ޖެނުއަރީ މަހު ސްރީ ލަންކާގައި ބޭއްވި އެ ގައުމުގެ އެތުލެޓިކްސް ސެންޗުރީ މެރަތަންގައި ވާދަކުރަން، ރާއްޖޭގެ އެތުލެޓިކްސް އެސޯސިއޭޝަނުން ނެގި ހަތަރު ދުވުންތެރިންގެ ޓީމުގައި އަހުމަދު ޝަރަފް ވެސް ހިމެނުނެވެ. އެކަމަކު ކޮވިޑަށް ޕޮޒިޓިވްވުމުގެ ސަބަބުން ފަހު ވަގުތު ދެވޭ ގޮތެއް ނުވި އެވެ.
ކޮވިޑުގައި 14 ދުވަސް ކަރަންޓީނުގައި ހޭދަކުރުމަށް ފަހު ޝަރަފް އަލުން ދުވަން ނުކުތީ އަނެއްކާ ވެސް ޓްރެއިނިން ފަށައި ދެން އެންމެ އަވަހަށް އޮންނަ ރޭހަކަށް ތައްޔާރުވުމަށެވެ. އެކަމަކު މި ފަހަރު ތަފާތެއް ފާހަގަކުރެވުނެވެ. އާއްމު ދުވަސްތަކަށް ވުރެ އޭނާ ވަރުބަލިވާލެއް އަވަސްވީ އެވެ. އޭގެ ކުރިން 16 ވަރަކަށް މިނެޓުން ފަސް ކިލޯމީޓަރު ކަޑައްތުކުރާ ޝަރަފަށް އެ ރާސްތާއަށް ވެސް ދުވެނުލެވުނެވެ.
"ހީވަނީ މުޅި ހަށިގަނޑު ވަރަށް ބޮޑަށް ވަރުބަލި ވެފައި ހުންނަހެން. ދެން އެއްގޮތަކަށް ވެސް ކުރިއަކަށް ނުދޭ" ޝަރަފް ބުންޏެވެ.
ވެގެން އުޅޭ ގޮތަށް އެނގުނީ ޑޮކްޓަރަށް ދެއްކުމުންނެވެ. އޭނާ އަށް ކުރިމަތިވީ ލޯންގް ކޮވިޑުގެ މައްސަލަ އެވެ. އެއީ 2019 ވަނަ އަހަރުގެ ފަހުކޮޅު ދުނިޔޭގައި ފެތުރެން ފެށި މި ބަލި ޖެހޭ ބައެއް މީހުންނަށް ވައިރަސްގެ އަސަރު ފިލައިގެން ދިއުމަށް ފަހު ވެސް ދިގު މުއްދަތަކަށް ބައެއް އުނދަގޫތައް ހުންނަ ހުރުމެވެ.
ޝަރަފް ގާތު ޑޮކްޓަރު ބުނީ ކޮވިޑުގެ ސަބަބުން ފުއްޕާމޭ ބަލިކަށިވުމުން، މަސުލްތަކަށް އޮކްސިޖަން ދާން ޖެހޭ ވަރަށް ނުދަނީ ކަމަށެވެ.
"ހާޓް ރޭޓްމައްޗަށް އަރާފަ އޮކްސިޖަން ދައުރުވާން ޖެހޭ މިންވަރަށް ދައުރު ނުވަންޏާ އެ ހުރިހާ ލޯޑެއް އަރާނީ މަސަލްސްތަކަށްތާ،" ޝަރަފް ބުންޏެވެ.
އެކަން އެހެން ދިމާވި ނަމަވެސް އޭނާ، ކޮވިޑް ޖެހުނުތާ މަހެއް ފަހުން ޔޫއޭއީގައި އޮތް ރަކް އަލް ހައިމާ ހާފް މެރަތަންގައި ވާދަކުރަން ދިޔަ އެވެ. އޭނާ އަށް ހާފް މެރެތަން ފުރިހަމަކުރެވުނީ 1 ގަޑި 17 މިނެޓުންނެވެ. އެއީ އޭނާގެ ކުރީގެ ޓައިމިންތަކަށް ވުރެ ލަހެވެ. ހަމައެކަނި ލަސްވުން އެކަންޏެއް ވެސް ނޫނެވެ. އިތުރު މައްސަލަ ވެސް ނުކުތެވެ.
"ފަހު 10 ކިލޯމީޓަރުގެ ރާސްތާގައި މީހާ އެއްކޮށް ޑްރެއިން އަައުޓް ވީ،" ޝަރަފް ބުންޏެވެ.
