ވެހިކަލްގައި އިންޝުއަރެންސް ސްޓިކާ ނުޖެހިޔަސް، އިންޝުއަކޮށްފައި ހުރިކަން އަންގައިދޭ ހާއްސަ އިލެކްޓްރޯނިކް ސްޓިކާއެއް އެލައިޑް އިންޝުއަރެންސް އިން މިއަދު ތައާރަފްކޮށްފި އެވެ.
ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އިންޝުއަރެންސްގެ ހިދުމަތް ދޭ ކުންފުންޏާއި ފުލުހުން ގުޅިގެން އެ ސްޓިކާ ތައާރަފްކުރުން އޮތީ އިސްކަންދަރުކޮށީގަ އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑެޕިއުޓީ ކޮމިޝަނަރު އަހުމަދު ސައުދީ ވިދާޅުވީ އަލަށް ތައާރަފްކުރި ސްޓިކާއާ ގުޅިގެން ރައްޔިތުންނަށް ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.
"މިހާރު ކޮންމެ ބޭފުޅަކަށް ވެސް އޮންނާނެ މަަގުމައްޗަށް ނުކުތުމުގެ ކުރިން މިހުރިހާ އެއްޗެއް ހަމަޔަށް ހުރިތޯ ކޮންމެ ތަނެއްގައި ހުރެގެން ވެސް ޗެކްކޮށްލެވެން. އެހެންވެއްޖެ ނަމަ މިއީ ރައްޔިތުންނަށް ހާއްސަކޮށް ކުށްވެރިވުމަށް އޮންނަ ފުރުސަތު ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަމެއް،" އޭނާ ވިދާޅުވި އެވެ.
ސައުދީ ވިދާޅުވީ އަލަށް ތައާރަފްކުރި ސްޓިކާގެ ބޭނުން ވީހާ ގިނަ ބަޔަކު ހިފަން ޖެހޭ ކަމަށެވެ.
އެ ސްޓިކާއާ ބެހޭ ގޮތުން ވާހަކަދައްކަވަމުން އެލައިޑްގެ ޖެނެރަލް މެނޭޖަރު އަހުމަދު ރިޔާޒީ މުހައްމަދު ވިދާޅުވީ އަލަށް ތައާރަފްކުރި އިލެކްޓްރޯނިކް ސްޓިކާއާ އެކު ވެހިކަލްގައި ސްޓިކާ ހިއްޕަން ނުޖެހޭނެ ކަމަށެވެ.
"ކަސްޓަމަރަށް އޮޕްޝަނެއް އެބަ އޮތް މިހާރު ސްޓިކާ ފޯނަށް ލޯޑްކޮށްލަން. އެ ސްޓިކާ ފޯނަށް ލޯޑްކުރުމަށް ފަހު ސްޓިކާ ވެހިކަލްގައި ނުޖެހިޔަސް ޕޮލިސް އިން ނުވަތަ އެހެން ފަރާތަކުން ޑިޖިޓަލީ މިހާރު ގަބޫލުކުރާނެ،" އޭނާ ވިދާޅުވި އެވެ.
ރިޔާޒީ ވިދާޅުވީ ވެހިކަލްތަކަށް ހާއްސަ އިންޝުއަރެންސް ސްޓިކާއާ ބެހޭ މައުލޫމާތު ފުލުހުންނަށް ވަގުތުން ބެލެން ހުންނާނެ ކަމަށެވެ.
"މި ސްޓިކާގެ ސައްހަކަން ބެލޭނެ ގޮތް ހެދުމަށް އެލައިޑާއި ފުލުހުން ވާނީ ގުޅާލާފައި. ރިއަލްޓައިމްކޮށް ޕޮލިސް ސާވިސްއަށް އެނގޭނެ ސައްހަކަން. އެހެންވީމާ ފްރޯޑް ބައި ވަރަށް ބޮޑަށް ކުޑަވެގެންދާނެ،" އޭނާ ވިދާޅުވި އެވެ.
އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން އެއްގަމުގައި ދުއްވާ ވެހިކަލްތަކަށް އިންޝުއަ ކުރަން ޖެހެ އެވެ. ވެހިކަލް އިންޝުއަނުކޮށް ދުއްވާ ނަމަ އެ ގާނޫނުގެ ދަށުން ޖޫރިމަނާކުރެ އެވެ.