އަންނަ ހަފްތާގައި ފަށާ އެފްއޭ ކަޕު ފުޓްބޯޅަ މުބާރާތުގައި ކްލަބް އީގަލްސް އިން ވާދަކުރާނީ ޒުވާން ޓީމެއް ކަމަށް އެ ކްލަބުން ބުނެފި އެވެ.
އެސްޓީއޯ މާލޭ ލީގުގެ ގަދަ ހަތަރަކުން ފަހު ވަގުތު ޖާގަގެއްލި ދިވެހި ޕްރިމިއާ ލީގުން ފުރުސަތު ގެއްލުމުން އީގަލްސް އިން ވަނީ އެ ޓީމަށް ކުޅޭ ގިނަ ކުޅުންތެރިން ލޯން އުސޫލުން ޕްރިމިއާ ލީގުގައި ކުޅޭ ޓީމުތަކަށް ދޫކޮށްލައިފަ އެވެ. އޭގެ ތެރެއިން ގިނަ ކުޅުންތެރިން ތިބީ ތިނަދޫގަ އެވެ.
އީގަލްސްގެ ޖެނެރަލް ސެކްރެޓަރީ މުފާވިޒް ހާޝިމް (މުފާ) "މިހާރަ"ށް ވިދާޅުވީ އެފްއޭ ކަޕުގައި ވާދަކުރަން ކުރިން ވެސް ނިންމާފައިވާ ކަމަށާއި މިއީ ޒުވާން ކުޅުންތެރިންނަށް ލިބޭ ފުރުސަތެއް ކަމަށެވެ.
"ޔޫތު މުބާރާތް ޑިސެމްބަރު މަހު އޮތީމަ. އީގަލްސް އިން ނިންމާފައިވަނީ މި މުބާރާތުގައި ޒުވާން ޓީމު ނެރެން. ދެން މިއީ މި ކުޅުންތެރިންނަށް ވެސް ލިބޭ ފުރުސަތެއް،" އޭނާ ވިދާޅުވި އެވެ.
މާލޭ ލީގުގެ ގަދަ ހަތަރަކުން ކެޓި ޓީމުތަކުގެ ތެރެއިން އެފްއޭ ކަޕުގައި ވާދަކުރަނީ އީގަލްސް އެކަންޏެވެ. އީގަލްސްގެ ކޯޗުކަމުން ވަކިވެ އިހުސާން އަބްދުލް ގަނީ (ސާންތީ) 19 އަހަރުން ދަށުގެ ގައުމީ ޓީމާ ހަވާލުވެފައިވާއިރު، އެފްއޭ ކަޕުގައި އެ ޓީމަށް އިރުޝާދުދޭނީ އެސިސްޓަންޓް ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓެ) އެވެ.
އެފްއޭ ކަޕުގެ ކުއާޓާ ފައިނަލުގައި އީގަލްސް ނުކުންނާނީ ނިއު ރޭޑިއަންޓާ ދެކޮޅަށެވެ. އީގަލްސް އިން ވަނީ 2012 ވަނަ އަހަރުގެ އެފްއޭ ކަޕް ފައިނަލަށް ދިޔައިރު ނިއު ކަޓުވާލައިފަ އެވެ. އެއީ އެ ސީޒަނުގައި ނިއު ބަލިވި ހަމައެކަނި މެޗެވެ.
އެފްއޭ ކަޕް 2017 މެޗުތައް:
ކުއާޓާ ފައިނަލް: 29 ނޮވެމްބަރު 16:00، މުއިވެޔޮ ފްރެންޑްސް ކްލަބް - މާޒިޔާ
ކުއާޓާ ފައިނަލް: 29 ނޮވެމްބަރު 21:00، ނިއު ރޭޑިއަންޓް - އީގަލްސް
ކުއާޓާ ފައިނަލް: 30 ނޮވެމްބަރު 16:00، ކޮންފެރޭ ސްޕޯޓްސް ކްލަބް - ކްލަބް ގްރީން ސްޓްރީޓްސް
ސެމީ ފައިނަލް 1: 2 ޑިސެމްބަރު 21:00، ޓީސީ ސްޕޯޓްސް ކްލަބް - މުއިވެޔޮ / މާޒިޔާ
ސެމީ ފައިނަލް 2: 3 ޑިސެމްބަރު 21:00، ނިއު / އީގަލްސް - ގްރީން ސްޓްރީޓްސް / ކޮންފެރޭ
ތިން ވަނަ ހޮވާ މެޗު: 6 ޑިސެމްބަރު 16:00، ސެމީ 1 ބަލިވާ ޓީމު - ސެމީ 2 ބަލިވާ ޓީމު
ފައިނަލް މެޗު: 6 ޑިސެމްބަރު 21:00، ސެމީ 1 މޮޅުވާ ޓީމު - ސެމީ 2 މޮޅުވާ ޓީމު