ތ. ގާދިއްފުއްޓަށް 11 ހެކްޓަރުގެ ބިން އިތުރުކުރަން އެމްޓީސީސީއާ ހަވާލުކުރި މަޝްރޫއުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ. 

ރައީސް ޑރ.މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގާދިއްފުށީގެ ބިންހިއްކުމުގެ މަޝްރޫއު 10 ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ލަފާކުރައްވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އެ މަޝްރޫއުގައި ބޭނުންކުރަނީ "ފިލިޕޯ ބްރުނެލެސްޗީ" ނަމަކަށް ކިޔާ ޑްރެޖަރެކެވެ.

ތ.ގާދިއްފުށީ ބިންހިއްކުމުގެ މަސައްކަތް ކުރިއަށް ދަނީ. ފޮޓޯ: ރައީސް އޮފީސް
ތ.ގާދިއްފުށީ ބިންހިއްކުމުގެ މަސައްކަތް ކުރިއަށް ދަނީ. ފޮޓޯ: ރައީސް އޮފީސް

ގާދިއްފުށީ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީއާ ހަވާލުކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 26 ގަ އެވެ. 

އެ މަޝްރޫއުގައި ގާދިއްފުއްޓަށް 11.02 ހެކްޓަރުގެ ބިން އިތުރުކޮށް، 704 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖަހައި، 100 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖަހާނެ އެވެ. އޭގެ އިތުރުން 100 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމުގެ މަސައްކަތް ވެސް އެ މަޝްރޫއުގައި ހިމެނެ އެވެ. 

ގާދިއްފުއްޓަކީ 730 މީހުންގެ އާބާދީއެއް އޮންނަ، ބޯހިޔާވަހިކަމުގެ ދަތިކަން ކުރިމަތިވެފައިވާ ރަށެކެވެ.