އޯލަންޑޯ، ޔުނައިޓެޑް ސްޓޭޓްސް (އޮގަސްޓް 1) - ޕޯޗުގަލްގެ ޒުވާން ތަރި ޔާއޯ ފެލިކްސް އަކީ މިހާތަނަށް އެ އުމުރުގައި އެންމެ ފެނުނު އެންމެ ތަފާތު އެއް ކުޅުންތެރިޔާ ކަމަށް ބުނެ އޭނާ އަށް އެތުލެޓިކޯ މެޑްރިޑްގެ ކޯޗު ޑިއޭގޯ ސިމިއޯނީ ތައުރީފްކޮށްފި އެވެ.

ޕޯޗުގަލްގެ ބެންފީކާ ދޫކޮށް އުމުރުން 19 އަހަރުގެ ފެލިކްސް މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އެތުލެޓިކޯއާ ގުޅުނީ 142 މިލިއަން ޑޮލަރުގެ ފީ އަކަށެވެ. ގިނަ ކްލަބްތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވަނިކޮށް އެތުލެޓިކޯ އިން ފެލިކްސްގެ ސޮއި ހޯދީ ދުނިޔޭގެ އެންމެ އަގުބޮޑު ފަސް ވަނަ ފުޓްބޯޅަ ކުޅުންތެރިޔާގެ ގޮތުގަ އެވެ.

ޕްރީ ސީޒަނުގައި އެތުލެޓިކޯ މިހާތަނަށް ކުޅުނު މެޗުގައި ފެލިކްސް އަންނަނީ ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. ރެއާލް މެޑްރިޑް އަތުން 7-3 އިން އެތުލެޓިކޯ މޮޅުވި މެޗުގައި ފެލިކްސް ލަނޑެއް ޖެހިއިރު އެ މެޗުގެ މޮޅު ކުޅުންތެރިޔަކީ ވެސް އޭނާ އެވެ. އަދި ރޭ އެމެރިކާ ލީގުގެ ތަރިންގެ ޓީމަކާ ދެކޮޅަށް އެތުލެޓިކޯ 3-0 އިން މޮޅުވި މެޗުގައި ވެސް ފެލިކްސް ވަނީ ލަނޑު ޖަހައިފަ އެވެ.

އެ މެޗަށް ފަހު ސިމިއޯނީ ބުނީ ކުރިއަށް އޮތް ސީޒަނަކީ ގިނަ ބަޔަކު ފެލިކްސްގެ ވާހަކަ ދައްކާނެ އަހަރެއް ކަމަށެވެ.

"ނޫސްތަކުގެ ސުރުހީގައި މި ފަހަރު ފެންނާނެ އެއް ނަމަކީ ޔާއޯ (ފެލިކްސް)ގެ ނަން. އަހަރެން އެންމެ ފުރަތަމަ ވެސް އޭނާ ގެންނަން އެތުލެޓިކޯގެ ކިބައިން އެދުނީ އެއް ފެންވަރުގެ ކުޅުންތެރިޔަކު މި ވަގުތު ނުލިބިއްޖެނަމަ މުސްތަގުބަލުގައި ހޯދުމަކީ ވާނެ ކަމެއް ނޫން ކަމަށްވާތީ. އެއީ އާދަޔާހިލާފު ތަރިއެއް،" ކުރިން އެތުލެޓިކޯ އަށް ކުޅުނު ސިމިއޯނީ ބުންޏެވެ.

ސިމިއޯނީ ބުނީ ކުރިއަށް އޮތް ސީޒަނުގައި ފެލިކްސް އަށް އިންޑިވިޖުއަލީ ވަކި ޓާގެޓްތަކެއް ނުދޭނެ ކަމަށާއި އޭނާ ކުރިއަރުވަން ބޭނުންވަނީ ޓީމު ކުޅުންތެރިއެއްގެ ގޮތުގައި ކަމަށެވެ.

"އަހަންނަކީ ވަކި ކުޅުންތެރިއަކަށް އެވޯޑެއް ހޯދައިދޭން އުޅޭ މީހެއް ނޫން. އެއްވެސް ކުޅުންތެރިޔަކަށް އިންޑިވިޖުއަލް ޓާގެޓްތަކެއް ނުދޭނަން. ފެލިކްސް ފަދަ ކުޅުންތެރިން ޑިވެލޮޕްކުރަންޖެހޭނީ ޓީމު ކުޅުންތެރިއެއްގެ ގޮތުގައި،" ސިމިއޯނީ ބުންޏެވެ.

އެތުލެޓިކޯ އަކީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އެންމެ ގިނަ ކުޅުންތެރިންގެ ސޮއި ހޯދި ޓީމެވެ. ސިމިއޯނީ ބުނީ ކުރިއަށް އޮތް ސީޒަނުގައި އެތުލެޓިކޯ އިން ބޭނުންވަނީ ހުރިހާ މުބާރާތެއްގައި ތަށްޓައް ވާދަކުރުމަށް ކަމަށެވެ.