ދިވެހި ފުޓްބޯޅައިގެ ހާލަތު ދެނެގަނެ ލަފާ ދިނުމަށް، ޔުވެންޓަސްގެ ކުރީގެ އެސިސްޓަންޓް ކޯޗު އަދި ސްޕޯޓްސް ސައިންސް ޕްރޮފެސަރު ޑެންމާކުގެ ޔެންސް ބަންގްސްބޯ މި މަހު ފަހުކޮޅު ރާއްޖެ އަންނަ ގޮތަށް ހަމަޖެހިއްޖެ އެވެ.

އެފްއޭއެމުން ބުނީ އަންނަ މަހުގެ 1 ވަނަ ދުވަހު ބަންގްލަދޭޝްއާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗާއި އޭޝިއަން ކަޕް ކޮލިފައިންގައި އަންނަ މަހުގެ 6 ވަނަ ދުވަހު ލާއޯސްއާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗު ބަލައި އޭނާ އެލެނެލައިޒްކުރާނެ ކަމަށެވެ.

"ދިވެހި ފުޓްބޯޅައަށް ދިމާވެފައިވާ މައްސަލަތައް ދެނެގަނެ، ދިވެހި ފުޓްބޯޅަ އެހެން ލެލެލަކަށް ގެންދިއުމަށް އަޅަން ޖެހޭ ބިންގާ އެޅުމަށް، ތަޖުރިބާކާރުންގެ ހިޔާލާއި ލަފާ ހޯދުމަށް މަސައްކަތްކުރަމުން މި އަންނަނީ،" އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގް (ޓޮމް) ވިދާޅުވި އެވެ.

ބަންގްސްބޯ ޔުވެންޓަސްގައި މަސައްކަތްކުރީ ދުނިޔޭގެ މަޝްހޫރު ކޯޗު ކާލޯ އަންޗެލޮޓީ 1999-2001 އަށް އެ ޓީމަށް ކޯޗުކަންކޮށްދިން ދުވަސްވަރެވެ. އެ ދުވަސްވަރު އޭނާ ވަނީ އޭރު ދުނިޔޭގެ މަޝްހޫރު ތަރިން ކަމަށްވާ ޗެލްސީގެ މިހާރުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ އާއި ރެއާލް މެޑްރިޑުގެ މިހާރުގެ ކޯޗު ޒައިނުއްދީން ޒިދާނާއި އަލެސަންދްރޯ ޑެލް ޕިއޭރޯ އާއި ޖިއަންލުއުޖީ ބުފޮން އާއި ފިލިއްޕޯ އިންޒާގީ އާއި އެޑްވިން ވެން ޑަ ސާ އާއި އެޑްގާ ޑާވިޑްސް އާއި ޖިއަންލޫކާ ޒަމްބްރޯޓާ ފަދަ ކުޅުންތެރިންނާ އެކު މަސައްކަތްކޮށްފަ އެވެ.

ފީފާ، ޔުއެފާ އަދި އޭއެފްސީ ލައިސަންސް ލިބިފައިވާ އިންސްޓްރަކްޓަރެއް ކަމަށްވާ ބަންގްސްބޯ ވަނީ ޑެންމާކް ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗުކަން ވެސް ކޮށްފަ އެވެ. ސްޕޯޓްސް އެންޑް ސައިންސް ސްޓިއަރިން ކޮމިޓީގެ މެމްބަރުކަން ކުރާ ބަންގްސްބޯ ވަނީ ފުޓްބޯޅައާ ބެހޭ ފޮތްތަކާއި ޖާނަލްތައް ލިޔެ ޝާއިއުކޮށްފަ އެވެ.

ޑެންމާކުގެ ކޯޕަންހޭގަން ޔުނިވާސިޓީ ޕްރޮފެސަރެއްގެ މަގާމް ވެސް އަދާކުރާ ބަންގްސްބޯ ވަނީ ނައިކީގެ ފުޓްބޯޅަ ބޫޓުތައް ޓެސްޓްކުރުމުގައި ވެސް ހަރަކާތްތެރިވެފަ އެވެ.