައްޔަށް ޕޮޒިޓިވް ވެފައިވާކަން ރާއްޖެ އަށް އެންގުމުންނެވެ. އެ ހިސާބުން، ކުރެއްދޫ ކަރަންޓީނުކޮށް، އެ ރިސޯޓުގެ މީހުން އެކަހެރިކޮށް ޓެސްޓު ހަދަން ފެށީ އެވެ.

އިޓަލީ ޓޫރިސްޓު މީހާ ކުރެއްދޫ ރިސޯޓުގައި އުޅުނު ދުވަސްވަރު އެ ތަނުގައި ހުރި މުވައްޒަފަކު އޭނާގެ އަމިއްލަ ރަށް ށ. ފޯކައިދު އަށް ދިއުމަށް ފަހު، ބަލީގެ އަލާމާތްތަކެއް ފެނިގެން މިހާރު ވަނީ ފަރުކޮޅުފުއްޓަށް ގެނެސް އެކަހެރި ކޮށްފަ އެވެ.