ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ގައުމީ ޓީމާއި މިހާރުގެ ގައުމީ ޓީމު ކުޅޭ ދައްކާލުމުގެ މެޗުގެ ޓިކެޓް މާދަމާ ވިއްކަން ފަށާ ގޮތަށް އެފްއޭއެމުން ހަމަޖައްސައިފި އެވެ.

އަންނަ ހޯމަ ދުވަހުގެރޭ ކުޅޭ މި މެޗުގެ ސިޑިބަރިން ޓިކެޓެއް ވިއްކުމަށް ހަމަޖެހިފައިވަނީ 50ރ. އަށެވެ. ގޮނޑިބަރިން 100ރ. އަށް ޓިކެއް ވިއްކާއިރު ވީއައިޕީ ޓިކެޓް ވިއްކަނީ 150ރ. އަށެވެ.

މާދަމާ ހަވީރު 4-6 އަށް އަދި ރޭގަނޑު 8-10 އަށް ސޯޝަލް ސެންޓަރުންނާއި ގަލޮޅު ދަނޑުން ޓިކެޓް ވިއްކުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ހޮނިހިރު ދުވަހާއި އާދީއްތަ ދުވަހު މެންދުރުފަހު 2-6 އަށް އަދި ރޭގަނޑު 8-10 އަށް ސޯޝަލް ސެންޓަރުންނާއި ގަލޮޅު ދަނޑުން ޓިކެޓް ވިއްކާނެ އެވެ. މީގެ އިތުރުން މެޗު އޮންނަ ދުވަހު ހެނދުނު 10 އިން ފެށިގެން ގަލޮޅު ދަނޑުން ޓިކެޓް ވިއްކުމަށް ވަނީ ހަމަޖެހިފަ އެވެ.

ރާއްޖޭން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިތާ އަށް އަހަރު ފުރުން ފާހަގަކުރުމަށް ކުޅޭ މި މެޗަށް އާޖެންޓީނާގެ ކުރީގެ ކެޕްޓަން ރޮބާޓޯ އަޔާލާ އާއި ސްޕެއިނުގެ ތަޖުރިބާކާރު މިޑްފީލްޑަރު ޒަވީ ހެނާންޑޭޒް ރާއްޖެ އަންނާނެ އެވެ. އަޔާލާ މި މެޗުގައި ކުޅުނު ނަމަވެސް ޒަވީ ނުކުޅޭނެ އެވެ.