އެމެރިކާއިން އީރާނުގެ ބަނދަރުތައް ބަންދުކޮށް، ކަނޑުމަގުން ކުރިމަތިކޮށްފައިވާ ހުރަސްތަކުގެ ސަބަބުން ގަލްފު ސަރަހައްދުގެ ހާލަތު ވާނީ ގޯސް ކަމަށާއި އެމެރިކާގެ މަގުސަދުތައް ހާސިލު ވެސް ނުވާނެ ކަމަށް އީރާންގެ ރައީސް މަސްއޫދު ޕެޒެޝްކިއަން މިއަދު ވިދާޅުވެއްޖެ އެވެ.

"ކަނޑުމަގުން ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ކުރާ ކޮންމެ މަސައްކަތަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު ކަމެއް. އަދި އެކަން ވާނީ ފެއިލް،" ޕެޒެޝްކިއަން ނެރުއްވި ބަޔާނެއްގައި ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ފިޔަވަޅުތަކަކީ "ސަރަހައްދުގެ ސަލާމަތްތެރިކަން އިތުރުކުރެވޭނެ" ކަމެއް ނޫން ކަމަށާއި، އޭގެ ބަދަލުގައި އެއީ ސަރަހައްދުގެ ހަމަޖެހުމަށް ހުރަސްއެޅޭނެ އަމަލެއް ކަމަށެވެ.

އެމެރިކާއިން ވަނީ ހަނގުރާމަ މެދުކަނޑާލުމަށް އީރާނާ އެކު އެއްބަސްވިތާ ދެތިން ދުވަސް ފަހުން، އޭޕްރީލް 13 ވަނަ ދުވަހު އީރާނުގެ ބަނދަރުތަކާއި އައްސޭރިފަށަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅައިފަ އެވެ.

ދުނިޔެއަށް ތެލާއި ގޭސް ފޯރުކޮށްދިނުމުގައި އެންމެ މުހިންމު އެއް މަގު ކަމަށްވާ ހޮމުޒް ކަނޑުއޮޅި އީރާނުގެ އަސްކަރިއްޔާއިން އޮތީ ބަންދުކޮށްފަ އެވެ. އަދި އެމެރިކާގެ ފިޔަވަޅުތައް ދެމިގެންދާ ނަމަ ރައްދު ދޭނެ ކަމުގެ އިންޒާރު އީރާނުން ދާދިފަހުން ވަނީ ދީފަ އެވެ.

މިކަމާ ގުޅޭގޮތުން، އީރާނުގެ ރޫހީ ލީޑަރުގެ އަސްކަރީ މުޝީރު މޮހްސެން ރެޒާއީ ބުދަ ދުވަހު ވިދާޅުވީ، އެމެރިކާގެ ފިޔަވަޅުތަކަށް އީރާނުން ކެތްކޮށްގެން ނޯންނާނެ ކަމަށެވެ. އަދި އެމެރިކާ އާއި އީރާނާ ދެމެދު އާ ހަނގުރާމައެއް ފެށިއްޖެ ނަމަ، އެމެރިކާގެ އުޅަނދުތައް ފެތި، އެ ގައުމުގެ ސިފައިން މަރުވުން އެކަށީގެންވާ ކަމަށް ވެސް އޭނާ އިންޒާރު ދެއްވި އެވެ.

"އެމެރިކާއިން އިތުރު ހަނގުރާމައެއް ފަށައިފި ނަމަ، އެމީހުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު އަހަރެމެން އަސީރުންގެ  ގޮތުގައި ހިފާނެކަން އެ މީހުން ދަންނަން ވާނެ،" އޭނާ ވިދާޅުވި އެވެ.

ތެލާބެހޭ ވަޒީރު މޮހްސެން ޕަކްނެޖާދު ވިދާޅުވީ، އެމެރިކާގެ މި ފިޔަވަޅުތަކުން އެމެރިކާއަށް އެއްވެސް ނަތީޖާއެއް ނުލިބޭނެ ކަމަށާއި، ތެޔޮ ސަޕްލައި ކުރުމުގައި އެއްވެސް ދަތިކަމެއް އީރާނަށް ނެތް ކަމަށެވެ.

އަދި އީރާނުގެ އަސްކަރީ ކަނޑުގެ ކޮމާންޑަރު ޝަހްރާމް އިރާނީ ވެސް ވަނީ، އީރާނުން އަމިއްލައަށް އުފެއްދި ކަނޑުގެ ހަތިޔާރުތައް ވަރަށް އަވަހަށް ބޭނުންކުރަން ފަށާނެ ކަމުގެ އިޝާރާތެއް ދެއްވާފައެވެ.