ސަމާ އައިލެންޑް މޯލްޑިވްސްގެ "ތްރީ-ޑީ ޕްރިންޓެޑް ކޮރަލް ރީފް" ދުނިޔޭގެ ވޯލްޑް ރެކޯޑް ފޮތަށް އަރައިފި އެވެ.
އެ ރިސޯޓުގައި "ބްލޫ ލެގޫން" ގެ ގޮތުގައި ނަން ދީފައިވާ އާޓިފިޝަލް ކޮރަލް ރީފް ދުނިޔޭގެ ރެކޯޑު ފޮތަަށް އެރީ މިއީ މިގޮތާށް ހަދާފައިވާ އެންމެ ބޮޑު މުރަކާއިގެ ބަގީޗާ އަށް ވުމުންނެވެ.
ސަމާ އައިލެންޑުން މި މުރަކައިގެ ބަގީޗާގެ މަސައްކަތް ފެށީ 2018 ގަ އެވެ. މިގޮތަށް އާޓިފިޝަލް ކޮރަލް ރީފެއް ހެދުމުގެ ބޭނުމަކީ މޫދުގައި އުޅޭ މަސް މަހާއި އެހެނިހެން ޖަނަވާރުތަކަށް އުޅޭވޭނެ އާ މާހައުލެއް ހޯދައިދިނުން ކަމަށް އެ ރިސޯޓުން ބުންޏެވެ.
ސަމާ ރިސޯޓުގެ ތްރީ-ޑީ ރީޕްގެ މަސައްކަތް އެންމެ ފުރަތަމަ ފެށީ އޮސްޓްރޭލިއާގެ މެލްބޫންގެ ލެބެއްގަ އެވެ. ގުދުރަތީ މުރަކާއިގެ ސިފަ އަންނަ ގޮތަށް ސެރެމިކް ބޭނުންކޮށްގެން ހަދާފައިވާ އާޓިފިޝަލް މުރަކަ އުފެއްދި އެވެ. މި ތަކެތި ތައްޔާރު ކުރީ މެރިން ކޮންކްރީޓް ބޭނުންކޮށްގެންނެވެ.
މީގެ 25 އަހަރު ކުރިން 1996 ގައި ހުޅުވި ސަމާ އައިލެންޑް މޯލްޑިވްސް ހިންގަނީ ޒިޔާރަތްފުށީގަ އެވެ. މި ރިސޯޓު އެންމެ ފުރަތަމަ ހިންގީ ސަމާ އަިއލެންޑް ވިލޭޖުގެ ނަމުންނެވެ. އެ އަށް ފަހު 2015 ވަނަ އަހަރު ރިސޯޓުގެ ނަން ވަނީ ސަމާ އައިލެންޑް މޯލްޑިވްސް އަށް ބަދަލުކޮށްފަ އެވެ. އެ ރިސޯޓަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން 40 މިނެޓުގެ ތެރޭ ލޯންޗުގައި ދެވެ އެވެ.
ދުނިޔޭގެ ރެކޯޑް ފޮތަށް ސަމާ ރިސޯޓުގެ އާޓިފިޝަލް މުރަކައިގެ ބަގީޗާ އެރި އިރު އެ ރިސޯޓަށް ވަނީ ހޮލިޑޭ ޗެކް ގޯލްޑް އެވޯޑު ވެސް ލިބިފަ އެވެ. މި އެވޯޑް ލިބުނީ ރާއްޖޭގެ އެންމެ މަގްބޫލު ރިސޯޓުތަކުގެ ލިސްޓުގައި އެ ރިސޯޓު ހިމެނުމުންނެވެ. ދެކުނު އޭޝިއާގެ ލީޑިން ބީޗް ރިސޯޓުގެ އެވޯޑު 2017، 2018، 2019 ވަނަ އަހަރު ހޯދާފައިވެ އެވެ.