އިރާނާ ދެކޮޅަށް އެމެރިކާއިން ކުރިއަށްގެންދާ ކަނޑުގެ ބަންދު (ނޭވަލް ބްލޮކޭޑް) އެތައް މަހަކަށް ދެމިގެން ހިނގައިދާނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވުމާ ގުޅިގެން، ފާއިތުވި ހަތަރު އަހަރު ދުވަހުގެ ތެރޭގައި ތެލުގެ އަގު ނުއުފުލޭ މިންވަރަށް ބުދަ ދުވަހު އުފުލިއްޖެ އެވެ.

ދާއިމީކޮށް ހަނގުރާމަ ނިމުމަކަށް ގެންނަން އެމެރިކާ އާއި އިރާނާ ދެމެދު ކުރާ މަޝްވަރާއިން ނަތީޖާއެއް ނުނެރެވި ޑިޕްލޮމެސީގެ ކަންކަން ހުއްޓުމަކަށް އައިސްފައިވާ ދަނޑިވަޅެއްގައި، ޓްރަމްޕް ވަނީ ރަޝިއާގެ ރައީސް ލަޑިމިއާ ޕުޓިންއާ ފޯނުން ވާހަކަ ދައްކަވައިފަ އެވެ. ޕުޓިން ވަނީ އެމެރިކާ އާއި އިޒްރޭލުން އިރާނާ ދެކޮޅަށް ކުރާ ހަނގުރާމަ އަލުން ފަށައިފި ނަމަ، އޭގެ ސަބަބުން "ގެއްލުންދެނިވި ނަތީޖާތަކެއް" ނުކުމެދާނެ ކަމުގެ އިންޒާރު ދެއްވައިފަ އެވެ.

ތެޔޮ ކުންފުނިތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ޓްރަމްޕް ވިދާޅުވީ، އިރާނުގެ ބަނދަރުތައް ބަންދުކުރުމަކީ ބޮން އެޅުމަށްވުރެ މާ ފައިދާހުރި ކަމެއް ކަމަށެވެ. އެ ބަނދަރުތަކުގެ ބަންދު އުވާލުމަކީ އެއްވެސް އެއްބަސްވުމަކަށް އައުމުގެ ކުރިން އިރާނުން ޝަރުތުކުރާ ކަމެކެވެ.

އެކަމަކު އެމެރިކާއިން އަޅާފައިވާ ބަންދު އުވާލައި ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ކުރިއަށްގެންދާ ނަމަ، ހޮރްމޫޒް ކަނޑުއޮޅީގައި އޮތް ބާރު ދޫކޮށްލުމަށް އިރާނުން ވަނީ ހުށަހަޅައިފަ އެވެ. ނަމަވެސް ޓްރަމްޕްގެ ސަރުކާރުން މި ހުށަހެޅުމާ މެދު ބަލަނީ ޝައްކުގެ ނަޒަރަކުންނެވެ.

ހަނގުރާމަ ފެށުނީއްސުރެ މަޝްވަރާގައި މުހިންމު ދައުރެއް އަދާކުރައްވަމުން ގެންދަވާ އިރާނުގެ މަޖިލިސް ރައީސް މުހައްމަދު ބާގިރު ގާލީބާފް ބުދަ ދުވަހު ވިދާޅުވީ، އެމެރިކާގެ ކަނޑުގެ ބަންދުގެ މަގުސަދަކީ ގައުމުގެ މެދުގައި ބައިބައިވުން އުފައްދައި "އެތެރެއިން ގައުމު އިނދަޖައްސާލުން" ކަމަށެވެ.

ވައިޓް ހައުސްގެ އޮފިޝަލަކު ނަން ހާމަނުކުރާ ގޮތަށް ވިދާޅުވީ، އަންގާރަ ދުވަހު ބޭއްވި މި ބައްދަލުވުމުގައި، ދުނިޔޭގެ ތެލުގެ ބާޒާރަށް ދިމާވެފައިވާ ތާށިކަން ކުޑަކުރުމަށާއި، ބޭނުންވެއްޖެ ނަމަ މިހާރު އޮތް ބަންދު މަސްތަކަކަށް ކުރިއަށް ގެންދިއުމަށާއި، އެމެރިކާގެ ކަސްޓަމަރުންނަށް ކުރާ އަސަރު ކުޑަކުރުމަށް ކުރެވިދާނެ ކަންކަމާ މެދު ޓްރަމްޕް މަޝްވަރާކުރެއްވި ކަމަށެވެ.

