ދަ ބެސްޓް ފީފާ ފުޓްބޯލް އެވޯޑްސްގައި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ހޮވަން ރާއްޖޭގެ ގައުމީ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލްގަނީ އާއި ކޯޗު ޕީޓާ ސެގާޓް ވޯޓް ދިނީ ދެ ވަނަ މަގާމް ހޯދި ނެދަލެންޑްސް އާއި ލިވަޕޫލުގެ ވާޖިން ވެން ޑައިކަށެވެ.
ރޭ މިލާނުގައި ބޭއްވި އެވޯޑް ހަފުލާގައި މި އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ބާސެލޯނާގެ އާޖެންޓީނާ ފޯވާޑް ލިއޮނަލް މެސީ އެވެ. ވެން ޑައިކް ދެ ވަނަ ހޯދިއިރު ތިން ވަނަ އަކީ ޔުވެންޓަސްގެ ޕޯޗުގީސް ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.
ފީފާ އެވޯޑް ލިބޭ ކުޅުންތެރިން ހޮވަނީ ގައުމީ ޓީމުތަކުގެ ކެޕްޓަންނުންނާއި ކޯޗުންނާއި ސަޕޯޓަރުން އަދި ނޫސްވެރިންގެ ވޯޓުން ކޮންމެ ބަޔެއްގެ 25 އިން ސައްތަ ނަގާ ގޮތަށެވެ.
މި ވޯޓުގައި އަކްރަމާއި ސެގާޓުގެ ވެސް އެއް ވަނަ ވެން ޑައިކަށް ދިން އިރު ދެ ވަނަ ދިނީ މެސީ އަށެވެ. ތިން ވަނަ ދިނީ ރޮނާލްޑޯ އަށެވެ. ވެން ޑައިކް ވަނީ މި ސީޒަނުގެ ޗެމްޕިއަންސް ލީގު ލިވަޕޫލަށް ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ. އޭނާ ވަނީ މި އަހަރުގެ ޔުއެފާގެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދައިފަ އެވެ. ބާސެލޯނާ އަށް ސްޕެނިޝް ލީގު ކާމިޔާބުކޮށްދިން މެސީ ވަނީ ޖުމްލަކޮށް ހުރިހާ މުބާރާތެއްގައި މޮޅަށް ކުޅެފަ އެވެ. ޔުވެންޓަސްއާ އެކު އިޓާލިއަން ލީގު ކާމިޔާބުކުރި ރޮނާލްޑޯ ވަނީ ގައުމީ ޓީމަށް ޔުއެފާ ނޭޝަންސް ލީގު ކާމިޔާބުކޮށްދީފަ އެވެ.
މި ސަހަރައްދުގެ އެހެން ގައުމުތަކަށް ބަލާއިރު އިންޑިއާގެ ކެޕްޓަން ސުނިލް ޗެތުރީ ވެސް އެއް ވަނަ ދިނީ ވެން ޑައިކަށެވެ. އޭނާ ދެ ވަނަ މެސީ އަށް ދިން އިރު ތިން ވަނަ ވޯޓް ދިނީ ލިވަޕޫލުގެ މިސްރު ފޯވާޑް މުހައްމަދު ސަލާހަށެވެ. ޕާކިސްތާނުގެ ކެޕްޓަން އަދި ކުރިން ޕްރިމިއާ ލީގުގައި ކުޅުނު ޒޭޝް ރެހްމާންގެ އެއް ވަނަ އަކީ ޕީއެސްޖީގެ ފްރާންސް ފޯވާޑް ކީލިއަން އެމްބާޕޭ އެވެ. އޭނާ ދެ ވަނަ ވެން ޑައިކަށް ދިން އިރު ތިން ވަނަ އަކީ ސަލާހެވެ.
