ފީފާގެ ބެސްޓް ފީފާ އެވޯޑްސްގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ހޮވުމަށް ރާއްޖޭގެ ކެޕްޓަން އަކްރަމް އަބްދުލް ގަނީ (އަކޫ)ގެ ވޯޓު ލިއޮނަލް މެސީ އަށް ދިންއިރު ގައުމީ ކޯޗު ކްރޮއޭޝިއާގެ ޕީޓަ ސެގާޓްގެ ވޯޓު ދިނީ އޭނާގެ ގައުމުގެ ތަރި ލޫކަ މޮޑްރިޗް އަށެވެ.

ރޭ ލަންޑަންގައި ބޭއްވި އެވޯޑް ހަފުލާގައި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ވޯލްޑް ކަޕްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު މޮޑްރިޗް ހޯދިއިރު ދެ ވަނަ އަށް ދިޔައީ ޔުވެންޓަސްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. އަދި ތިން ވަނަ އަކީ ލިވަޕޫލްގެ މުހައްމަދު ސަލާހު އެވެ.

ފީފާ ބެސްޓް އެވޯޑްސްގައި ވޯޓު ދޭ ގޮތް ވަނީ ހަތަރު ބަޔަކަށް ބަހައިފަ އެވެ. އެއީ ގައުމީ ޓީމުގެ ކޯޗުންނާއި ގައުމީ ޓީމުގެ ކެޕްޓަނުންނާއި މީޑިއާގެ ފަރާތްތަކުގެ އިތުރުން އޮންލައިން ވޯޓުންނެވެ. ކޮންމެ ބަޔަކަށް ވެސް އޮންނަނީ 25 އިންސައްތަ އެވެ.

އަކުރަމް އޭނާގެ ދެ ވަނަ ވޯޓު ދިނީ ރޮނާލްޑޯ އަށެވެ. ތިން ވަނަ ވޯޓު ދިނީ މޮޑްރިޗަށެވެ. ސެގާޓް އޭނާގެ ދެ ވަނަ ވޯޓު ދިނީ އެންޓޮއިން ގްރީޒްމަން އަށެވެ. އަދި ތިން ވަނަ ވޯޓު ދިނީ ރޮނާލްޑޯ އަށެވެ.

އެންމެ މޮޅު ކޯޗު ހޮވުމަށް އަކުރަމް ފުރަތަމަ ވޯޓު ދިނީ ރެއާލުގެ ކުރީގެ ކޯޗު ޒިނެދިން ޒިދާން އަށެވެ. ދެ ވަނަ ވޯޓު މެންޗެސްޓާ ސިޓީގެ ޕެޕް ގާޑިއޯލާ އަށް ދިންއިރު، ތިން ވަނަ އަށް ދިނީ ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް އަށެވެ. މޮޅު ކޯޗުގެ އެވޯޑަށް ސެގާޓް ފުރަތަމަ ވޯޓު ދިނީ ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް އަށެވެ. ދެ ވަނަ ވޯޓު ބެލްޖިއަމްގެ ކޯޗު ރޮބާޓޯ މާޓިނޭޒަށް ދިންއިރު، ތިން ވަނަ ވޯޓު ދިނީ ކްރޮއޭޝިއާގެ ކޯޗު ޒްލަޓްކޯ ޑާލިޗް އަށެވެ.

ފީފާ ކޮންފަރެންސްގެ ތެރެއިން ގައުމީ ކޯޗު ސެގާޓް (މ) އާއި ފްރާންސްގެ ކޯޗު ޑެޝޯމްޕްސް (ކ) އަދި ކްރޮއޭޝިއާގެ ކޯޗު ޑާލިޗް.
ފީފާ ކޮންފަރެންސްގެ ތެރެއިން ގައުމީ ކޯޗު ސެގާޓް (މ) އާއި ފްރާންސްގެ ކޯޗު ޑެޝޯމްޕްސް (ކ) އަދި ކްރޮއޭޝިއާގެ ކޯޗު ޑާލިޗް.

އަންހެން މޮޅު ކުޅުންތެރިއާ ހޮވުމަށް ރާއްޖޭގެ އަންހެން ޓީމު ކެޕްޓަން ފަދުވާ ޒާހިރާއި ކޯޗު މުހައްމަަދު އާތިފްގެ ތިން ވޯޓު ވެސް ދިނީ އެއްގޮތަށެވެ. ފުރަތަމަ ވޯޓު ދިނީ ލިޔޯންގެ އޭޑަ ހެގަބާގް އަށެވެ. ދެ ވަނަ ވޯޓު ދިނީ ހަަ އެ ޓީމުގެ ޒެނިފާ މާރޯޒަން އަށެވެ. އަދި ތިން ވަނަ ވޯޓު ދިނީ އެމަންޑައިން ހެންރީ އަށެވެ.

އެވޯޑް ހޯދި މޮޑްރިޗް، ކްރޮއޭޝިއާގެ ކެޕްޓަންގެ ހައިސިއްޔަތުން ވޯޓް ދިނީ ރެއާލުގެ ރަފައެލް ވަރާން އާއި ރޮނާލްޑޯ އަދި ގްރީޒްމަން އަށެވެ. އާޖެންޓީނާ ކެޕްޓަން ލިއޮނަލް މެސީ ވޯޓް ދިނީ މޮޑްރިޗާއި ޕީއެސްޖީގެ ކިލިއަން އެމްބާޕޭ އަދި ރޮނާލްޑޯ އަށެވެ. ޕޯޗުގަލްގެ ކެޕްޓަން ރޮނާލްޑޯ ވޯޓު ދިނީ ވަރާން އާއި މޮޑްރިޗް އަދި ގްރީޒްމަން އަށެވެ.

އެންމެ ތަފާތު ވޯޓުތަކަށް ބަލާއިރު އިންޑިއާގެ ކޯޗު ސްޓެފަން ކޮންސްޓަންޓިންގެ ގަދަ ތިނެއްގައި ހިމެނެނީ މުހައްމަދު ސަލާހާއި ހެރީ ކޭން އަދި ކެވިން ޑިބްރޭނާ އެވެ. ސްޕެއިނުގެ ކޯޗު ލުއިސް އެންރީކޭ ވޯޓު ދިނީ މެސީ، މޮޑްރިޗް އަދި ސަލާހަށެވެ. ސްޕެއިނުގެ ކެޕްޓަން ސާޖިއޯ ރާމޮސް ވޯޓު ދިނީ މޮޑްރިޗް، ރޮނާލްޑޯ އަދި މެސީ އަށެވެ.