ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުގައި، އާސެނަލްއަށް ލިބުނު ޕެނަލްޓީއެއް ވީއޭއާރްއިން ބަލައި ކެންސަލް ކުރުމުން އެ ޓީމުގެ ކޯޗު މިކޭލް އާޓެޓާ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.
މެޑްރިޑްގައި ކުޅުނު މި މެޗު 1-1 އިން އެއްވަރުވިއިރު، އާސެނަލްގެ ފުރަތަމަ ލަނޑު ޖަހައިދިނީ ވިކްޓަ ޔޮކަރޭސް އެވެ. ނަމަވެސް އޭގެ ކުޑަވަގުތުކޮޅެއް ފަހުން ހޫލިއަން އަލްވަރޭޒް ވަނީ އެތުލެޓިކޯ އަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ.
މެޗުގެ ފޯރިގަދަވީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އެބެރެޗީ އެޒޭ އަށް އޭރިއާ ތެރެއިން އެތުލެޓިކޯގެ ޑޭވިޑް ހަންކޯ ކުރި ފައުލަކަށް ރެފްރީ ޕެނަލްޓީއެއް ދިނުމުންނެވެ. ނަމަވެސް ވީއޭއާރް ބެލުމަށްފަހު ރެފްރީ ވަނީ އެ ނިންމުން ބަދަލުކޮށްފަ އެވެ.
މި ނިންމުމާ ގުޅިގެން އާޓެޓާ ބުނީ އެއީ ގަވާއިދާ ހިލާފު ނިންމުމެއް ކަމަށެވެ. އެކަމުގެ ސަބަބުން މުޅި މެޗުގެ އޮއިވަރު ބަދަލުވެގެންދިޔަ ކަމަށް އޭނާ ބުންޏެވެ.އޭނާ އިތުރަށް ބުނި ގޮތުގައި ރެފްރީއަށް ސާފުކޮށް ފެނިގެން ނިންމި ނިންމުމެއް، ވީއޭއާރް މޮނިޓަރުން 13 ފަހަރު ބަލައިގެން ބަދަލުކުރުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫނެވެ.
"އަހަރެން މިހުރީ އިންތިހާއަށް ރުޅިއައިސްފައި. ސާފުކޮށް ފެންނަން އޮތް ކަމެއްގައި އެ ނިންމުން ބަދަލުކުރީ ކީއްވެގެން ކަމެއް ނޭނގެ. މިއީ މުޅި މެޗުގެ މިސްރާބު ބަދަލުކޮށްލި ކަމެއް. މި ފެންވަރުގެ މެޗެއްގައި މިފަދަ ކަންކަން ވެގެން ނުވާނެ." އާޓެޓާ ބުންޏެވެ.
އަނެއްކޮޅުން އެތުލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނީ ބުނީ ވީއޭއާރްގެ ސަބަބުން ބައެއް ފަހަރު ފައިދާވާނެ ކަމަށެވެ. އަދި އަނެއްބައި ފަހަރު ގެއްލުން ވެސް ވާނެ ކަމަށެވެ. އޭނާ ބުނިގޮތުގައި ގޮތުގައި އާސެނަލްއަށް ލިބުނު ފުރަތަމަ ޕެނަލްޓީއަކީވެސް ސުވާލު އުފެދޭ ނިންމުމެކެވެ.
"ފުރަތަމަ ޕެނަލްޓީއަށް ބަލާއިރު ކުޅުންތެރިޔާ ހުރީ ގައިގައި ޖެހިގަންނާނެކަމަށް އިންތިޒާރުކޮށްގެން. ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލެއްގައި ޕެނަލްޓީއެއް ދޭންވާނީ އެއަށްވުރެ ބޮޑު ކަމެއް ވީމާ. ވީއޭއާރްއަކީ ބައެއް ފަހަރު ދޭ އެއްޗެއް، އަދި ބައެއް ފަހަރު އަތުލާ އެއްޗެއް." ޑިއޭގޯ ސިމިއޯނީ
20 އަހަރަށް ފަހު ޗެމްޕިއަންސް ލީގު ފައިނަލަށް ދަތުރުކުރުމުގެ އިންތިޒާރުގައި އޮތް އާސެނަލް، އެތުލެޓިކޯއާ ދެކޮޅަށް ކުޅޭ ދެވަނަ މެޗު އޮންނާނީ އެ ޓީމުގެ އަމިއްލަ ދަނޑުގަ އެވެ. އެ މެޗު އޮންނާނީ އަންނަ ބުދަ ދުވަހުގެ ރޭގަ އެވެ.