ބެލްފާސްޓް، ނޮދަން އަޔަލެންޑް (އޮގަސްޓް 11) - ޗެލްސީގެ ފޯވަޑް ޓަމީ އަބްރަހަމް ކްލަބާ މެދު އުފާ ނުވަނީ އޭނާ އަށް އަބްރަހަމްއާ މެދު ޑީލް ކުރެވޭ ގޮތުން ކަމަށް ވެދާނެ ކަމަށް، ކޯޗް ތޯމަސް ޓުޗެލް ބުނެފި އެވެ.

ޔޫރަޕުގެ ސީޒަން ހުޅުވުމުގެ ގޮތުން ކުޅޭ ޔޫއެފާ ސުޕަ ކަޕު މެޗުގައި މިރޭ ވިޔަރެއާލްއާ ދެކޮޅަށް ޗެލްސީ ނުކުންނާނެ އެވެ. އެ މެޗަށް ނުކުތުމުގެ ކުރިން ޗެލްސީން ވަނީ އެ ޓީމަށް ކުރިން ކުޅުނު ފޯވަޑް ރޮމެލޫ ލުކާކޫ ގެންނަން ނިންމައިފަ އެވެ. ލުކާކޫ ގެންދިއުމުން އަބްރަހަމް އަށް ލިބޭ ފުރުސަތު މަދުވާނެ އެވެ. ޗެލްސީއާ މެދު އަބްރަހަމް ހުރީ އުފަލުން ނޫން ކަމަށް ޓުޗެލް ވެސް ބުންޏެވެ.

"މިދިޔަ ހައެއްކަ މަސް ދުވަހު އޭނާ ހުރީ އުފަލަކުން ނޫން. ފަހަރެއްގައި ހުރެދާނެ އޭނާ އުފާ ނުވާނެ ސަބަބުތަކެއް. އަދި އެ ވެދާނެ އަހަރެން ސަބަބުން ކަމަށް ވެސް. އެހެން ކުޅުންތެރިންނަށް އިތުބާރު ކުރާ މިންވަރަށް އޭނާ އަށް އިތުބާރު ނުކުރާތީ ކަމަށް ވެސް ވެދާނެ،" މިރޭ ވިޔަރެއާލް އާ ދެކޮޅަށް ކުޅޭ މެޗުގެ ޕްރީ މެޗު ޕްރެސްގައި ޓުޗެލް ބުންޏެވެ.

"އަހަންނަށް ހަމަ ސާފުކޮށް އެނގޭ ކުޅެން ގިނަ ފުރުސަތު އޭނާ ބޭނުން ވާނެކަން. އެކަމަކު އެކަން ބިނާ ވަނީ އަހަރެމެންގެ ގޭމް ޕްލޭނާއި އަބްރަހަމްގެ ވިސްނުން ހުންނަ ގޮތަކުން. އަބްރަހަމް އަށް ދޭ ފުރުސަތުގައި އޭނާ މަސައްކަތް ކުރާވަރު އަދި އޭނާ މަސައްކަތް ވެސް ކުރާގޮތަކުން."

މިރޭގެ މެޗުން އަބްރަހްމަ އަށް ފުރުސަތު ދޭނެ ކަމަށް ގަބޫލް ކުރެވެ އެވެ. ޓުޗެލް ބުނީ އަބްރަހަމް އަށް ފަސޭހަ ގޮތަކަށް އަމަލު ކުރަން ޓްރާންސްފާ ޕީރިއަޑު ނިމެންދެން އޭނާ އަށް ވަގުތު އެބައޮތް ކަމަށެވެ. އަދި ގިނަ ފުރުސަތު ހޯދަން ވާދަކުރުމަށް އަބްރަހްމް މަޑު ކުރުމަކީ ޓުޗެލް ބޭނުންވާ ކަމެކެވެ. އޭނާ ބުނީ އޮލިވާ ޖިރޫ ވެސް ޓީމު ދޫކޮށްލުމުން އެޓޭކަށް ކުޅުންތެރިން ތިބުން މުހިންމު ކަމަށެވެ.

ނޮދަން އަޔަލެންޑްގެ ބެލްފާސްޓުގައި ހުންނަ ވިންޑްޒޯ ސްޓޭޑިއަމްގައި ކުޅޭ ސުޕަ ކަޕް މެޗު ފަށާނީ، ރާއްޖޭ ގަޑިން މިރޭ ދަންވަރު 12 ޖަހާއިރު އެވެ.