މިހާރު އެވޯޑްސްގައި ހޮވާ އަހަރުގެ އެންމެ މޮޅު ފިރިހެން ވޮލީބޯޅަ ކުޅުންތެރިޔާ އާއި އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމަށް ނިމިގެން ދިޔަ ގައުމީ ވޮލީބޯޅަ މުބާރާތުން ވާދަކުރާ ކުޅުންތެރިން ކަނޑައަޅައިފި އެވެ.

ގައުމީ މުބާރާތުން އެންމެ މޮޅު ފިރިހެން ކުޅުންތެރިޔާގެ މަގާމަށް ވާދަކުރަނީ ހުޅުމާލޭ ސްޕޯޓްސް ކްލަބުގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އާއި ޕޮލިހުގެ އަލީ ހުޒާމާއި ހުސެއިން ވިޝާމް (ބުޅިކެ) އަދި ދިވެހި ސިފައިންގެ ކްލަބުގެ އަހުމަދު އަބްދުލްކަރީމް (ލޯންގޭ) އަދި ހުސެއިން ޝާހިދު (ޝާޑު) އެވެ.

މި މުބާރާތުން އެންމެ މޮޅު ޒުވާން ފިރިހެން ކުޅުންތެރިޔާގެ މަގާމަށް ވާދަކުރަނީ އާއި ސްޕޯޓްސް ކްލަބުގެ އަރީޒް މުހައްމަދާއި އިއުޖާޒް އަލީ މަލްސަން ސްޕޯޓްސް ކްލަބުގެ އަހުމަދު އަލާމް މުހައްމަދު ދީދީ އެވެ. ވޮލީބޯޅައިގެ މި އެވޯޑްތަކުގެ އިތުރުން ފުޓްބޯޅައިގެ އެންމެ މޮޅު ތިން ކުޅުންތެރިންނާއި އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ ވެސް މިހާރު އެވޯޑްސްގައި ހޮވާނެ އެވެ. އަދި ޓޭބަލް ޓެނިސް، އެތުލެޓިކްސް، ބެޑްމިންޓަން އަދި ސްވިމިން އެއްކޮށްލައިގެން ދެ ޖިންސުން އެންމެ މޮޅު ތިން ކުޅުންތެރިންނާއި އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ ވެސް ހޮވާނެ އެވެ.

މީގެ އިތުރުން ބައިނަލްއަގްވާމީ މައިދާނުގައި ކާމިޔާބީ ހޯދާ ދިވެހި ކުޅުންތެރިންގެ އަގުވަޒަންކުރުމުގެ އެވޯޑަކާއި ކުޅިވަރަށް ދިގު މުއްދަތަކަށް ހިދުމަތްކުރައްވާފައިވާ ފަރާތްތަކަށް ވެސް ހާއްސަ އެވޯޑެއް ދޭނެ އެވެ. އެ އިނާމް ޚާއްސަކުރަނީ ދިވެހި ކުޅިވަރަށް ބައި ގަރުނެއްހާ ދުވަހު ޚިދުމަތްކުރެއްވި މަރްހޫމް މުހައްމަދު ޒާހިރު ނަސީރުގެ ހަނދާނާއި ޝަރަފަށެވެ.