ކުރީގެ ކޯޗު އެލެކްސް ފާގަސަން 2013 ގައި ރިޓާޔާކުރި ފަހުން، މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުންނާއި ޓެކްނިކަލް އޮފިޝަލުން ގެނައުމަށާއި ވަކިކުރުމަށް އެ ކްލަބުން ކުރި ހަރަދު 143 މިލިއަން ޑޮލަރަށް ވުރެވެ މައްޗަށް އަރައިފި އެވެ.
އެންމެ ފަހުން ޔުނައިޓެޑްގައި މަސައްކަތް ކުރި ކޯޗު މައިކަލް ކެރިކް މިހާރު ވަނީ މަގާމުން ވަކިކޮށްފަ އެވެ. އޭނާގެ ބަދަލުގައި އެމެރިކާ ގައުމީ ޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ހަމަޖެއްސުމަށް ވަނީ ނިންމާފަ އެވެ.
ފާއިތުވި 13 އަހަރު ތެރޭގައި ޔުނައިޓެޑުން މިކަމަށް ކުރި ޖުމްލަ ހޭދަ ވަނީ 143.7 މިލިއަން ޑޮލަރަށް އަރައިފަ އެވެ.
މި އަދަދުގެ ދެބައިކުޅަ އެއްބަޔާ ގާތްކުރާ އަދަދެއް ހަރަދު ކުރީ 2024 ގެ ފަހުންނެވެ. އެ އަހަރުން ފެށިގެން މިހާތަނަށް ޔުނައިޓެޑުން ވަނީ ކޯޗުން ބަދަލުކުރުމަށް 65.3 މިލިއަން ޑޮލަރު ހޭދަކޮށްފަ އެވެ.
އޭގެ ތެރޭގައި އެރިކް ޓެން ހާގާއި ސްޕޯޓިން ޑިރެކްޓަރު ޑޭން އޭޝްވާތު ވަކިކުރުމަށް ދެއްކި ބަދަލާއި، ރުބެން އަމޮރިމް ގެނައުމަށާއި ވަކިކުރުމަށް ހިނގި ހަރަދު ހިމެނެ އެވެ.
މީގެ ކުރިން ޔުނައިޓެޑުން އެންމެ ބޮޑު ބަދަލެއް ދީފައިވަނީ 2018 ވަނަ އަހަރު ހޯޒޭ މޮރީނިއޯ ވަކިކުރުމަށެވެ. އެ ފަހަރު 26 މިލިއަން ޑޮލަރު ހޭދަވި އެވެ. ޑޭވިޑް މޮޔެސް އާއި ލުއިސް ވެން ހާލް، އޮލޭ ގުނާ ސޯލްޝެއާ އަދި ރާފް ރަންގްނިކް މަގާމުން ފޮނުވާލުމަށް ވެސް ބޮޑު ހޭދައެއް ކުރަން ޖެހުނެވެ.
މިއަދު ކެރިކް އާއި އޭނާގެ އެހީތެރިން ވަކިކުރުމަށް ގާތްގަނޑަކަށް 6.6 މިލިއަން ޑޮލަރު ހޭދަވާނެ އެވެ. އެމެރިކާގެ ގައުމީ ޓީމާ އެކު 2030 ގެ ވޯލްޑް ކަޕްގެ ނިޔަލަށް އެއްބަސްވުން ހަދާފައިވާ ޕޮޗެޓީނޯ ގެނައުމަށް އެމެރިކާގެ ފެޑެރޭޝަނަށް 10 މިލިއަން ޑޮލަރު ވެސް ދައްކަން ޖެހޭނެ އެވެ.
ފާގަސަންއަށް ފަހު ކޯޗުންނާއި ޓެކްނިކަލް މަގާމު ބަދަލުކުރަން ޔުނައިޓެޑެން ކުރި ހޭދަ:
- 2013 ގައި ފާގަސަންގެ ކޯޗިން ސްޓާފުންނަށް ބަދަލުގެ ގޮތުގައި: 3.2 މިލިއަން ޑޮލަރު
- 2014 ގައި ޑޭވިޑް މޮޔެސް އާއި އޭނާގެ ކޯޗިން ސްޓާފުން ވަކިކުރުމަށް: 6.5 މިލިއަން ޑޮލަރު
- 2016 ގައި ލުއިސް ވެން ހާލް އާއި އޭނާގެ ކޯޗިން ސްޓާފުން ވަކިކުރުމަށް: 11.1 މިލިއަން ޑޮލަރު
- 2018 ގައި ހޯޒޭ މޮރީނިއޯ އާއި އޭނާގެ ކޯޗިން ސްޓާފުން ވަކިކުރުމަށް: 26.0 މިލިއަން ޑޮލަރު
- 2021 ގައި އޮލޭ ގުނާ ސޯލްޝެއާ އާއި އޭނާގެ ކޯޗިން ސްޓާފުން ވަކިކުރުމަށް: 12.1 މިލިއަން ޑޮލަރު
- 2022 ގައި ރާފް ރަންގްނިކްގެ އެއްބަސްވުން އުވާލުމަށާއި އޭނާ އެކުލަވާލި އޮނިގަނޑު ބަދަލުތަކަށް: 19.5 މިލިއަން ޑޮލަރު
- 2024 ގައި ނިއުކާސަލް ޔުނައިޓެޑުން ސްޕޯޓިން ޑިރެކްޓަރު ޑޭން އޭޝްވާތު ގެނައުމަށް: 4.0 މިލިއަން ޑޮލަރު
- 2024 ގައި އެރިކް ޓެން ހާގާއި އޭނާގެ ކޯޗިން ސްޓާފުން ވަކިކުރުމަށް: 13.8 މިލިއަން ޑޮލަރު
- 2024 ގައި ސްޕޯޓިން ލިޒްބަންއިން ރުބެން އަމޯރިމްއާއި އޭނާގެ ސްޓާފުން ގެނައުމަށް: 14.6 މިލިއަން ޑޮލަރު
- 2024 ގައިމަގާމާ ހަވާލުވިތާ ފަސް މަސް ފަހުން ޑޭން އޭޝްވާތު ވަކިކުރުމަށް: 5.4 މިލިއަން ޑޮލަރު
- 2026 ޖެނުއަރީ، ރުބެން އަމޯރިމް އާއި އޭނާގެ ކޯޗިން ސްޓާފުން ވަކިކުރުމަށް: 10.9 މިލިއަން ޑޮލަރު
- 2026 ނޮވެމްބަރު، މައިކަލް ކެރިކް އާއި އޭނާގެ އެހީތެރިން ވަކިކުރުމަށް: ގާތްގަނޑަކަށް 6.6 މިލިއަން ޑޮލަރު
- 2026 ނޮވެމްބަރު، އެމެރިކާގެ މަގާމުން ޕޮޗެޓީނޯ އެއްކޮށް ވީއްލުމަށް ދައްކަންޖެހޭ 10 މިލިއަން ޑޮލަރު
ޖުމްލަ ހޭދަ: ގާތްގަނޑަކަށް 143.7 މިލިއަން ޑޮލަރު