ރިޔާސީ އިންތިހާބާ ދިމާކޮށް ރާއްޖޭގެ ރަށްތަކުގައި ގިނަ މަޝްރޫއުތައް ހިންގަން ކުރީގެ ސަރުކާރުން ހަވާލުކޮށްފައި ވަނީ އެކަން ކުރާނެ ބަޖެޓެއް އަދި ޕްލޭނެއް ވެސް ނެތި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ތ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ފަހު މަންޒިލެއްގެ ގޮތުން މެންދުރު ފަހު ގާދިއްފުއްޓަށް ވަޑައިގެން މި ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، މިދިޔަ ޖުލައި މަހުގެ ފަހުން ވަރަށް ބާރު ސްޕީޑުގައި ގިނަ މަޝްރޫއުތައް ކުންފުނިތަކާ ހަވާލުކޮށްފައިވާ ކަމަށެވެ. އެކަމަކު ގިނަ މަޝްރޫއުތައް ހުއްޓިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ގާދިއްފުށީގެ އެންމެ ބޮޑު މައްސަލަ ކަމަށްވާ ބަނދަރުގެ ދަތިކަން ހައްލުކުރަން އެމްޓީސީސީއާ ހަވާލުކޮށްފައި އޮތަސް އެ މަޝްރޫއު ވެސް ކުރިއަކަށް ނުދެ އެވެ.

ރިޔާސީ އިިންތިހާބާ ދިމާކޮށް އެގޮތަށް ގިނަ ރަށްތަކެއްގައި ކުއްލިއަކަށް އެކި މަޝްރޫއުތައް އެއްވެސް ޕްލޭނެއް ނެތި ހަވާލުކޮށްފައި ވަނީ ބަޖެޓެއް ވެސް ނެތި ކަމަށް ވިދާޅުވި އެވެ.

"އެގޮތަށް ހަވާލުކުރީމާ އެ މަސައްކަތެއް ހިނގާ ގޮތެއް ނުވޭ. ފައިސާއެއް ނުހުރޭ ދޭންވީމަކާ. ބިލްތައް ރެއިސްކުރީމަ. މަޝްރޫއު ކުރިއަށް ދާނެ ގޮތެއް ނުވޭ. އަނެއްްކާ ކުންފުނި ތައްޔާރެއް ނުވޭ އެކަން ކުރާކަށް،" ރައީސް ވިދާޅުވި އެވެ.

ގާދިއްފުއްޓަށް ވަޑައިގަތުމުން މަރުހަބާ ކިޔަން ނުކުތް މީހުންނާ ރައީސް ސަލާމް ކުރައްވަނީ. -- ފޮޓޯ: ރައީސް އޮފީސް
ގާދިއްފުއްޓަށް ވަޑައިގަތުމުން މަރުހަބާ ކިޔަން ނުކުތް މީހުންނާ ރައީސް ސަލާމް ކުރައްވަނީ. -- ފޮޓޯ: ރައީސް އޮފީސް

ރައީސް ވިދާޅުވީ ރައްޔިތުންނަށްޓަކައި ކޮންމެހެން ކޮށްދޭން ޖެހޭ މިފަދަ މުހިންމު މަޝްރޫއުތައް ހަވާލުކޮށްފައިވަނީ އެއްވެސް އިހުލާސްތެރިކަމެއް ނެތި ކަމަށާއި އޭގެ ހުރިހާ ގެއްލުމެއް މިއަދު ލިބެމުން ދަނީ ރައްޔިތުންނަށް ކަމަށެވެ.

މި ސަރުކާރުގައި އެގޮތަށް ކަންކަން ނުހިނގާނެ ކަމުގެ ޔަގީން ކަން ރައީސް ވަނީ ދެއްވައިފަ އެވެ.

"އޭގެ އަނެއްކޮޅަށް ތެދުވެރިކަން އިސްކުރާނީ، އިހުލާސްތެރިކަން އަޅުގަނޑުމެންގެ ކިބައިން ފެންނާނެ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ގާދިއްފުށީ ބަނދަރުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް އެމްޓީސީސީއަށް ހުރި ދަތިތަކަކީ ކޮބައިތޯ ބަލައި އެކަން ހައްލުކޮށް ބަނދަރުގެ މަސައްކަތްތައް ނިންމައިދޭނެ އެވެ.

މި ރަށަށް އެންމެ މުހިންމީ ރަށު ސުކޫލު ތަރައްގީކުރުން ކަން ފާހަގަކުރައްވައި، އެންމެ ފުރަތަމަ ކަމަކަށް ރަށު ސުކޫލު ރަނގަޅު ފެންވަރަކަށް ގާއިމްކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ގުރައިދޫ އެއާޕޯޓާއެކީގައި ގާދިއްފުށީ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދަން ރައީސް ވައުދުވެވަޑައިގެންނެވި ގޮތަށް އެކަން ކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.