ސަމާ އައިލެންޑްގައި ތިބި، ފްރާންސްގެ ދެ ޓޫރިސްޓެއްގެ ގައިއިން، ކޮވިޑް-19 އަށް ޝައްކުރެވޭ އަލާމާތްތަކެއް ފެނުމާ ގުޅިގެން އެ ދެ މީހުން ކަރަންޓީނުކުރުމުގެ މަސައްކަތް ފަށައި، އެ ރިސޯޓަށް އަރައި ފޭބުން ވަގުތީ ގޮތުން މަނާކޮށްފި އެވެ.
ހެލްތު ޕްރޮޓެކްްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރި ޓްވީޓެއްގައި ބުނީ ފްރާންސްގެ ދެ ޓޫރިސްޓުންގެ ގައިން، ކޮވިޑް-19 އަށް ޝައްކުރެވޭ އަލާމާތްތައް ފެނުމުން އެމީހުން މޮނިޓާ ކުރުމަށާއި ޓެސްޓްކުރުމަށް ކަނޑައަޅާފައިވާ މަރުކަޒަށް ގެންދަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެ ދެ މީހުން ތިބި ރިސޯޓްކަަމަށްވާ ސަމާ އައިލެންޑަށް އަރައިފޭބުން ވަގުތީ ގޮތުން މަނާކުރީ އެއީ އެ ހާލަތުގައި އަމަލުކުރަން އޮންނަ އުސޫލުކަމަށް ވާތީ ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ.
ވ. ތިނަދޫގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ތިން ޓޫރިސްޓަކު އެ ބައްޔަށް ޝައްކު ކުރެވިގެން އިއްޔެ ވަނީ ކަރަންޓީނު ކޮށްފަ އެވެ. އަދި ކުރެއްދޫ ރިސޯޓްގައި ޗުއްޓީ ހޭދަކުރުމަށް ފަހު އެނބުރި އިޓަލީ އަށް ދިޔަ ޓޫރިސްޓަކު އެ ބައްޔަށް ޕޮޒިޓިވްވެގެން އެ ރިސޯޓްގައި އެ މީހާ އަށް ފަރުވާ ދިން ޑޮކްޓަރު ވެސް ވަނީ ކަރަންޓީނު ކޮށްފަ އެވެ. އަދި ތިނަދޫ އާއި ކުރެއްދޫ އަށް އަރައި ފޭބުން ވަގުތީ ގޮތުން ވަނީ މަނާކޮށްފަ އެވެ.
ޔޫރަޕްގައި އެންމެ ހަލުވި ކަމާއެކު ކޮވިޑް-19 ފެތުރެމުން ދަނީ އިޓަލީގަ އެވެ. އެ ގައުމުން މިހާތަނަށް 4،600 މީހަކަށް ބަލި ޖެހިފައި ވާއިރު އޭގެ ތެރެއިން 200 މީހަކު ވަނީ މަރުވެފަ އެވެ.
ހަލުވިކަމާ އެކު ކޮވިޑް-19 ފެތުރެމުންދާ އިޓަލީން މީހުން ރާއްޖެ އައުން މިރެއިން ފެށިގެން މަނާ ކުރަން ސަރުކާރުން ރޭ ވަނީ ނިންމައިފި އެވެ.
ރާއްޖޭން އެ ބައްޔާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކުގެ މައުލޫމާތު ދިނުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ އިޓަލީން މީހުން ރާއްޖެ އައުން މަނާކުރަން ސަރުކާރުން ނިންމީ ރާއްޖެ އަށް އެބަލި އަތުވެދާނެ ކަމުގެ ބިރު އޮތް މިންވަރު ބެލުމަށް ފަހުގައި ކަމަށެވެ.
"ކަންކަން ބެލުމަށް ފަހު އެނގުނީ ރާއްޖެ އަށް އެންމެ ރައްކާތެރި ގޮތަކީ އިޓަލީން މީހުން އައުން ހުއްޓާލުން ކަމަށް. އަޅުގަނޑުމެންނަށް އެންމެ މުހިންމު ވާނީ ރައްޔިތުންގެ އާއްމު ސިއްހަތު،" މިނިސްޓަރު އަލީ ވަހީދު ވިދާޅުވި އެވެ.