މާލޭގެ އިހުތިސާސްގައި ބްރިޖަކުން ގުޅުވާލެވޭނެ ހުރިހާ ތަނެއް ހިމެނޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

މާލޭގެ ބިން ފުރުމުން ކައިރީގައި ހުރި ފަޅުތައް ހިއްކައިގެން މާލޭގެ ރައްޔިތުންނަށް ބަންޑާރަ ގޯތި ދޭތީ އާންމުންގެ މެދުގައި އެކަމަށް އޮތް ފާޑުކިޔުންތައް ވަރަށް ބޮޑެވެ. އެ ބަހުސްގެ ތެރެއިން ގިނަ ބަޔަކު އުފައްދާ އެއް ސުވާލަކީ މާލޭގެ އިހުތިސާސްގައި ނުހިމެނޭ ފަޅުތަކެއް ހިއްކައިގެން ގޯތި ދެނީ ކީއްވެގެން ހެއްޔެވެ؟

ރައީސް ޑރ. މުހައްމަދު މުއިއްޒު ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރައްވަން ބޭއްވި ޖަލްސާގައި އާންމުން ބައިވެރިވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
ރައީސް ޑރ. މުހައްމަދު މުއިއްޒު ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރައްވަން ބޭއްވި ޖަލްސާގައި އާންމުން ބައިވެރިވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
އެހެންވީމަ، އުތުރު ތިލަފަޅު، ގިރާވަރުފަޅު، ގުޅިފަޅު، މި ހުރިހާ ތަނެއް މާލޭގެ އިހުތިސާސްގެ ތެރޭގައި ހިމެނިގެންދާ ހަމައަކުން އެކަން ކުރަން ވިސްނާފައި އޮތީ: ރައީސް

ރައީސް މުއިއްޒު ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރައްވަން އިމާދުއްދީން ސްކޫލުގެ ހޯލުގައި ރޭ ބޭއްވި ޖަލްސާގައި ވަނީ އެ މައުލޫއު އަށް ވެސް ވާހަކަފުޅު ދައްކަވައިފަ އެވެ. އެއީ ގިރާވަރު ފަޅާއި ގުޅިފަޅު ހިއްކުމުގެ މަޝްރޫއާ ގުޅުވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

"އިހުތިސާސްގެ ތެރޭގައި ހިމެނޭނެތޯ، ނޫންތޯ؟ އަޅުގަނޑުމެން މިހާރު ހަމަ ގާނޫނީ އިޖުރާއަތް އެ އޮތީ، އޭގެ ތެރެއިން ކަނޑައެޅިފައި. އިހުތިސާސްގެ ތެރޭގައި ބްރިޖަކުން މި ގުޅޭ، ގުޅުވާލެވޭ ގޮތަށް ހުރި ހުރިހާ ތަނެއް ހިމެނުން. އެއީ އަޅުގަނޑުމެން ވިސްނާފައި އޮތްގޮތް،" ރައީސް ވިދާޅުވި އެވެ.

"އެހެންވީމަ، އުތުރުތިލަފަޅާ ހަމަ އަށް، އުތުރު ތިލަފަޅު ވެސް އިރާދަކުރެއްވިއްޔާ ހިއްކަން ފަށަން މި އުޅެނީ. އެހެންވީމަ، އުތުރު ތިލަފަޅު، ގިރާވަރުފަޅު، ގުޅިފަޅު، މި ހުރިހާ ތަނެއް މާލޭގެ އިހުތިސާސްގެ ތެރޭގައި ހިމެނިގެންދާ ހަމައަކުން އެކަން ކުރަން ވިސްނާފައި އޮތީ."

ރައީސް ވިދާޅުވީ އެ ތަންތަނުން ބިމާއި ގެދޮރު ލިބެނީ މާލޭ ރަށްވެހިންނާއި މިތަނުގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް ކަމަށް ވާތީ، އެ ތަންތަނުގައި "މާލޭ ވަންތަކަން" ހުންނަން ޖެހޭނެ ކަމަށެވެ. އަދި މި ސަރުކާރުގެ ބޮޑު މަޝްރޫއެއް ކަމަށްވާ ފުށިދިއްގަރުފަޅު ހިއްކައިގެން ހަދާ ރަސްމާލެއަކީ ވެސް އެ ވިސްނުމުގައި ކުރިއަށް ގެންދާ ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރައްވަން ބޭއްވި ޖަލްސާގައި އެމަނިކުފާނާއި ބަންޑާރަނައިބު އަހްމަދު އުޝާމް ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
ރައީސް ޑރ. މުހައްމަދު މުއިއްޒު ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރައްވަން ބޭއްވި ޖަލްސާގައި އެމަނިކުފާނާއި ބަންޑާރަނައިބު އަހްމަދު އުޝާމް ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

މާލެ އާއި ހުޅުލެ އަދި ހުޅުމާލެ ސިނަމާލެ ބްރިޖުން ގުޅުވާލީ 2018 ވަނަ އަހަރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ވަނީ މާލެ އާއި ވިލިމާލެ އާއި ގުޅިފަޅު އަދި ތިލަފުށި ގުޅުވާލަން ބްރިޖެއް އެޅުމުގެ މަސައްކަތް 2022 ވަނަ އަހަރު ފަށައިފަ އެވެ. އަދި ރައީސް މުއިއްޒުގެ ސަރުކާރުން ވަނީ ތިލަފުއްޓާއި ގިރާވަރުފަޅު އަދި އުތުރުތިލަފަޅު ގުޅުވާލަން ބްރިޖެއް އެޅުމަށް މަޝްވަރާތައް މިދިޔަ އަހަރު ފަށައިފަ އެވެ.

ސަރުކާރުން މިހާރު ވަނީ ހުޅުމާލެ 3 ހިއްކުމުގެ މަސައްކަތް އަވަސްކުރުމަށް އިތުރު ދެ ޑްރެޖަރު ގެނެސްފަ އެވެ. އެ މަސައްކަތް މި މަހު ނިންމައި އަންނަ މަހު ގިރާވަރު ފަޅު ހިއްކަން ފަށަން ވަނީ ތަވާލުކޮށްފަ އެވެ. އަދި ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ނިންމައި، އުތުރުތިލަފަޅު ހިއްކާނެ އެވެ. ރަސްމާލެ ހިއްކުމުގެ މަސައްކަތުގެ ސްޕީޑް ވެސް އަވަސްކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން 15،000 ގޯތި ދޭން ވަނީ ނިންމައިފަ އެވެ. އޭގެ ތެރެއިން 10،000 ގޯއްޗަކީ މާލޭގެ ރަށްވެހިންނަށް ދޭ ގޯތިތަކެވެ. އަދި ބާކީ 5،000 ގޯތި ހާއްސަކުރަނީ މާލޭގައި ދިރިއުޅޭތާ 15 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ މީހުންނަށެވެ.

މާލެ ސަރަހައްދުގައި އިތުރު 7،500 ފްލެޓް އަޅަން ވެސް މި ސަރުކާރުން ވަނީ ނިންމައިފަ އެވެ.