އެ އުދަނގޫތައް އަދިވެސް އެއްކޮށް ފިލައިނުދެ އެވެ. ޝަރަފް ބުނި ގޮތުގައި މިހާރު ވެސް ހުރިހާ ޓްރެއިނިންއެއްގައި އޭނާގެ ހިތުގެ ހިނގުން 180 އަށް ވާސިލުވެ އެވެ. އެހެންވެ އޭނާ އަންނަނީ އެކަމަށް ފަރުވާއެއް ލިބޭތޯ މަސައްކަތްކުރަމުންނެވެ. މިދިޔަ ހޯމަ ދުވަހު ވެސް އޭނާ ވަނީ ފުއްޕާމޭގެ ހާލަތު ދެނެގަތުމަށް އިކޯ ޓެސްޓެއް ހަދައިފަ އެވެ.
"ޑޮކްޓަރުން ބުނަނީ ހަމަ ކޮވިޑްގެ ސަބަބުން ލަންގްސް ހުރީ ވީކް ވެފައޭ،" ޝަރަފް ބުންޏެވެ
"ޓްރޭނިންގައި އިންޓަވަލް ހަދާފަ [ބްރޭކް ނަގާފަ] ތާ ދުވަނީ. އެހެން ވެއްޖެއްޔާ އެހާ ބޮޑަކަށް އެކަމެއް ނާދޭ. އެކަމަކު އެއްވަރެއްގެ ޓެމްޕޯއެއްގައި ހައި ސްޕީޑްގައި ދަންޏާ ހީވަނީ ހަމަ ލަންގްސް ބެދެން އުޅޭހެން."
ޖޫން މަހު ހުޅުމާލޭގައި ބޭއްވި ޓީއެފްޖީގެ އެމްވީ ރަންގައި ދުވި އިރު އޭނާގެ ހާޓް ރޭޓް 193 އަށް ވެސް ވާސިލުވި ކަމަށް ޝަރަފް ބުންޏެވެ. އަދި ތައިލެންޑްގެ ޕުކެޓް ހާފް މެރަތަންގައި ވާދަކޮށް ޕޭސް ނިންމި އިރު ހާޓް ރޭޓް 200 އަށް ވުރެ ވެސް މައްޗަށް ދިޔަ އެވެ.
ޓެސްޓްތައް ހެދުމުން ޔަގީންވަނީ އޭނާގެ ފުއްޕާމޭގައި މައްސަލަތަކެއް ހުރިކަމެވެ. އެކަމަކު މިވަގުތު އިތުރު ފަރުވާއެއް ނެތެވެ.
"ޑޮކްޓަރުން ބުނަނީ މިކަމުން ރިކަވާވާން މަސްތަކެއް ނަގާނެޔޭ،" ޝަރަފް ބުންޏެވެ.
އެ އުނދަގޫތަކާ އެކު ވެސް ޝަރަފް އަންނަނީ ދުވުމުން އިތުރު އުސްމިންތަކަށް އެރޭތޯ މަސައްކަތްކުރަމުންނެވެ. އެގޮތުން މިދިޔަ މަހުން ފެށިގެން ޓްރެއިނިން ހަދަމުން އަންނަނީ ރާއްޖޭގެ ކުރީގެ ވަރުގަދަ ދުވުންތެރިޔާ ނަސީރު އިސްމާއިލްގެ ބެލުމުގެ ދަށުންނެވެ.
"މި އެއް މަސް ދުވަހުގެ ތެރޭގައި ވެސް ކުރި އެރުން އައިސްފިކަން ވެސް އަމިއްލަ އަށް ވެސް އިހުސާސް ކުރެވޭ،" ޝަރަފް ބުންޏެވެ.
ޝަރަފަށް ދިމާވި މައްސަލައިން އަރައިގަތުމަށް އޮތީ ދިގު މަގެކެވެ. އެކަމަކު އޭނާ ހުރީ ދޫދޭ ގޮތަކަށް ނޫނެނެވެ.
ޑރ. ހުސެއިން ހަލީމް (ކުޑަހުސެން) ހެދި މެރެތަން ރެކޯޑް 27 އަހަރަށް ފަހު މުގުރާލި ދުވުންތެރިޔާގެ އުއްމީދަކީ، އެ ރާސްތާ އިންނާއި ހާފް މެރެތަންގެ ރާސްތާ އިން ބައިނަލްއަގްވާމީ ކާމިޔާބީތަކެއް ހޯދުމެވެ.