ދިވެހި ޕްރިމިއާ ލީގުގެ ކްލަބް އީގަލްސް ކަޓުވާލައި މުޅިން އަލަށް ވާދަކުރާ ބްލޫ ސްޕޯޓްސް ކްލަބް އެފްއޭ ކަޕްގެ ސެމީ ފައިނަލަށް ދަތުރު ކޮށްފި އެވެ.

ތިން އަހަރު ފަހުން ބާއްވާ އެފްއޭ ކަޕްގެ ކުޅުން މިއަދު ހަވީރު ފެށި އިރު، ފުރަތަމަ މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، ބްލޫސް އާއި އީގަލްސް އޮތީ 2-2 އިން އެއްވަރު ވެފަ އެވެ. ޕެނަލްޓީގައި 4-3 އިން މޮޅުވެގެން ސެމީ އަށް ދަތުރު ކުރީ މި އަހަރު ތިންވަނަ ޑިވިޝަން ކުޅެން ތައްޔާރު ވެފައިވާ ބްލޫ އެވެ.

މެޗުގެ ވަރަށް ކުރީކޮޅު ބްލޫސް ވަނީ ލީޑު ނަގައި އީގަލްސް ޕްރެޝަރަށް ވައްޓާލައިފަ އެވެ. އޭރިއާ ތެރޭ ހުސްކޮށް ހުރެ މެޗުގެ 11 ވަނަ މިނިޓުގައި ފޮނުވާލި ހަމަލާ ގޯލަށް ވައްދާލައިގެން ބްލޫގެ ފުރަތަމަ ލަނޑު ޖަހައިދިނީ އަހުމަދު ފާލިހް ލަމްރަތެވެ. ފުރަތަމަ ހާފް ނިންމާލީ މި ނަތީޖާއިން ބްލޫ ކުރީގައި އޮވެ އެވެ.

އީގަލްސް ނަތީޖާ އެއްވަރު ކުރީ ލިބުނު ޕެނަލްޓީއަކުންނެވެ. އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) އަށް އޭރިއާ ތެރެއިން ފައުލް ކުރީ ކަމަށް ބަލައި އީގަލްސް އަށް ދިން ޕެނަލްޓީ 60 ވަނަ މިނިޓުގައި ކާމިޔާބު ކޮށްދިނީ އިސްމާއިލް އީސަ (މެސީ) އެވެ. އަދި 76 ވަނަ މިނިޓުގައި ޒައިން ޒަފަރު އޭރިއާ ބޭރުގައި ހުރެ ފޮނުވާލި ބޯޅަ ގޯލުގެ މަތީ ކަނަށް އަމާޒު ކޮށްލައިގެން އީގަލްސް ވަނީ މެޗުގައި ލީޑު ހޯދައިފަ އެވެ.

ބްލޫ އާއި އީގަލްސް ބައްދަލުކުރި މެޗުގެ ތެރެއިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ބްލޫ އާއި އީގަލްސް ބައްދަލުކުރި މެޗުގެ ތެރެއިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ބްލޫ އެއްވަރު ކުރީ 86 ވަނަ މިނިޓުގައި އަބްދުﷲ އިޔާދު މުހައްމަދު ފޮނުވާޅި ބޯޅަ ގޯލަށް ވައްދާލައިގެންނެވެ.

ޕެނަލްޓީގައި އީގްލްސްގެ އީސަ ފޮނުވާލި ފުރަތަމަ ޕެނަލްޓީ ގޯލުގެ އަރިމަތީ ދަނޑިއަށް އަމާޒު ވި އިރު، އައްޑޯ ކޫފޯ ފޮނުވާލި ބްލޫގެ ފުރަތަމަ ޕެނަލްޓީ އީގަލްސްގެ ކީޕަރު މުހައްމަދު އަޝްވާން ދިފާއު ކުރި އެވެ. އެއަށް ފަހު އީގަލްސްގެ ޒައިން ފޮނުވާލި ޕެނަލްޓީ ކާމިޔާބު ކުރި ނަމަވެސް އަބްދުﷲ ޒުހާން ހަސަން މުހައްމަދު ފޮނުވާލި ޕެނަލްޓީ، ބްލޫގެ ކީޕަރު ސްރީލަންކާގެ މުހައްދު އަޝްފާގް އަޔުބް ވަނީ ދިފާއު ކޮށްފަ އެވެ. އީގަލްސްގެ އަނެއް ދެ ޕެނަލްޓީ ކާމިޔާބު ކުރީ ޓޮޝްޕުލަޓޮވް އުގްލީ އާއި އަބްދުﷲ ސަމީހް މޫސާ (ސަމިއްޓޭ) އެވެ.

ބްލޫސްގެ ފުރަތަމަ ޕެނަލްޓީ ނާކާމިޔާބު ވިއަސް އެޓީމުން ދެން ފޮނުވާލި ހަތަރު ޕެނަލްޓީ ވެސް ވަނީ ކާމިޔާބު ކޮށްފަ އެވެ. ޕެނަލްޓީތައް ޖަހައިދިނީ ޝިޔާން މުހައްމަދު، އިޔާދު، މައިކަލް އަކުއާޔޭ އަދި މުހައްމަދު ޖިނާހެވެ.

ސެމީގައި ބްލޫ ވާދަ ކުރަން ޖެހޭނީ މިރޭ ނިއު ރޭޑިއަންޓާއި އޮޑި ސްޕޯޓްސް ބައްދަލުކޮށް މޮޅުވާ ޓީމަކާ އެވެ. އީގަލްސް އާއި އޮޑީ ބައްދަލުކުރާ މެޗު ފަށާނީ 9 ޖަހާއިރެވެ.