ދިވެހިރާއްޖޭގެ އެތުލެޓިކްސްގެ ތާރީހުގައި މުގުރާނުލެވި އެންމެ ގިނަ ދުވަސްވީ ރެކޯޑް ކަމަށްވާ މެރެތަން ދުވުމުގެ ރެކޯޑް، 27 އަހަރަށް ފަހު މުގުރާލުމާ ދެ މިނެޓު ގާތަށް ގޮސް ދިޔަ ނަމަވެސް ރެކޯޑް މުގުރާނުލެވި އަހުމަދު ޝަރަފް މިއަދު ރޭސް ނިންމާލައިފި އެވެ.
ޕާކިސްތާނުގެ އިސްލާމް އާބާދުގައި 1989 ވަނަ އަހަރު އޮތް ސާފް ގޭމްސްގައި 2 ގަޑި 45.03 މިނެޓުން ޑރ. ހުސެއިން ހަލީމް (ކުޑަހުސެން) ހެދި ރެކޯޑް މުގުރާލުމާ ގާތަށް ޝަރަފް ދިޔައީ މިއަދު ޖަރުމަނުގެ ބާލިންގައި ކުރިއަށް ދިޔަ ބާލިން މެރެތަންގަ އެވެ. އިތިއޯޕިއާގައި ތަމްރީން ހަދަމުން އަންނަ ޝަރަފް މިއަދު ރޭސް ނިންމީ 2 ގަޑި 48 މިނެޓުންނެވެ.
ރާއްޖޭގެ ގައުމީ ހާފް މެރެތަން ރެކޯޑް މިދިޔަ މަހު މުގުރާލުމާ އެކު އަދި ތަމްރީންތަކުގައި ހޯދަމުން އައި ކުރިއެރުންތަކާ އެކު އޭނާ މިއަދު ރެކޯޑް މުގުރާލާނެ ކަމަށް ގިނަ ބަޔަކު އުއްމީދުކުރި އެވެ. އޭނާ މިއަދު އަމިއްލަ ރެކޯޑް އާކުރުރުމާ އެކު ބެލެވޭ ގޮތުގައި ދެން އެންމެ އަވަހަށް ވާދަކުރާ ރޭހެއްގައި އޭނާ ރެކޯޑް މުގުރާލާނެ އެވެ.
ޕުކެޓް މެރެތަންގައި 2014 ވަނަ އަހަރު 1 ގަޑި 19:05 މިނެޓުން އަހުމަދު ރިޒާ ހަދާފައިވާ ހާފް މެރެތަން ރެކޯޑް ޝަރަފް މުގުރާލީ މިދިޔަ މަހު މޮރޮކޯގެ ނަޑޯ މެރެތަންގައި 1 ގަޑި 16:17 މިނެޓުން ރޭސް ނިންމައިގެންނެވެ. އެކާވީސް ކިލޯމީޓަރުގެ އެ ރޭހުގައި ޝަރަފް 3:33 މިނެޓުގެ ކުރިއެރުމެއް ހޯދި އެވެ.
މީގެ ފަސް އަހަރު ކުރިން ދުވުމުގެ ތެރެއަށް ވަން ޝަރަފް ވަނީ 2013 ވަނަ އަހަރުގެ ޕުކެޓް މެރެތަންގެ އުމުރުފުރާގެ ކެޓަގަރީން ތިން ވަނަ ހޯދައިފަ އެވެ. އަދި އޭނާ ވަނީ 2014 ވަނަ އަހަރުގެ ގައުމީ ހާފް މެރެތަން ޗެމްޕިއަންޝިޕުންނާއި މިޑްނައިޓް ރަންގެ ހާފް މެރެތަން އިން ދެ ވަނަ ހޯދައިފަ އެވެ.