ކޯޗު މައިކަލް ކެރިކަށް މެންޗެސްޓާ ޔުނައިޓެޑްގެ އެގްޒެކެޓިވް ބޯޑުން ކުރި އިތުބާރު ފެނަށްވެ، 75 އަހަރުތެރޭ ކްލަބް ވެއްޓިފައި ނުވާ ހަލަތަކަށް ހިނގައިދާނެކަމުގެ ބިރު ބޮޑު ވެއްޖެ އެވެ.
މިދިޔަ ހަފުތާގައި ބޯންމައުތު އަތުން 3-0 ން ބަލިވުމުން، ކެރިކްގެ ކުރިމަގާ މެދު ބޮޑު ސުވާލުތަކެއް އުފެދުނެވެ. ނިއުކާސަލް ޔުނައިޓެޑްގެ ކުރީގެ ކޯޗު އެޑީ ހޯ އާއި ބެޔާން މިޔުނިކާއި ޖަރުމަނުގެ ގައުމީ ޓީމުގެ ކުރީގެ ކޯޗު ހޫލިއަން ނާގެލްސްމަންގެ ތެރެއިން، ކޮންމެވެސް އެއް ކޯޗަކު މަގާމަށް ހަމަޖެއްސުމަށް ޔުނައިޓެޑްގެ ބޯޑުން ވިސްނަމުންދާކަމަށް އޭރު އަޑު ފެތުރުނެވެ.
އެކަމަކު އިނގިރޭސި ބިލިއަނަރު ޖިމް ރެޓްކްލިފް އިސްކޮށް ފުޓްބޯޅަ ޑިޕާޓްމެންޓް ބަލަހައްޓާ ޔުނައިޓެޑްގެ ބޯޑުން ނިންމީ ކެރިކަށް އިތުރު ފުރުސަތެއް ދިނުމަށެވެ. އަދި އޭނާ އާއި ޔުނައިޓެޑްގެ މިހާރުގެ ސްކޮޑަށް ކްލަބްގެ ހާލަތު ބަދަލުކުރެވޭނެކަމަށް ވެސް އެކްސްކޯއިން ގަބޫލު ކުރި ކަމަށް ވެސް އީއެސްޕީއެންއިން ބުންޏެވެ.
ނަމަވެސް އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީއަތުން 2-0 ން ރޭ ބަލިވެ، ޔުނައިޓެޑް ވަނީ ރެލިގޭޝަން ޒޯނަށް ވެއްޓިފަ އެވެ. ކެރިކަށް އަނެއްކާވެސް ފުރުސަތެއް ދިނަސް ނުވަތަ އާ ކޯޗަކު ގެނެޔަސް މަސައްކަތް ފަށަން ޖެހޭނީ ރެލިގޭޝަން ޒޯނުން ކްލަބް ސަލާމަތް ކުރުމަށެވެ.
މި ސީޒަނުގައި މިހާތަނަށް ކުޅުނު 13 މެޗުގެ ތެރެއިން ޔުނައިޓެޑަށް ހޯދިފައި ވަނީ އެންމެ 10 ޕޮއިންޓެވެ.
އަންގާރަ ދުވަހުގެ ރޭ ރޯމާއާ ދެކޮޅަށް ޔޫއެފާ ޗެމްޕިއަންސް ލީގުގައި ކުޅޭ މެޗުން ޔުނައިޓެޑް ބަލިވެއްޖެނަމަ، 75 އަހަރުތެރޭ އެ ޓީމަށް ކުރިމަތިވާނެ އެންމެ ދަށް ސީޒަނާ އެއްވަރު ވާނެ އެވެ. ލީގުގައި ޔުނައިޓެޑަށް މިހާތަނަށް ލިބުނު މޮޅެއް ވިއްޔާ ލިބުނީ އޯގަސްޓް މަހު އިޕްސްވިޗް ޓައުންއާ ދެކޮޅަށެވެ. ލީގުގައި ލިބުނު އަނެއް ހަތަރު ޕޮއިންޓަކީ ހަތަރު މެޗުން އެއްވަރުކޮށްލައިގެން ހޯދި ޕޮއިންޓްތަކެވެ.
ޗެލްސީއާ ދެކޮޅަށް ރޭ ކުޅުނު މެޗުގައި ޔުނައިޓެޑަށް ފުރުސަތުތައް ބޭނުމެއް ނުކުރެވުނެވެ. ދެވަނަ ހާފުގައި ހެރީ މެގުއާ އާއި ލިސަންޑްރޯ މާޓިނޭޒަށް ހެދުނު ގޯސްތަކުން މޯގަން ރޮޖާސް އާއި ކޯލް ޕާމާ ޗެލްސީގެ ލަނޑުތައް ޖެހި އެވެ. ޕާމާ ލަނޑު ޖެހީ މާޓިނޭޒް ކުރި ފައުލަށް ދިން ޕެނަލްޓީއަކުންނެވެ.
އެ ފައުލަށް މާޓިނޭޒަށް ރަތްކާޑް ދައްކައި ދަނޑުން ފޮނުވާލުމުން، ދެވަނަ ހާފުގެ ބޮޑުބައި ޔުނައިޓެޑުން ކުޅުނީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ.