ސަމާ އައިލެންޑް މޯލްޑިވްސްގެ "ތްރީ-ޑީ ޕްރިންޓެޑް ކޮރަލް ރީފް"ގައި މުރަކަތައް ވަރަށް ރީތިކޮށް އާލާވާން ފަށައިފި އެވެ.

މިދިޔަ މާޗް މަހު ދުނިޔޭގެ ވޯލްޑް ރެކޯޑް ފޮތަށް ވެސް އަރާފައިވާ މި މުރަކައިގެ ބަގީޗާގައި އިތުރު ކުރިތައް ލައި، މުރަތައް ވަރަށް ބާރު ސްޕީޑުގައި އުފެދެމުން އަންނަކަން ފާހަގަކުރެވެ އެވެ. މިގޮތަށް އާ ކުރިތައް ލައި، ހެދެމުން އަންނަނީ މިދިޔަ އަހަރުގެ ކުރީކޮޅު އިންދާފައިވާ އާޓިފިޝަލް މުރަކަތަކުންނެވެ.

ސަމާ އައިލެންޑްގެ ތްރީޑީ މުރަކައިގެ ބަގީޗާ މިހާރު ހުރި ގޮތް
ސަމާ އައިލެންޑްގެ ތްރީޑީ މުރަކައިގެ ބަގީޗާ މިހާރު ހުރި ގޮތް

އެ ރިސޯޓުގައި "ބްލޫ ލެގޫން"ގެ ގޮތުގައި ނަން ދީފައިވާ އާޓިފިޝަލް ކޮރަލް ރީފް ދުނިޔޭގެ ރެކޯޑު ފޮތަަށް އެރީ މިއީ މިގޮތަށް ހަދާފައިވާ އެންމެ ބޮޑު މުރަކައިގެ ބަގީޗާ އަށް ވާތީ އެވެ.

ސަމާ އައިލެންޑުން މި މުރަކައިގެ ބަގީޗާގެ މަސައްކަތް ފެށީ 2018 ގަ އެވެ. މިގޮތަށް އާޓިފިޝަލް ކޮރަލް ރީފެއް ހެދުމުގެ ބޭނުމަކީ މޫދުގައި އުޅޭ މަސް މަހާއި އެހެނިހެން ޖަނަވާރުތަކަށް އުޅޭވޭނެ އާ މާހައުލެއް ހޯދައިދިނުން ކަމަށް އެ ރިސޯޓުން ބުންޏެވެ.

ސަމާ އައިލެންޑްގެ ތްރީޑީ މުރަކައިގެ ބަގީޗާ މިހާރު ފެންނަ ގޮތް
ސަމާ އައިލެންޑްގެ ތްރީޑީ މުރަކައިގެ ބަގީޗާ މިހާރު ފެންނަ ގޮތް

ސަމާ ރިސޯޓުގެ ތްރީ-ޑީ ރީޕްގެ މަސައްކަތް އެންމެ ފުރަތަމަ ފެށީ އޮސްޓްރޭލިއާގެ މެލްބޫންގެ ލެބެއްގަ އެވެ. ގުދުރަތީ މުރަކައިގެ ސިފަ އަންނަ ގޮތަށް ސެރެމިކް ބޭނުންކޮށްގެން ހަދާފައިވާ އާޓިފިޝަލް މުރަކަ އުފެއްދި އެވެ. މި ތަކެތި ތައްޔާރު ކުރީ މެރިން ކޮންކްރީޓް ބޭނުންކޮށްގެންނެވެ.

މި ރިސޯޓުގެ އާޓިފިޝަލް މުރަކައިގެ ބަގީޗާ އަށް ދުނިޔޭގެ ސަމާލުކަން ވަނީ ލިބިފަ އެވެ. މި ރިސޯޓު އެންމެ ފުރަތަމަ ހިންގީ ސަމާ އައިލެންޑް ވިލޭޖުގެ ނަމުންނެވެ. އެ އަށް ފަހު 2015 ވަނަ އަހަރު ރިސޯޓުގެ ނަން ވަނީ ސަމާ އައިލެންޑް މޯލްޑިވްސް އަށް ބަދަލުކޮށްފަ އެވެ.