އެކި ރަށްރަށުގައި އިތުރު 15 ފުޓްސަލް ދަނޑު އެޅުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީން ކުރިއަށް ގެންދާ ސްޕޯޓްސް އެރީނާ މަޝްރޫއުގެ ދަށުން ތަރައްގީ ކުރާ މި ދަނޑުތަކުގެ އެއްބަސްވުމުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އިރުތިޝާމް އާދަމް އެވެ.
އެ މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރު އިބްރާހިމް ސައީދު ވިދާޅުވި ގޮތުގައި އަލަށް ސޮއިކުރި އެއްބަސްވުމުގެ ދަށުން ހުޅުމާލޭގައި ހަތަރު ދަނޑު އަޅާނެ އެވެ. އަދި ވިލިމާލޭގައި ވެސް ފުޓްސަލް ދަނޑެއް އަޅާނެ އެވެ.
"ވިލިމާލޭގެ މިހާރު އޮތް ދަނޑުގެ އިތުރަށް އެއް ދަނޑު މި އަޅަނީ،" އިބްރާހިމް ވިދާޅުވި އެވެ.
އަލަށް ދެން ފުޓްސަލް ދަނޑު އަޅަނީ ހއ. ތަކަންދޫ އާއި ހދ. ނޮޅިވަރަމްފަރާއި ހދ. ނެއްލައިދޫ އާއި ކ. ދިއްފުއްޓާއި ހދ. ހަނިމާދޫ އާއި އއ. ތޮއްޑޫ އާއި ކ. މާފުއްޓާއި ކ ހުރާ އަދި ހދ. ނޭކުރެންދޫގަ އެވެ.
މި މަސައްކަތް ހަވާލުކުރީ ބިޑް ކޮށްގެން ހޮވުނު އަމިއްލަ ފަރާތްތަކާ އެވެ.
އިތުރު ފުޓްސަލް ދަނޑުތަކެއްގެ އެއްބަސްވުމުގައި ސޮއިކުރިއިރު މިހާތަނަށް ވަނީ ގާތްގަނޑަކަށް 50 ފުޓްސަލް ދަނޑު ތަރައްގީ ކޮށްފަ އެވެ.