ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ހުރެގެން، ސަމާ އައިލެންޑް ރިސޯޓުން ޓެސްޓު ކުރި ހަތް މީހުން އެ ވައިރަސް އަށް ނެގެޓިވް ވެފައިވާ ކަަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރޭ ބުނެފި އެވެ.
އެ އިދާރާ އިން ރޭ ދަންވަރު ކުރި ޓުވީޓެއްގައި ބުނީ، މާލެ އަތޮޅު ސަމާ އައިލެންޑުން ޝައްކު ކުރެވުނު ހަތް މީހުންގެ ހަށިގަނޑުގައި އެ ބަލި ނެތުމުން މިހާރު އެ ރަށް އާންމުކޮށް ހުޅުވާލާފައިވާ ކަމަށެވެ. ކޮވިޑް-19 އަށް ޝަައްކު ކުރެވޭ ބަޔަކު ފެނުމުން އިއްޔެ ހެނދުނުން ފެށިގެން ސަމާ އައިލެންޑު އޮތީ ކަރަންޓީނު ކޮށްފަ އެވެ.
ސަމާ އައިލެންޑް ރިސޯޓުން ކޮވިޑް-19 އަށް ޝައްކު ކުރެވުނު މީހުންގެ ތެރޭގައި އެ ރިސޯޓަށް ޗުއްޓީ އަށް ދިޔަ ފްރާންސްގެ ދެ ޓޫރިސްޓަކު ވެސް ހިމެނެ އެވެ. ދެން ތިބީ ރިސޯޓުގެ ޑޮކްޓަރާއި އެހެން މުވައްޒަފުންތަކެކެވެ.
އެކި ގައުމުތަކުގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 ރާއްޖެ އިން ފެނިފައިވާ ކަން ސަރުކާރުން ރޭ ވަނީ އިއުލާން ކޮށްފަ އެވެ. ރާއްޖެ އިން އެ ބަލި އެންމެ ފުރަތަމަ މި ފެނުނީ ޅ. ކުރެއްދޫ އައިލެންޑް ރިސޯޓުގައި މަސައްކަތް ކުރާ ބިދޭސީ ދެ މީހެއްގެ ހަށިގަނޑުންނެވެ. އެކަމާ ގުޅިގެން، އެ ދެ މީހުން އެކަހެރިކޮށް، އަޅަންޖެހޭ ފިޔަވަޅުތައް ކުރިއަށް ގެންދާ ކަމަށް ހެލްތު މިނިސްޓްރީން ބުނެ އެވެ.
ކުރެއްދޫގައި މަސައްކަތް ކުރާ ބިދޭސީ ދެ މުވައްޒަފެއްގެ ހަށިގަނޑުން ކޮވިޑް-19 ފެނުނުއިރު، އެ ރިސޯޓަށް ޗުއްޓީ އަށް ދިޔަ އިޓަލީގެ ޓޫރިސްޓަކު ރާއްޖެ އިން ފުރައިގެން ދިޔަ ފަހުން، އެ ވައިރަހަށް ޕޮޒިޓިވް ވިކަން އަންގާފައިވާ ކަަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.
ރާއްޖެ އަށް އިޓަލީން މީހުން އައުން މިއަދުން ފެށިގެން ވަނީ މަނާކޮށްފަ އެވެ. އިޓަލީގެ އިތުރުން ދެ އެ ލިސްޓުގައި އުޅެނީ ޗައިނާ އާއި އީރާން އަދި ސައުތު ކޮރެއާގެ ދެ ސަރަހައްދެކެވެ.