އެލައިޑް އިންޝުއަރެންސްގެ ރޯދަ ޕްރޮމޯޝަން "ރޯދަ މަހާ ރޯއްޖާ" ގެ ދަށުން މޮޓޯ ތާޑް ޕާޓީ އިންޝުއަރެންސް ނަގާ މީހުންނަށް ޑިސްކައުންޓު ދޭން ނިންމައިފި އެވެ.

އެ ކުންފުނިން ބުނީ އަންނަ މޭ 12 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ ޕްރޮމޯޝަނުގެ ދަށުން އަލަށް މޮޓޯ ތާޑް ޕާޓި އިންޝުއަރެންސާއި ތަކާފުލް ނަގާ މީހުންގެ އިތުރުން ޕްލޭން އާ ކުރާ މީހުންނަށް ވެސް ޑިސްކައުންޓް ލިބޭނެ ކަމަށެވެ.

"ރޯދަމަހާ ރޯއްޖާ" ޕްރޮމޯޝަންގައި ސައިކަލަކަށް ތާޑް ޕާޓީ ކަވަރޭޖް ހޯދަން ކުރިން 175 ރުފިޔާ ހޭދަވާއިރު މިހާރު ހޭދަވަނީ 145 ރުފިޔާ އެވެ. އަދި ހަތަރު ފުރޮޅުލީ އުޅަނދަކަށް ކުރިން 750 ރުފިޔާ ހޭދަކުރި ނަމަވެސް މިހާރު ހޭދަކުރަން ޖެހޭނީ 475 ރުފިޔާ އެވެ. އެހެނިހެން އުޅަނދުތަކަށް ވެސް ޑިސްކައުންޓް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ކޮންމެ މީހަކަށް ވެސް ބައިވެރިވެވޭ މި ޕްރޮމޯޝަންގައި ޕޮލިސީ ނެގުމަށް އޮންލައިން ވަސީލަތްތައް މެދުވެރި ކުރުވުމަށް އެލައިޑުން އެދެ އެވެ. އެ ކުންފުނީގެ ކަސްޓަމާ ފްރަންޓް އޮފީހުން ވެސް މި ހިދުމަތް ލިބޭނެ އެވެ.

އެލައިޑުގެ ޓާޑް ޕާޓީ އިންޝުއަރެންސްގެ އަގުތައް--
އެލައިޑުގެ ޓާޑް ޕާޓީ އިންޝުއަރެންސްގެ އަގުތައް--

މޮޓޯ ތާޑް ޕާޓީ އިންޝުއަރެންސަކީ އެކްސިޑެންޓެއް ކުރިމަތިވާ ހިނދު ތިންވަނަ ފަރާތަށާއި އެ ފަރާތުގެ އުޅަނދަށް ލިބޭ ގެއްލުންތަކަށް ބަދަލު ލިބޭނެހެން ފަރުމާ ކޮށްފައިވާ ޕޮލިސީއެކެވެ. އުޅަނދުތައް ގެންގުޅޭ މީހުން މި ޕޮލިސީ ނެގުމަކީ މަޖުބޫރު ކަމެކެވެ.

އެލައިޑުން ބުނިގޮތުގައި، މިއީ މަގުމަތީގެ ރައްކާތެރިކަމަށް ބަލައިގެން ދުއްވުމުގެ މުހިންމުކަމާއި ރައްކާތެރިކަން ޔަގީން ކުރުމުގެ މުހިންމު ކަމާ ބެހޭގޮތުން ހޭލުންތެރިކުރުމުގެ ބޭނުމުގައި ފެށި ޕްރޮމޯޝަނެކެވެ. ރޯދަ މަހަކީ ނިސްބަތުން މަގުމަތީގެ ތަފާތު އެކްސިޑެންޓްތައް ގިނަ މަހެއްކަމުން މިފަދަ ކަމެއް ހިނގުމުން ލިބޭ ގެއްލުން ކުޑަ ކުރުމަށް އެހީތެރިވެދޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.