"މިހާރު އެވޯޑްސް" ގައި ހިމެނޭ އަހަރުގެ އެންމެ މޮޅު އަންހެން ވޮލީބޯޅަ ކުޅުންތެރިޔާ އާއި ޒުވާން ކުޅުންތެރިޔާ އަށް ވޮލީބޯލް އެސޯސިއޭޝަން ކަޕުން ވާދަކުރާ ކުޅުންތެރިން ހޮވައިފި އެވެ.
ގައުމީ ވޮލީބޯޅަ ލީގުން އެންމެ މޮޅު ކުޅުންތެރިޔާ އަށް ވާދަކުރަނީ ޗެމްޕިއަން މާފަންނު ޔޫތު ޑިވެލޮޕްމަންޓް އެސޯސިއޭޝަން (މައިޑާ)ގެ އައިޝަތު މާޖިދާ އާއި ފާތިމަތު މަޒިއްޔާ އާއި ރަނަރަޕް، ކްލަބް ވެމްކޯގެ ފާތިމަތު ޖޫޒަން އާއި އައިމިނަތު އަރީޝާ އަދި ޕޮލިސް ކްލަބުގެ ހައްވާ ރާޝިދާ އެވެ.
އެންމެ މޮޅު ޒުވާން އަންހެން ވޮލީބޯޅަ ކުޅުންތެރިޔާގެ އެވޯޑަށް އެސޯސިއޭޝަން ކަޕުން ވާދަކުރަނީ މައިޑާގެ ހަތުމާ މޫސާ އާއި ޕޮލިހުގެ އައިމިނަތު ޝަހާ އާއި ހަމްނާ ހުސެއިން އަލިދީދީ އާއި މާޒިޔާގެ އައިމިނަތު ރުދައިނާ އަދި ޝާނިޔާ އަހުމަދު އެވެ.
މިދިޔަ އަހަރު ތައާރަފްކުރި މިހާރު އެވޯޑްސްގެ މިދިޔަ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ޖޫޒަން އެވެ. އަދި އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑް ހާސިލްކުރީ އަރީޝާ އެވެ.
ވޮލީބޯޅައިގެ މި ދެ އެވޯޑުގެ އިތުރުން ފުޓްބޯޅައިން ދެ ޖިންސުން އެންމެ މޮޅު ތިން ކުޅުންތެރިންނާއި އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ ވެސް މިހާރު އެވޯޑްސްގައި ހޮވާނެ އެވެ. މީގެ އިތުރުން ޓޭބަލް ޓެނިސް، އެތުލެޓިކްސް، ބެޑްމިންޓަން އަދި ސްވިމިން އެއްކޮށްލައިގެން ދެ ޖިންސުން އެންމެ މޮޅު ތިން ކުޅުންތެރިންނާއި އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ ވެސް ހޮވާނެ އެވެ.
މީގެ އިތުރުން ބައިނަލްއަގްވާމީ މައިދާނުގައި ކާމިޔާބީ ހޯދާ ދިވެހި ކުޅުންތެރިންގެ އަގުވަޒަންކުރުމުގެ އެވޯޑަކާއި ކުޅިވަރަށް ދިގު މުއްދަތަކަށް ހިދުމަތްކުރައްވާފައިވާ ފަރާތްތަކަށް ވެސް ހާއްސަ އެވޯޑެއް ދޭނެ އެވެ. އެ އިނާމް ޚާއްސަކުރަނީ ދިވެހި ކުޅިވަރަށް ބައި ގަރުނެއްހާ ދުވަހު ޚިދުމަތްކުރެއްވި މަރްހޫމް މުހައްމަދު ޒާހިރު ނަސީރުގެ ހަނދާނާއި ޝަރަފަށެވެ.