ދުނިޔޭގެ ފާހަގަކޮށްވޭ ކެޕްޓަނުންގެ ތެރެއިން ބްރެޒިލްގެ ޑެނިއަލް އަލްވެސްގެ އެއް ވަނަ އަކީ އޭނާއާ އެއްކޮށް ބާސެލޯނާ އަށް ކުޅުނު މެސީ އެވެ. އޭނާ ދެ ވަނަ ލިވަޕޫލުގެ ސެނެގާލް ފޯވާޑް ސަޑިއޯ މާނޭ އަށް ދިންއިރު ތިން ވަނަ ދިނީ ވެން ޑައިކަށެވެ. ފްރާންސްގެ ކެޕްޓަން ހޫގޯ ލޮރިސް އެއް ވަނަ މެސީ އަށް ދިން އިރު ދެ ވަނަ އަކީ ރޮނާލްޑޯ އެވެ. އަދި ތިން ވަނަ ދިނީ އެމްބާޕޭ އަށެވެ.
ޖަރުމަނުގެ ކެޕްޓަން މެނުއަލް ނޯޔާ ވޯޓް ދިނީ ވެން ޑައިކް، މާނޭ އަދި އެޑެން ހަޒާޑަށް އެ ތަރުތީބުންނެވެ. އިޓަލީގެ ކެޕްޓަން ޖިއޯޖިއޯ ކިއެލީނީގެ އެއް ވަނަ ހޮވުމަކީ އޭނާއާ އެކު ޔުވެންޓަސް އަށް ކުޅޭ ރޮނާލްޑޯ އަށެވެ. އަދި ދެ ވަނަ ވަނަ ދިނީ ޔުވެންޓަސް އަށް މި ސީޒަނުގައި ބަދަލުވި ނެދަލެންޑްސްގެ ޒުވާން ޑިފެންޑަރު ފްރެންކީ ޑި ޔޮންގް އަށެވެ. އޭނާގެ ތިން ވަނަ އަކީ ސަލާހެވެ. ސްޕެއިނުގެ ކެޕްޓަން ސާޖިއޯ ރާމޯސް ވޯޓް ދިނީ އޭނާގެ ރެއާލް މެޑްރިޑަށް މި ސީޒަނުގައި ބަދަލުވި އެޑެން ހަޒާޑަށެވެ. އޭނާ ދެ ވަނަ ވޯޓް ރޮނާލްޑޯ އަށް ދިން އިރު ތިން ވަނަ އަކީ ސަލާހެވެ.
ދުނިޔޭގެ މަޝްހޫރު ކޯޗުންގެ ތެރެއިން އިންގްލެންޑުގެ ގެރެތު ސައުތުގޭޓް ވޯޓް ދިނީ މެސީ، ރޮނާލްޑޯ އަދި ވެން ޑައިކުގެ ތަރުތީބުންނެވެ. ފްރާންސްގެ ޑިޑިއޭ ޑިޝޯމްޕްސް އެއް ވަނަ އަކީ އެ ޓީމުގެ އެމްބާޕޭ އެވެ. އޭނާ ދެ ވަނަ ރޮނާލްޑޯ އަށް ދިން އިރު ތިން ވަނަ އަކީ މެސީ އެވެ. ޖަރުމަނުގެ ޔަކީމް ލޯ ގެ އެއް ވަނަ ހޮވުމަކީ ހަޒާޑެވެ. އޭނާގެ ދެ ވަނަ އަކީ އެމްބާޕޭ އެވެ. އަދި ތިން ވަނަ ދިނީ މާނޭ އަށެވެ.
އިޓަލީގެ ރޮބާޓޯ މަންޗިނީ އެއް ވަނަ ރޮނާލްޑޯ، ދެ ވަނަ މެސީ އަށް ދިން އިރު ތިން ވަނަ އަކީ ސަލާހެވެ. ނެދަލެންޑްސްގެ ރޮނާލްޑް ކޫމަން އެއް ވަނަ ދިނީ އެ ޓީމުގެ ވެން ޑައިކަށެވެ. އަދި ދެ ވަނަ މެސީ އަށް ދީފައި ތިން ވަނަ ދިނީ އެ ޓީމުގެ ޑި ޔޮން އަށެވެ.