ބެލްފާސްޓް (އޮގަސްޓް 12) - ޗެލްސީގެ ކީޕަރު ކެޕާ އަރިއްޒަބަލާގާ އެންމެ ފަހު ވަގުތު ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ނުކުމެ ޕެނަލްޓީ ޝޫޓްއައުޓުން މެޗު ކާމިޔާބުކޮށް ޔޫއެފާ ސުޕަ ކަޕް ޗެލްސީ އަށް ހޯދައި ދީފި އެވެ.

ރޭ ވިޔަރެއާލްއާ ދެކޮޅަށް ޗެލްސީ ކުޅުނު މެޗުގައި ކޯޗު ތޯމަސް ޓުޗެލް ފުރަތަމަ 11 އިން ފުރުސަތު ދިނީ ސެނެގާލްގެ ކީޕަރު އެޑޮއާޑް މެންޑީ އަށެވެ. މެޗު 1-1 އިން އެއްވަރުވުމުން ކުޅުނު އިތުރު ވަގުތުގެ ދެ ހާފުގެ ތެރެއިން ފަހު ހާފު ނިމެން މިނެޓަކަށް ވެފައިވަނިކޮށް، ޓުޗެލް ވަނީ މެންޑީގެ ބަދަލުގައި ކެޕާ ކުޅެން ނެރެފަ އެވެ. އެއީ އެންމެންނަށް ވެސް ސަޕްރައިޒް ބަދަލެކެވެ. ޓުޗެލްގެ ސްޓްރެޓެޖީ ކާމިޔާބުވީ ވިޔަރެއާލްގެ އެންމެ ފަހު ޕެނަލްޓީ ރައުލް އަލްބިއޯލް ޖެހުމުން ކެޕާ ދިފާއު ކުރުމުންނެވެ. އެ ޕެނަލްޓީ ހުއްޓުވުމުން ޗެލްސީ އަށް ތަށި ޔަގީންވި އެވެ.

"ޓީމަށް ރަނގަޅުވާނެ ކޮންމެ ގޮތަކަށް އަހަރެމެން ކަންތައް ކުރަން ޖެހޭނެ،" ޓުޗެލް ބުންޏެވެ. "ޕެނަލްޓީ މަތަކުރުމުގައި ކެޕާގެ ޕަސެންޓޭޖް ރަނގަޅު."

މެންޑީ (ވ) ގެ ބަދަލުގައި ކެޕާ ކުޅެން ނުކުންނަނީ --- ފޮޓޯ: އޭއެފްޕީ
މެންޑީ (ވ) ގެ ބަދަލުގައި ކެޕާ ކުޅެން ނުކުންނަނީ --- ފޮޓޯ: އޭއެފްޕީ

ޑޭޓާތަކުން ވެސް އެކަން ދައްކަ އެވެ. ވިޔަރެއާލްގެ އައިސަ މަންޑީ ޖެހި ޕެނަލްޓީ ވެސް ކެޕާ ދިފާއުކުރި އެވެ. ޗެލްސީން ފުރަތަމަ ޕެނަލްޓީ ޖެހި ކައި ހަވަޓްޒްގެ ޕެނަލްޓީ ވިޔަރެއާލްގެ ކީޕަރު ސާޖިއޯ އެސެންހޯ ދިފާއުކުރި އެވެ.

ފުރަތަަމަ ހާފުގައި މެޗު ޑޮމިނޭޓް ކުރިތަން ފެނުނީ ޗެލްސީ އެވެ. އެ ޓީމުން ފުރަތަމަ ހާފުގައި ލީޑު ވެސް ނެގި އެވެ. އެ ލަނޑު 27 ވަނަ މިނެޓްގައި ޖެހީ ހަކީމް ޒިޔެޝް އެވެ. ދެ ވަނަ ހާފުގައި އުނައި އެމެރީގެ ޓީމުން މާ ނުރައްކާކޮށް ފެނުނެވެ. އެ ޓީމުން ނަތީޖާ ހަމަހަމަ ކުރީ 73 ވަނަ މިނެޓްގައި ޖެރާޑް މޮރޭނޯ އެވެ. އެކަމަކު މުޅި މެޗުގައި ސުޕަ ޓީމަކަށް ފެނުނީ ޗެލްސީ އެވެ.

ޗެލްސީން ދެން ކުރިމަތިލާނީ ޕްރިމިއާ ލީގުގައި އެ ޓީމު ކުޅެން ޖެހޭ ކްރިސްޓަލް ޕެލަސްގެ މެޗަށެވެ. އެ މެޗު އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ.