ލަންޑަން (އޮގަސްޓް 29) - ޗެލްސީގައި ހުރެ ތަށި ހޯދަން ބޭނުންވާ ކަމަށް ދާދި ފަހުން އެ ޓީމަށް ސޮއިކުރި ބްރެޒިލްގެ ތަޖުރިބާކާރު ޑިފެންޑަރު ތިއާގޯ ސިލްވާ ބުނެފި އެވެ.

އުމުރުން 35 އަހަރުގެ ސިލްވާ ޗެލްސީއާ އެކު ސޮއިކުރީ އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގަ އެވެ. އެ އެއްބަސްވުމުގައިވާ ގޮތުން ޗެލްސީން ބޭނުންނަމަ އިތުރު އެއް އަހަރަށް އާ ކުރެވޭނެ އެވެ. ތިއާގޯ ޗެލްސީ އަށް ސޮއިކުރީ ޕީއެސްޖީން އޭނާގެ އެއްބަސްވުން އާ ކުރަން ހުށަހަޅާފައިވަނިކޮށް ހިލޭ އެއްބަސްވުމެއްގެ ދަށުންނެވެ. ސިލްވާގެ ސޮއި ހޯދަން އިންގްލެންޑްގެ އެވަޓަން އާއި އިޓަލީގެ ފިއޮރެންޓީނާ އިން ވެސް މަސައްކަތްކުރި އެވެ.

"އަހަރެން މި ހުރީ ޗެލްސީ އަށް ބަދަލުވެވުމުން ވަރަށް އުފަލުން. ފްރޭންކް ލަމްޕާޑްގެ ކޯޗުކަމުގައި އާދަޔާހިލާފު ޓީމެއްގައި ހިމެނިގެން ކުޅެން ވަރަށް ބޭނުންވެފައި މިހުރީ. ބޭނުންވަނީ ޗެލްސީގައި ހުރެ މުބާރާތްތަކަށް ވާދަކޮށް ތަށި ހޯދަން،" އީއެސްޕީއެން ބްރެޒިލް އަށް ދިން އިންޓަވިއުއެއްގައި ސިލްވާ ބުންޏެވެ.

ޕީއެސްޖީގެ ކެޕްޓަން ސިލްވާ އެ ޓީމު ދޫކޮށްލީ އެ ކްލަބަށް 315 މެޗު ކުޅެދީ 23 ތަށި އުފުލާލުމަށް ފަހު އެވެ. ސިލްވާ އެންމެ ބޭނުންވީ މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ ތަށި ކާމިޔާބުކުރުމަށް ފަހު ޕީއެސްޖީއާ ވަކިވުމަށެވެ. އެކަމަކު ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ޕީއެސްޖީ ވަނީ ޖަރުމަނުގެ ބަޔާން މިއުނިކް އަތުން ބަލިވެފަ އެވެ.

ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗުގެ ތެރެއިން ސިލްވާ ދަނޑުމަތީގައި އިށީދެގެން.-- ފޮޓޯ: އޭއެފްޕީ
ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗުގެ ތެރެއިން ސިލްވާ ދަނޑުމަތީގައި އިށީދެގެން.-- ފޮޓޯ: އޭއެފްޕީ

"ވަރަށް ކާމިޔާބު އަށް އަހަރު ޕީއެސްޖީގައި ނިމިގެންދިޔައީ އަހަރެން އެންމެ ބޭނުންވި ގޮތަކަށް ނޫން. އެކަމަކު ޕީއެސްޖީގައި އަހަރެން ވަރަށް ގިނަ ކާމިޔާބީތަކެއް ހޯދައި ވަރަށް ގިނަ އުފާ ހާސިލްކުރިން. އޭގެ ބައިވެރިވި ހުރިހާ ކުޅުންތެރިންނާއި ކޯޗިން ސްޓާފުން އަދި ސަޕޯޓަރުންނަށް ޝުކުރު އަދާކުރަން،" ކުރިން އޭސީ މިލާނަށް ވެސް ކުޅުނު ސިލްވާ ބުންޏެވެ.

މިދިޔަ ސީޒަނުގައި ޗެލްސީގެ އެންމެ ދަށީ ޑިފެންސެވެ. ޕްރިމިއާ ލީގުގައި އެންމެ ގިނަ ގޯލު ވަނީ ޗެލްސީ ކޮޅަށެވެ. އެހެންވެ ލަމްޕާޑްގެ އެއް ފޯކަސް އަކީ ކުރިއަށް އޮތް ސީޒަނުގެ ކުރިން ޑިފެންސް ވަރުގަދަ ކުރުމެވެ. އެގޮތުން ސިލްވާއާ އެކު ޗެލްސީގެ ޑިފެންސް ލައިން ވަރުގަދަވާނެ އެވެ. ރިޕޯޓްތައް ބުނާގޮތުގައި ކްލަބްގެ ކުޅުންތެރިން ރުހޭނަމަ ސިލްވާ އަށް ކެޕްޓަން ދިނުމަކީ ކޯޗު ލަމްޕާޑް ގެންގުޅޭ ވިސްނުމެކެވެ.

މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އެންމެ ހަރަކާތްތެރި ކްލަބަކީ ޗެލްސީ އެވެ. އެ ޓީމުން އެންމެ ފުރަތަމަ ޓްރާންސްފާ ބާޒާރުގައި ގެނައީ އެޓޭކު ވަރުގަދަ ކުރުމުގެ ގޮތުން އަޔަކްސްގެ ހަކީމް ޒިޔެޗާއި އާރްބީ ލިޕްޒިގުގެ ފޯވާޑް ޓިމޯ ވާނާ އެވެ. އެ އަށް ފަހު ޑިފެންސް ވަރުގަދަ ކުރަން ލެސްޓާ ސިޓީގެ ބެން ޗިލް ވެލް، ނީސްގެ މަލަންގް ސާ އަދި ޒުވާން ޑިފެންޑަރު ޒަވިއޭ އެމްބުޔަމްބާ ވަނީ ގެނެސްފަ އެވެ. ޗެލްސީން އަންނަނީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ބަޔާ ލެވަކޫސަންގެ ކައި ހާވާޓްޒާއި ގޯލްކީޕަރެއް ވެސް ހޯދަން މަސައްކަތްކުރަމުންނެވެ.