ސައޮ ޕައޮލޯ، ބްރެޒިލް (ޑިސެމްބަރު 12) - މި ފަހަރު ޗެލްސީ އަށް ބަދަލުވި ބްރެޒިލްގެ ތަޖުރިބާކާރު ޑިފެންޑަރު ތިއާގޯ ސިލްވާ ކޯޗިން ލައިސަންސް ނެގުމުގެ މަސައްކަތް އަނެއްކާ ފަށައިފި އެވެ.
ޕީއެސްޖީ ދޫކޮށްލުމަށް ފަހު އުމުރުން 36 އަހަރުގެ ސިލްވާ ޗެލްސީއާ އެކު ސޮއިކުރީ އެއް އަހަރުގެ އެއްބަސްވުމެއްގަ އެވެ. ރިޕޯޓްތައް ބުނާގޮތުން ޗެލްސީން އަންނަނީ ސިލްވާގެ އެއްބަސްވުން އިތުރު އެއް އަހަރަށް އާ ކުރަން މަސައްކަތްކުރަމުންނެވެ.
ބްރެޒިލްގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ސިލްވާ މިހާރު އަންނަނީ ކުޅުން ހުއްޓާލުމަށް ފަހު ކޯޗިން ތެރެއަށް ވަނުމުގެ ވިސްނުމުގައި މަސައްކަތް ފަށައިފަ އެވެ. އެގޮތުން ބްރެޒިލްގެ ފުޓްބޯޅަ ފެޑެރޭޝަނުން ކުރިއަށްގެންދާ ބީ ލައިސަންސް ކޯހުގައި ކުރީގެ ކުޅުންތެރިންނަށް އޮންނަ ޖާގައިގެ ތެރެއިން ސިލްވާ ވަނީ ބައިވެރިވެފަ އެވެ.
ކުޅުންތެރިންނަށް އޮންނަ ޖާގައިގެ ތެރެއިން ސިލްވާއާ އެކު ދެން މި ކޯހުގައި ބައިވެރިވެފައިވަނީ ކުރިން ޗެލްސީ އާއި އެތުލެޓިކޯ މެޑްރިޑަށް ކުޅުނު ފިލިޕޭ ލުއިސް އާއި ބާސެލޯނާ އާއި ޓޮޓެންހަމްގެ ކުރީގެ މިޑްފީލްޑަރު ޕައުލީނިއޯ އެވެ.
ބްރެޒިލްގެ ފުޓްބޯޅަ ފެޑެރޭޝަނުން އެންމެ ފުރަތަމަ މި ކޯސް ކުރިއަށްގެންދަން މަސައްކަތް ފެށީ ޖޫން މަހު އެވެ. އެކަމަކު އެ ވަގުތު ކޮވިޑް-19 ގެ ހާލަތު އޮތްގޮތުން ފަސްކުރަން ޖެހުނީ އެވެ. ދާދި ފަހުން އަލުން މި ކޯހުގެ ކަންތައްތައް ފެށިއިރު، މި ވަގުތު ކުރިއަށްދަނީ އޮންލައިން ކްލާސްތަކެއްގެ ގޮތުގައި ތިއަރީ ބަ އެވެ. އެއީ ސޯޝަލް ޑިސްޓެންސިން ގައިޑްލައިނަށް ފައްތައިގެން ކުރިއަށްގެންދިއުމުގެ ގޮތުންނެވެ. މި ކޯހުގެ ޕްރެކްޓިކަލް ބައި އޮންނާނީ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅުތަކަށް ލުޔެއް ދިނުމުންނެވެ.
ޗެލްސީގެ ކޮންޓްރެކްޓް ހަމަވުމުން ކުޅުން ހުއްޓާލުމުެ ކުރިން ބްރެޒިލް ލީގުގައި ކުޅެން ބޭނުންވާ ކަމަށް ސިލްވާ ވަނީ ބުނެފަ އެވެ.