އިރާނާ ދެކޮޅަށް އަޅާފައިވާ ކަނޑުމަތީގެ ހުރަސްތަކާ ބެހޭގޮތުން އެކްސިއޯސް އަށް ޓްރަމްޕް ވިދާޅުވީ، "އެމީހުން ތިބީ ކަތިލަން ތައްޔާރުކޮށްފައިވާ އޫރެއް ފަދައިން ނޭވާ ހާސްވެފައި" ކަމަށާއި، ކުރިއަށް އޮތް ތަނުގައި އީރާންގެ ހާލަތު މިއަށްވުރެ ގޯސްވާނެ ކަމަށެވެ.

މި ވާހަކަތަކާ އެކު، ބްރެންޓް އޮއިލް ފިއުޗާސްގެ އަގު 7.6 ޕަސެންޓަށް އުފުލި، ފީފާއެއްގެ އަގު 119.69 ޑޮލަރަށް އަރާފައިވެ އެވެ. މިއީ 2022 ވަނަ އަހަރު ޔޫކްރެއިން ހަނގުރާމަ ފެށުނު ދުވަސްވަރަށް ފަހު ތެލުގެ އަގު މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ.

ދުނިޔޭގެ ތެލުގެ 20 އުފުލާ ހަނި މަގު ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅީގެ ކޮންޓްރޯލް ހޯދައި، ތެލުގެ އަގު މައްޗަށް ގެންގޮސްގެން، އެމެރިކާގެ ހަމަލާތަކުގެ ބަދަލު ހިފުމަށް އިރާނުން ދަނީ މަސައްކަތް ކުރަމުންނެވެ.

ޓްރަމްޕަށް ތާއީދުކުރާ މީހުންގެ މެދުގައި ވެސް މަގުބޫލުކަން ކުޑަ މި ހަނގުރާމަ ހުއްޓާލުމަށް އޭނާއަށް ވަނީ ސިޔާސީ ގޮތުން ބޮޑު ފިއްތުންތަކެއް ކުރިމަތިވެފަ އެވެ. މި ހަނގުރާމައިގެ ސަބަބުން އެމެރިކާގެ އާންމުން ތެލަށް ކުރަންޖެހޭ ހޭދަ ބޮޑުވެފައި ވާއިރު އެމެރިކާގެ އެކުވެރި ގައުމުތައް ވަނީ ހާސްކަމުގަ އެވެ.

އިރާނުގެ ހަނގުރާމައަށް ތާއީދުކުރުމަށާއި ހޮރްމޫޒް ކަނޑުއޮޅީގައި ސުލްހަ ބަލަހައްޓާ ފައުޖެއްގައި ބައިވެރިވުމަށް ޖަރުމަނުން އިންކާރު ކުރުމުން، ބުދަ ދުވަހު ޓްރަމްޕް ވަނީ އެ ގައުމުގެ ޗާންސެލާ ފްރީޑްރިކް މާޒްއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ޖަރުމަނުގައި ތިބި އެމެރިކާ ސިފައިންގެ އަދަދު މަދުކުރާނެ ކަމުގެ އިންޒާރު ދެއްވައިފަ އެވެ.

އިރާނުން މަޝްވަރާގައި އެމެރިކާ "ލަދުގަންނުވާލަމުން" ދާކަމަށް މާޒް މި ހަފުތާގެ ކުރީކޮޅު ވިދާޅުވުމާ ގުޅިގެން، އޭނާއަކީ ޓްރަމްޕްގެ ނުރުހުން އަމާޒުވެފައިވާ ބޭފުޅެކެވެ.

އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް ހިމެނޭހެން މަތީ ފަންތީގެ އޮފިޝަލުން، އިރާނާއެކު މަޝްވަރާ ކުރުމަށް ޕާކިސްތާނަށް ކުރަން އުޅުނު ދަތުރުތައް މިދިޔަ ހަފުތާގައި ދެ ފަހަރެއްގެ މަތިން ވަނީ ކެންސަލް ކޮށްފަ އެވެ. އަދި އިރާނުން ވަނީ ޑިޕްލޮމެސީއަށް ޓްރަމްޕް ކުރައްވާ މަސައްކަތުގެ އިހްލާސްތެރިކަމާ މެދު ސުވާލު އުފައްދައިފަ އެވެ.